އދ. ދަނގެތީގައި ގާއިމުކޮށްފައިވާ ފިއުލް ސަޕްލައި މޯލްޑިވްސްގެ ފިއުލް ސްޓޭޝަން ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.

މިއީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އެސްޓީއޯއާއި އެފްއެސްއެމް ގުޅިގެން ކުރަމުންދާ މަސައްކަތެކެވެ.

ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ހެދުމުގެ މަޝްރޫޢު އިފްތިތާހްކުރީ 2024ވަނަ އަހަރުގެ ނޮވެންބަރު މަހުގެތެރޭގައެވެ. މި މަޝްރޫޢަކީ، މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ހެޔޮ އަގެއްގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ.

އދ ދަނގެތީ ފިއުލް ސްޓޭޝަން ހުޅުވައިފި
އދ ދަނގެތީ ފިއުލް ސްޓޭޝަން ހުޅުވައިފި

އދ. ދަނގެތީގައި ގާއިމުކޮށްފައިވާ ފިއުލް ސަޕްލައި މޯލްޑިވްސްގެ ފިއުލް ސްޓޭޝަން/ ފޮޓޯ؛ އެފްއެސްއެމް

ފިއުލް ސްޓޭޝަން ޤާއިމްކުރާ 18 ރަށް:

• ރ. ދުވާފަރު
• ހއ. އިހަވަންދޫ
• ހދ. ހަނިމާދޫ
• ށ. މިލަންދޫ
• ބ. އޭދަފުށި
• ވ. ފެލިދޫ
• ފ. ނިލަންދޫ
• ދ. މީދޫ
• އދ. ދަނގެތި
• އއ. މަތިވެރި
• ތ. ހިރިލަންދޫ
• މ. މުލަކު
• ލ. ގަން
• ގދ. ފިޔޮރީ
• ގދ. ފަރެސްމާތޮޑާ
• ސ. ހުޅުމީދޫ
• ގއ. ދެއްވަދޫ
• ނ. މަނަދޫ

އދ ދަނގެތީ ފިއުލް ސްޓޭޝަން ހުޅުވައިފި
އދ ދަނގެތީ ފިއުލް ސްޓޭޝަން ހުޅުވައިފި

އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް، ފޮޓޯ: ޕީއެސްއެމްނިއުސް

މީގެ ތެރެއިން ރ. ދުވާފަރު، ހއ. އިހަވަންދޫ، ހދ.ހަނިމާދޫ، ބ.އޭދަފުށި، ށ.މިލަންދޫ، އަދި ފ.ނިލަންދޫގެ އިތުރުން ދ. މީދޫއާއި ނ. މަނަދޫ އަދި އދ.ދަނގެތީގައި މިހާރު ވަނީ ފިއުލް ސްޓޭޝަންތައް ހުޅުވައި ޚިދުމަތް ދޭން ފަށާފައެެވެ.

މިމަޝްރޫއުގެ އިތުރުންވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފިއުލް ސްޓޭޝަންތައް ޤާއިމްކުރުމުގެ މަސައްކަތް އެފްއެސްއެމްއިން އަންނަނީ ކުރަމުންނެވެ. މިހާރު ރާއްޖޭގެ ގިނަ އަތޮޅުތަކުގައި ތެޔޮ ފޯރުކޮށްދެނީ އަމިއްލަ ފަރާތްތަކުންނެވެ. އޭގެ ސަބަބުން ތެޔޮ ގަންނަން ލިބެނީ އާއްމު ރޭޓަށްވުރެ އަގު ބޮޑުކޮށެވެ. މިކަން ޙައްލު ކޮށްދެއްވުމަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ފިއުލް ސްޓޭޝަންތަކެއް ޤާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މާލެއެކޭ އެއްފަދައިން އަތޮޅުތަކުގެ ރަށްރަށުންވެސް ހެޔޮ އަގުގައި ތެޔޮ ނުލިބުމަކީ ރައްޔިތުންގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ސަރުކާރުން ފަށާފައިވާ މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންގެ މި ކަންބޮޑުވުމަށް ހައްލެއް ލިބޭނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.