ވޯޓު ދިނުމާއި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ހައްޤަކީ، ޤާނޫނުއަސާސީގެ 26ވަނަ މާއްދާއިން ކޮންމެ ދިވެހި ރައްޔިތަކަށްވެސް ކަށަވަރު ކޮށްދީފައިވާ ޙައްޤެކެވެ. ނަމަވެސް ގިނަފަހަރު މި ޙައްގު އަދާކުރެވެނީ ހަމައެކަނި އާންމު އިންތިޚާބުތަކުގައެވެ. ބައި-އިލެކްޝަންތަކުގައި ވޯޓުލުމަށް ދެވޭ އަހައްމިއްޔަތުކަން ބޮޑުތަނުން ދަށްވެގެންދެއެވެ.

ދިވެހިރާއްޖޭގައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ވޯޓުލުމުގެ ޙައްގު ކަށަވަރުކޮށްދީފައިވަނީ ފުރިހަމަ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އަޑަކީ ރައްޔިތުންގެ އަޑަށްވާތީއެވެ. ޤައުމާއި ރަށުގެ ކަންކަމުގައި ގޮތް ނިންމުމަށް ރައްޔިތުން ބޭނުންވާ މީހަކަށް އެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައެވެ. ޤައުމީ ފެންވަރުގައްޔާއި، ރަށު ފެންވަރުގައި ރައްޔިތުން ތަމްސީލް ކުރައްވާނެ ފަރާތްތައް ހޮވުމުގެ ފުރިހަމަ ބާރު ރައްޔިތުންނަށް ދިނުމަށެވެ.

ރާއްޖޭގައި މިވަގުތު ރައްޔިތުން ތަމްސީލުކުރައްވާ މަޤާމުތަކުގެ ތެރެއިން އެންމެ މުހިންމު މަޤާމަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އެއީ ޤައުމުގެ ހުރިހާ ރައްޔިތުން ތަމްސީލުކުރައްވާ ބޭފުޅާއެވެ. ދެން ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. އެއީ ޤާނޫނުތައް ހެދުމާއި އިސްލާހުކުރުމުގައި ވަކިވަކި ދާއިރާތަކުގެ ރައްޔިތުންގެ އަޑު ޤައުމީ ފެންވަރުގައި އިއްވުމަށް އިންތިޚާބު ކުރެވޭ ބޭފުޅުންނެވެ.

ބައި-އިލެކްޝަން: ރައްޔިތުންނާ ގުޅުންހުރި މުހިންމު އިިންތިޚާބެއް
ބައި-އިލެކްޝަން: ރައްޔިތުންނާ ގުޅުންހުރި މުހިންމު އިިންތިޚާބެއް

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުބުރުގެ ވޯޓުލުން / ފޮޓޯ: މުޙައްމަދު ވަޙީދު، ޕީއެސްއެމް ނިއުސް

ލާމަރުކަޒީ ނިޒާމުގެ ދަށުން ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އިންތިޚާބުކުރެވޭ ސިޓީ އަދި ރަށު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަކީވެސް އެހާމެ މުހިންމު މަޤާމުތަކަކެވެ. އެއީ ރަށުގެ ކުރިމަގު ބައްޓަން ކުރުމަށް ރައްޔިތުންގެ ފަރާތުން ވަކާލާތުކުރައްވާނެ އަދި ގޮތް ނިންމަވާނެ ބޭފުޅުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުތަކަށް ރައްޔިތުން ވޯޓުލާން އޮންނަ ޝައުގުވެރިކަން ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުތަކުގައި ފެނިގެންނުދެއެވެ.

މިއަހަރު ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ އާންމު އިންތިޚާބު ބޭއްވި ނަމަވެސް އެކި ސަބަބުތަކާހުރެ އަދިވެސް ބައެއް ގޮނޑިތަކަށް މެންބަރުން އިންތިޚާބު ނުކުރެވެއެވެ. އެހެންވެ މި މަހުގެ 28ވަނަ ދުވަހު އެ ދާއިރާތަކުގެ ބައި-އިލެކްޝަން ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެއީ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު އަދި ހއ. ވަށަފަރު އަންހެނުންގެ ކޮމިޓީގެ ރައީސާއި އައްޑޫ ހުޅުދޫ އަންހެނުންގެ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބެވެ.

