ފަރަންސޭސިވިލާތުގައި މިހާރު ކުރިއަށްދާ ޕެރިސް މާސްޓަރސް ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން މިމުބާރާތުގައި 2 ވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި 3 ވަނައަށް ސީޑު ކުރެވިފައިވާ ބެން ޝެލްޓަން ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ސެމީ ފައިނަލުން އަލްކަރާޒް ޖާގަހޯދީ ކުއާޓަރ ފައިނަލްގައި 11 ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޭލަރ ފްރިޓްޒް އާއި ބައްދަލުކުރި މެޗު 2-1 ސެޓުން ކާމިޔާބު ކޮށްގެންނެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓު ދިޔައީ ވަރަށް ފޯރިގަދަ ކޮށެވެ. މިގޮތުން ވަރަށް ހަމަހަމަ ކުޅުމަކަށްފަހު ޓައި ބްރޭކަކަށް ދިޔަ މިސެޓު 12-10 އިން ކާމިޔާބު ކޮށްފައިވަނީ ފްރީޓްޒެވެ. ނަމަވެސް އަލްކަރާޒް ވަނީ ދެވަނަ ސެޓު ހަތެއް ފަހަކުން ކާމިޔާބު ކޮށް މިމެޗު 3 ވަނަ ސެޓަކަށް ގެންގޮސްފައެވެ. އަދި ފަހު ސެޓު އަލްކަރާޒް ވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހައެއް ތިނަކުން ކާމިޔާބު ކޮށްފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އަލްކަރާޒް ބުނީ މިމެޗުގައި ދެ ކުޅުންތެރިންވެސް ވަނީ ވަރަށް މޮޅަށް ކުޅެފައިކަމަށާއި މިމެޗުގައި އަލްކަރާޒް ބޮޑަށް އިސްކަންދިނީ އުނދަގޫ ވަގުތުތަކުގައި ހިތްވަރު އެލުވާނުލައި އެކަމުން އަރައިގަނެވޭތޯ މަސައްކަތް ކުރުމަށްކަމަށެވެ. މިމެޗުން ބަލިވުމާއެކު މިމަހުގެ 15 އިން 22 އަށް އިޓަލީވިލާތުގެ ޓިއުރިންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޓީޕީ ފައިނަލްސްއިން ފްރިޓްޒްއަށް މިވަނީ ޖާގަ ގެއްލިފައެވެ. އޭގެ ބަދަލުގައި މިނަތީޖާ އާއެކު އެމުބާރާތުން ޖާގަލިބޭނެކަން މިހާރު ކަށަވަރުވެފައިވަނީ ސްޕެއިންގެ ރަފައެލް ހޯޑާއަށެވެ.
މިކާމިޔާބީއާއެކު މިމުބާރާތުގެ ސެމީ ފައިނަލްގައި އަލްކަރާޒް ވާދަކުރާނީ ނޯވޭގެ ކެސްޕަރ ރޫޑް އާއެވެ. މިމުބާރާތުގެ ސެމީ ފައިނަލުން ރޫޑް ޖާގަހޯދީ ކުއާޓަރ ފައިނަލްގައި ޕޯޗުގަލްގެ ނޫނޯ ބޯގެސް އާއި ބައްދަލުކުރި މެޗު ސީދާ 2 ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ 2 ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ 7-5 އަދި 6-4 އިންނެވެ.

މިމުބާރާތުގެ ސެމީ ފައިނަލުން ޝެލްޓަން ޖާގަހޯދީ 12 ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޮމީ ޕޯލް އާއި ބައްދަލުކުރި މެޗު 2 ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ހައެއް ހަތަރަކުން ޝެލްޓަން ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ހަތަރެއް ހަޔަކުން ކާމިޔާބު ކޮށްފައިވަނީ ޕޯލްއެވެ. އަދި ފަހު ސެޓު ޝެލްޓަން ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނަކުންނެވެ. މިމުބާރާތުގެ ސެމީ ފައިނަލްގައި ޝެލްޓަން ވާދަކުރާނީ ފަރަންސޭސިވިލާތުގެ ލޫކާ ވެން އާޝަރ އާއެވެ. މިމުބާރާތުގެ ސެމީ ފައިނަލުން ވެން އާޝަރ ޖާގަހޯދީ ކުއާޓަރ ފައިނަލްގައި އޮސްޓްރޭލިއާގެ ރިންކީ ހިޔިކާޓާ އާއި ބައްދަލުކުރި މެޗު ހައެއް ހަތަރެއް، ހަތަރެއް ހަތެއް އަދި ހަތެއް ފަހަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.