އިތުބާރު ހުރި މަޤާމެއްގައި ހުރި ފަރާތެއް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކުއްޖާގެ ޒާތީ މަޢުލޫމާތު އެކި މައްސަތަކުގައި އާންމު ނުކުރުމަށް ސިއްޚަތާއި ޢާއިލާއާ އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އަންގައިފިއެވެ.
ސިއްޚަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގައި ކުޑަކުދިންނަކީ ޢާއިލާގެ ފަރާތުންނާއި، ޖަމާޢަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭ ބައެއްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ކުޑަކުދިންގެ ޚައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާއަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ ކުޑަކުދިންގެ ޚައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާއި ޚިލާފަށް ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް އެކުދިންގެ ޒާތީ މަޢުލޫމާތު މީޑިއާގެ އެކިއެކި މަންސަތަކުގައި ހާމަކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ކުޑަކުދިންނާއި ގުޅުންހުރި މަޢުލޫމާތު އާންމު ނުކުރުމަށް ޢާއިލާއާ ބެހޭ ވުޒާރާއިން އިލްތިމާސްކުރެއެވެ.
ކުޑަކުދިންގެ ޚައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގައި، ކުޑަކުދިންގެ ކަރާމާތަށް އެއްވެސް އުނިކަމެއް އަންނާނެ ގޮތަށް އެކުދިންގެ ޒާތީ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކުން ހާމަކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ކުޑަކުދިންގެ ތެރެއިން ކުށުގެ ތުހުމަތެއް ކުރެވިފައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި، އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިން ޚާއްސަކޮށް އެކުދިންގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ހާސިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ ޒާތީ މަޢުލޫމާތެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މަޢުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް، އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިޢުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވަނީ އެކުދިންގެ މަސްލަހަތު ރައްކާތެރިކޮށްދިނުމުގެ ބޭނުމުގައިކަން ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ކުއްޖަކަށް ދިމާވާ އެއްވެސް ކަމަކާއި ގުޅިގެން އިސްވެ ބަޔާންކޮށްފައިވާ ހަލާތްތަކުގައިވާ ކުއްޖެއްގެ މަޢުލޫމާތު އާންމު ކަންކަމާއި މެދުގައި ދެކޭގޮތަށް ނުފޫޒުފޯރުވުމުގެ މަޤުސަދުގައި ނުވަތަ އެނޫންވެސް ބޭނުމެއްގައި މީޑިއާގެ އެކި މަންސަތަކުގައި އެކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނާނެހެން ޒާތީ މަޢުލޫމާތު އާންމުކުރުމަކީ ކުޑަކުއްޖެއްގެ ޙައްޤަކަށް އަރައިގަތުމުގެ ޢަމަލެއްކަން ޢާއިލާއާ ބެހޭ ވުޒާރާގެ ބަޔާނުގައި ވިދާޅުވިއެވެ.
އެހެންކަމުން ކުޑަކުދިންގެ ޚައްޤުތައް ރައްކާތެރި ކުރުމަކީ، މުޅި މުޖުތަމަޢުގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއެއް ކަމުގައިވާތީ، މިފަދަ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކުން އާންމު ނުކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ޖިންސީ ގޯނާގެ ޝިކާރައަށްވި ކުއްޖާގެ މައުލޫމާތު އާންމުނުކުރަން އަންގައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed