އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އިންތިޒާމު ކޮށްގެން ބޭއްވި އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު، އޯއެސްއެޗު ކޮންފަރެންސް ނިމިއްޖެއެވެ. މި ކޮންފަރެންސް ބާއްވާފައިވަނީ، މިމަހުގެ 4 އިން 5 އަށް އައްޑޫ ހައިސްކޫލުގައެވެ.

އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް، އޭއީއެޗްއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ އެމްއެންޔޫ ގުޅިގެން ބޭއްވި އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސުގައި ޖުމްލަ 120 މަންދޫބުން ބައިވެރިވިއެވެ. މީގެ އިތުރުން 29 ސްޕީކަރުންނާއި ފެސިލިޓޭޓަރުން މި ކޮންފަރެންސްގައި ބައިވެރިވިކަމަށް އޭއީއެޗްއިން ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ކޮންފަރެންސްގައި ރާއްޖޭގެ އެކި ދާއިރާތަކުގެ އިސްވެރިންނާއި، ދާއިރާގެ ލީޑަރުންނާއި، ސިއްހީ ޚިދުމަތްތެރިންނާއި، ސިޔާސަތުތައް އެކުލަވާލައްވާ ފަރާތްތަކުގެ އިތުރުން މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަށް ވަކާލާތުކުރައްވާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤުސަދަކީ މައުލޫމާތާއި ތަޖުރިބާ ހިއްސާކޮށް، ރައްކާތެރި އަދި ސިއްހަތަށް ފައިދާހުރި މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށް ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމެވެ.


ގައުމީ ފެންވަރުގައި ދޭ މި އިސްކަމުގެ މައްޗަށް ބިނާކޮށް، މި ކޮންފަރެންސްގެ ތެރެއިން އެކި ދާއިރާތަކުގައި އޯއެސްއެޗްގެ އަމަލީ މިންގަނޑުތައް ހަރުދަނާ ކުރުމުގެ މުހިންމުކަމާ މެދު ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ހުށަހެޅުންތަކާއި މައުލޫމާތު ބަދަލުކުރުމުގެ ސެޝަންތައް ކުރިއަށް ދިޔައެވެ. އަދި ދާއިރާގެ ތަޖުރިބާކާރުންގެ ކިބައިން މައުލޫމާތު އުނގަންނައިގަތުމަށާއި، މިހާރު ހުރި ގޮންޖެހުންތަކާއި، އަމަލީގޮތުން ހައްލު ހޯދޭނެ ގޮތްތަކާއި، މަސައްކަތުގެ މާހައުލުގެ ދުޅަހެޔޮކަން ކަށަވަރު ކުރުމުގައި އެންމެންގެ ހިއްސާ އޮތް މިންވަރާ މެދު ބައިވެރިން ސުވާލުކޮށް މަޝްވަރާކޮށްފައިވެއެވެ.

ދެ ދުވަހުގެ ތެރޭގައި ކޮންފަރެންސުން އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ، ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމުކުރުމުގައި ގުޅިގެން މަސައްކަތް ކުރުމާއި، ހޭލުންތެރިކަން އިތުރު ކުރުމާއި، މިންގަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި އޯއެސްއެޗްއަކީ ކޮންމެ މަސައްކަތުގެ މާހައުލެއްގެވެސް އަސާސީ ބަޔަކަށް ހެދުމަށްޓަކައި، ކުންފުނިތަކާއި، ވަޒީފާދޭ ފަރާތްތަކާއި، މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމުގެ ބޭނުންތެރިކަން އިތުރަށް ހާމަވެގެންދިޔަކަން އޭއީއެޗްއިން ފާހަގަކުރެއެވެ.

އެންމެން ގުޅިގެން ލިބުނު މައުލޫމާތާއި އުނގެނުނު ކަންކަން އަމަލީ މައިދާނަށް ތަރުޖަމާކޮށް، ރާއްޖޭގެ ކޮންމެ މަސައްކަތްތެރިއަކަށް އަދި މުވައްޒަފަކަށް ރައްކާތެރި، ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުމުގައި ސާބިތުވެ ތިބުމަށް އައްޑު އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ގޮވާލައްވާފައެވެ.

އޭއީއެޗްގެ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް 2026ގެ ކޮންފަރެންސް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫއާއި އެސްޓީއޯ ހެލްތު ކެއަރ ސޮލިއުޝަންއާއި، ދިރާގު އަދި ތާޒާއެވެ.