ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ޙޫޘީންނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން ދިރިއުޅޭ އަވަށް ދޫކޮށް ދިއުމަށް މަޖުބޫރުވެ،ތަޢިއްޒުއަށް ގޮސްފައިވާ ދެ އެކަނިވެރި މައިން ދަނީ އެ މީހުންގެ ދަރިންނަށް ކާންދީ ފިނިން ރައްކާތެރިކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ. އެ މީހުންގެ ގެދޮރު ދޫކޮށް ތަޢިއްޒުއަށް ގޮސްފައި ވަނީ މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެ މީހުން މިހާރު ދިރިއުޅެމުން ދަނީ އެ ސަހަރުގައި ހުންނަ ގެއްލުން ލިބިފައިވާ އިމާރާތެއްގައެވެ. އެ މީހުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ފައިސާ ހޯދުމަށް އެ މީހުން ކުރާ މަސައްކަތަކީ ޕްލާސްޓިކް ފުޅި ވިއްކުމެވެ.

ހަމަލާތަކުގެ ސަބަބުން ޔަމަނުގައި ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވެފައިވާ 300،000އަށްވުރެ ގިނަ މީހުންގެ ތެރެއިން ދެބައި ކުޅަ އެއްބައި މީހުން ޖަމާވެފައި ވަނީ ތަޢިއްޒުއަށް ކަމަށް އދން ބުނެއެވެ. އެ ސަހަރުގައި ވެސް މިދިޔަ އޮކްޓޯބަރު މަހުގެ 3ވަނަ ދުވަހުން ފެށިގެން ހަމަލާ ބަދަލުކުރުން ވަރުގަދަވެފައިވާއިރު، އޭގެ ސަބަބުން އެ ސަރަހަށް އިންސާނީ އެހީ ފޯރިކޮށްދިނުމަށް ވަނީ ދަތިވެފައެވެ. އަދި ތަޢިއްޒުގައި ތިބި މީހުންނަށް އެ ސަހަރު ދޫކޮށް ދެވޭނެ މަގުތައް ވެސް ވަނީ ބަންދުވެފައެވެ.

އަށް ކުދިން ހުންނަ އެކަނިވެރި މައެއް ކަމަށްވާ ފާތިމާ އަބްދުالله ޤާސިމް ބުނީ ތަޢިއްޒުގެ ހުޅަނގުގައި އޮންނަ އަލް-ދަބާބުގައި ހުންނަ އޭނާ ދިރިއުޅޭ އަލް-ސަޔާހީ އަވަށާ ހަމައަށް ހަމަލާތައް ފޯރަން ފެށުމުން ދެ ޢާއިލާއިން ދަންވަރުގެ ވަގުތުތަކުގައި، ފައިމަގުގައި އެ އަވަށް ދޫކޮށް ގޮސްފައިވާ ކަމަށެވެ. ފާތިމާގެ އާއިލާއިން ދެ ރޭ މަގުމަތީގައި ނިދި ކަމަށާއި، އެއީ އެ މީހުން މިހާރު ދިރިއުޅޭ އިމާރާތް ހަޑިވެފައިވާލެއް ބޮޑުކަމުން ކަމަށް އޭނާ ބުނެއެވެ. އެ އިމާރާތަކީ ހާމައަށް އޮތް އިމާރާތެއް ކަމަށްވުމުން ސަތަރި އަޅައިގެން ހިޔާވަހިކަން ހޯދަމުންދާ ކަމަށާއި، އެ ސަތަރިން ރޭގަނޑުގެ ފިނިކަމުން ރައްކާތެރިކަން ނުލިބޭ ކަމަށް އޭނާ ބުންޏެވެ. ގައިގައި އަޅައިލާނެ ރަޖައެއް ވެސް، އަދި އެހެން އަންނުނެއް ވެސް ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފާތިމާއާއި އެހެން މަންމައެއް ކަމަށްވާ އިންތިޒާރު އަހްމަދު ސައީދު މީގެ ކުރިން އެކުގައި ތަރުކާރީ ވިއްކިއެވެ. ނަމަވެސް ދަރިންގެ ކަންކަން ބެލެހެއްޓުމަށް އެ ދެ މައިން މިހާރު ވިއްކަނީ ޕްލާސްޓިކް ފުޅިއެވެ. ހުވަފަތްވެފައިވާ އިންތިޒާރު ބުނީ ފުޅި ވިއްކައިގެން ލިބޭ މަދު ލާރިކޮޅުން އޭނާގެ ހަތް ދަރިންނަށް ކާން ނުދެވޭ ކަމަށެވެ. އޭނާގެ ދިރިއުޅުމަކީ ދަތި އުނދަގޫ ދިރިއުޅުމެއްގެ ގޮތުގައި ސިފަކޮށް އިންތިޒާރު ބުނީ އަލުއްވާއި ވިލާތުބައްޓާއި އަަސޭމިރުސްކޮޅެއް ލިބޭތޯ ސަލާން ޖެހުމަށް އޭނާއަށް މަޖުބޫރުވެފައިވާ ކަމަށެވެ. އޭނާގެ ގިނަ އަންހެން ދަރިންތަކެއް ހުރި ކަމަށާއި އެ ކުދިން ގެންދާނެ ތަނެއް ނެތް ކަމަށް އޭނާ ބުނެއެވެ. އަދި އެ ކުދިންގެ ކަންކަން ބެލެހެއްޓުމަށް ގަދައަޅާ މަސައްކަތް ކުރުމަށް އޭނާ ނޫން މީހެއް ނެތް ކަމަށް ވެސް އިންތިޒާރު ބުނެއެވެ. އޭނާގެ އެންމެ ދޮށީ ފިރިހެން ދަރިފުޅުގެ އުމުރަކީ 15 އަހަރު ކަމަށާއި، މި ދުވަސްވަރު ކުރާނެ މަސައްކަތެއް ނުލިބޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.