ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އާދަމް އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޔުނިވަސިޓީސް، އައިއޭޔޫގެ އެޑްމިނިސްޓްރޭޓިވް ބޯޑުގެ މެންބަރުކަމަށް އިންތިޚާބުވެއްޖެއެވެ. އޭނާ އިންތިޚާބުވެފައިވަނީ، އޭޝިއާ ޕެސިފިކް ސަރަހައްދު ތަމްސީލު ކުރައްވާ މެންބަރަކަށެވެ.
ޔުނެސްކޯގެ އެހީތެރިކަމާއެކު 1950 ވަނަ އަހަރު އުފެއްދި އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޔުނިވަސިޓީސް، އައިއޭޔޫއަކީ މަތީ ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކާއި ޖަމްއިއްޔާތައް ގުޅިގެން އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. ޤައުމީ ޔުނިވާސިޓީން ވިދާޅުވީ، ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އިންތިޚާބުވެ ވަޑައިގެންނެވީ، އައިއޭޔޫގެ އެޑްމިނިސްޓްރޭޓިވް ބޯޑުގެ 2026 އިން 2030ގެ ދައުރަށް ކަމަށެވެ. އައު އެޑްމިނިސްޓްރޭޓިވް ބޯޑު ކަށަވަރުވީ، މިމަހުގެ 5 ވަނަ ދުވަހު އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ މާޑޮކް ޔުނިވަސިޓީގައި ބޭއްވި އައިއޭޔޫގެ 17ވަނަ އާންމު ޖަލްސާއާއެކު ކުރިއަށްދިޔަ އިންތިޚާބުގެ ނަތީޖާއިންނެވެ.
މި އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ޑރ. ޝެހެނާޒު ވަނީ، މިމަޤާމަށް އައުމަށް ކުރެއްވި އިތުބާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިމަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ނަތީޖާ ނެރެދެވޭ ފަދަ އަމަލީ ހިއްސާއެއް ދިނުމުގައި ސާބިތުކަމާއެކު ހުންނަވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި މަތީ ތަޢުލީމުގެ ދާއިރާއަށް ލިބުނު ޝަރަފެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކޭމްޕަސްތަކުގެ ވެރިންނާއެކު މަސައްކަތްކޮށް، އެކަކު އަނެކަކުގެ ކިބައިން އުނގެނި، މަތީ ތައުލީމަކީ އެންމެންގެ ބައިވެރިވުން ހިމެނޭ ފަސޭހައިން އަތްފޯރާ އަދި މުޖުތަމައުގެ ބޭނުންތަކަށް އަމާޒުކޮށްފައިވާ ޚިދުމަތެއް ކަމަށް ޑރ. ޝެހެނާޒް ވިދާޅުވިއެވެ. އެމްއެންޔޫގެ ވައިސް ޗާންސެލަރ ވަނީ، ގުޅިގެން ކުރާ މި މަސައްކަތުގައި ފުރިހަމައަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވެފައެވެ.

އައިއޭޔޫގެ އެޑްމިނިސްޓްރޭޓިވް ބޯޑުގައި ހިމެނިވަޑައިގަންނަވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޔުނިވަސިޓީތަކުގެ ވެރިންނެވެ. މި ބޯޑުގެ މެންބަރުން އެސޯސިއޭޝަން ހިންގުމާއި، އިސްތިރާޖީ މިސްރާބު ކަނޑައެޅުމާއި، އިސްކަންދޭނެ ކަންކަން ނިންމެވުމުގައި ބައިވެރިވެއެވެ. މި ބޯޑުގައި ޚިދުމަތް ކުރުމުގެ ފުރުސަތު ލިބުމަކީ، ބައިނަލްއަގުވާމީ މަތީ ތައުލީމީ ދާއިރާގެ އިސް ސަފުގައި ބައިވެރިވެ، އެޖަމިއްޔާގެ މުޅި ދުނިޔޭގެ މެންބަރުންނަށް ފައިދާހުރި ނިންމުންތަކާއި މަޝްވަރާތަކުގައި ބަސްބުނުމުގެ ފުރުސަތު ލިބިގެންދާ ކަމެއް ކަމަށް އެމްއެންޔޫއިން ވިދާޅުވިއެވެ.
އެމްއެންޔޫއިން ވިދާޅުވީ މި އިންތިޚާބުން ރަމްޒުކޮށްދެނީ، ގައުމީ އިމުން ބޭރަށް ނުކުމެ، ބައިނަލްއަގުވާމީ ފެންވަރުގައި ގުޅުން ބަދަހިކޮށް މަތީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ދޭ އިސްކަން ކަމަށެވެ. އަދި މީގެ ސަބަބުން އައު މައުލޫމާތު ބަދަލު ކުރުމާއި، އިދާރީ ގުޅުންތައް ބަދަހިކުރުމާއި، ދަރިވަރުންނާއި، މުވައްޒަފުންނާއި، ރިސާޗަރުންގެ އިތުރުން މުޅި މުޖުތަމައަށް ފައިދާކުރާނެ ބައިނަލްއަގުވާމީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށް އެ ޔުނިވާސިޓީން ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ޔުނިވާސީޓީތަކުގެ ޖަމިއްޔާގެ ބޯޑަށް އެމްއެންޔޫގެ ވައިސް ޗާންސެލަރ އިންތިޚާބުވެ ވަޑައިގެންނެވިއިރު، މި ހަފުތާ ތެރޭގައި އެމްއެންޔޫ ވަނީ ކިއުއެސް އޭޝިއާ ޔުނިވާސިޓީ ރޭންކިންގައި ހިމެނިފައެވެ.