ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރީއާގެ ޓީމެއް އެރަށަށް ދަތުރުކުރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ،
އެންޑީއެމްއޭއިން ވިދާޅުވީ، ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ، ކަރަންޓު ކެނޑި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެރަށުގައި ފެންބޮޑުވެފައިވާތީ، ރައްޔިތުންނާއި ރަށު ކައުންސިލު ގުޅިގެން ދަނީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ޕަންޕާއި ގެތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ތައްޔާރު ކުރުމަށް ބޭނުންވާ ގޯނި ހިފައިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑުން މިހާރު އެރަށަށް ދަތުރުކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

ކޮލަމާފުއްޓަށް ވިއްސާރަވެ ގެއްލުންތަކެއް ވެފައިވާއިރު، މިރޭ 8:35 އިން ފެށިގެން ދަންވަރު 2:00އާ ހަމައަށް ކޮލަމާފުށި ހިމެނޭހެން ދެކުނުގެ ސަރަހައްދަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހުދު ސަމާލު ނެރެފައެވެ.
މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމާއިއެކު، މޫސުމަށް ސަމާލުވުމަށް ކަމާއިބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ. އަދި ވިއްސާރައިގައި ގެއްލުން ލިބޭނެ ކަމަށް ބަލާ ދުރާލާ ހިރާސްތައް ކުޑަކުރުމަށް މަސައްކަތް ކުރުމަށް ކަމާއި ގުޅޭ އިދާރާތަކުން އަބަދުވެސް ބާރުއަޅައެވެ.