ގިނަ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ، ރަށު ކައުންސިލްތައް ހޮވުމަކީ އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ޒިންމާއެއްގެ ގޮތުގައެވެ. އަދި މިއީ ރަށުގެ "އޮފީސް ހިންގާނެ" ބަޔަކު ނުވަތަ ރަށުގައި ހަރަކާތްތައް ހިންގާނެ ބަޔަކު އައްޔަން ކުރުމުގެ ވޯޓެއް ކަމަށް ޤަބޫލުކޮށް، ވޯޓުލުމުގެ ހައްޤު އަދާނުކުރާ މީހުން މަދެއް ނޫނެވެ.

ބައި-އިލެކްޝަން: ރައްޔިތުންނާ ގުޅުންހުރި މުހިންމު އިިންތިޚާބެއް
ބައި-އިލެކްޝަން: ރައްޔިތުންނާ ގުޅުންހުރި މުހިންމު އިިންތިޚާބެއް
ވޯޓުލުން ކުރިއަށްދަނީ، ފޮޓޯ: ޕީއެސްއެމްނިއުސް

ނަމަވެސް މިއީ ގޯސް ވިސްނުމެކެވެ. ޤައުމުގެ ރައީސާއި ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރާ އުސޫލުން ކައުންސިލާއި، އަންހެނުންގެ ކޮމިޓީތަކަށްވެސް މެންބަރުން އިންތިޚާބު ކުރުމަށް ވަކި އިންތިޚާބެއް ބާއްވަނީ، އެ މަޤާމުތައްވެސް މުހިންމު ވުމުންނެވެ. ކައުންސިލްތަކަކީ، ރަށުގެ ތަރައްޤީގައި ސަރުކާރަށް އެއްބާރުލުންދޭނެ އެންމެ މުހިންމު ބައިވެރިންނެވެ. ރަށުގެ ރައްޔިތުންގެ އުދާސްތަކާއި ބޭނުންވާ ކަންކަން ސަރުކާރާ ހަމައަށް ހިއްސާ ކުރުމުގެ މެދުވެރިޔާއެވެ. އަންހެނުންގެ ކޮމިޓީގެ މެންބަރުންނަކީ، އެ ރަށެއްގެ އިޖުތިމާޢީ ކަންކަން ބަލަހައްޓައި މުޖުތަމަޢުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް މަސައްކަތް ކުރާނެ މެންބަރުންނެވެ.

ވަރިހަމައަށް ދޫކޮށްލުމުން މި މަޤާމުތަކަށް އިންތިޚާބުވާ މެންބަރުންނަކީ، އެކަމަށް އެންމެ ޤާބިލު ނޫން މީހުންނަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މީގެ ސަބަބުން ރަށުގެ ތަރައްޤީ މަޑުޖެހި، އޭގެ ގެއްލުން ލިބޭނީ ރައްޔިތުންނަށެވެ. ޤައުމަށެވެ. ރަށުގެ ތަރައްޤީ މަޑުޖެހުމަކީ ޤައުމުގެ ތަރައްޤީ މަޑުޖެހުމެވެ. އެހެންވެ، ރަށުގައި ދިރިނޫޅުނު ނަމަވެސް މީގެ އަސަރު ތިމާއަށް ކުރާނެކަން ކޮންމެ ރައްޔިތަކުވެސް ޤަބޫލުކުރަން ޖެހެއެވެ.

ބައި-އިލެކްޝަން: ރައްޔިތުންނާ ގުޅުންހުރި މުހިންމު އިިންތިޚާބެއް
ބައި-އިލެކްޝަން: ރައްޔިތުންނާ ގުޅުންހުރި މުހިންމު އިިންތިޚާބެއް