ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަކީ، ކެރި ކުޅަދާނަވެގެންވާ ކޮންމެ މީހަކަށްވެސް ޢުމުރުން އެއްފަހަރު ކުރުމަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެއިން އެތައް ބަޔަކު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޙައްޖު ކޯޓާގެ ތެރެއިން ދެއެވެ. ނަމަވެސް ބައެއް ފަރާތްތަކަކީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދައްކަންޖެހޭ 69,965 ރުފިޔާ ވަގުތުން ދެއްކުމުގެ ޤާބިލުކަން ހުރި ފަރާތްތަކެއް ނޫނެވެ. ބައެއް ފަރާތްތަކުން ޢުމުރު ދުވަހު މަސައްކަތްކޮށްވެސް ނަގުދު ފައިސާއިން ވަގުތުން މިއަދަދު ދައްކާލުމަށް ރައްކާ ނުކުރެވި ދެއެވެ. ނަމަވެސް އެފަރާތްކަށް ޙައްޖު އަދާކުރުމުގެ ފުރުސަތު އެއްކޮށް ގެއްލިގެން ނުދެއެވެ.

ޙައްޖަށް ދިއުމަށް ފައިސާ ދައްކާނެ އެކިގޮތްތައް ސަރުކާރުން ފަހިކޮށްދީފައިވެއެވެ. އެއްފަހަރާ ޖުމްލަ އަދަދު އެއްކޮށް ނުދެއްކި ނަމަވެސް، ޙައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދެއްކޭނެ ތަފާތު އިންތިޒާމުތައް ފަހިކޮށްދީފައިވެއެވެ. އެގޮތުން ޤާނޫނުގެ ތެރެއިން ފަހިކޮށްދޭ އެއް ފުރުސަތަކީ، ޕެންޝަނާއި ބެހޭ ޤާނޫނުގެ ތެރެއިން ފޯރުކޮށްދޭ ފުރުސަތެވެ. ޕެންޝަން ޤާނޫނަށް ގެނައި 4 ވަނަ އިސްލާހާއެކު ޕެންޝަން ފަންޑު މެދުވެރިކޮށް ޙައްޖަށް ދިއުމުގެ ފުރުސަތު ފަހިވެގެން ދިޔައެވެ. ނަމަވެސް އޭރު ޤާނޫނަށް ގެނައި އިސްލާހުން މި ފުރުސަތު ވަޒީފާއިން 'މުސްކުޅި' ވާ އުމުރު ކަމުގައިވާ 65 އަހަރުން މަތީގެ ފަރާތްތަކަށް ނުލިބެއެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވި ގޮތުގައި ޙައްޖަށް ދިއުމާއި ގުޅޭގޮތުން އެންމެ ގިނަ ފަރާތްތަކުން މައުލޫމާތު ސާފުކުރާ އެއްކަމަކީ، ޕެންޝަން ފަންޑުގައި ހުރި ފައިސާއިން ހައްޖަށް ދިއުމާއި ގުޅޭގޮތުންނެވެ. ދިވެހިރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބޭ މަދު ހައްޖު ކޯޓާއިން ޙައްޖަށް މީހުން ފޮނުވުމުގެ ކަންކަން އިންތިޒާމު ކުރާއިރު، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރާ މީހުންގެ ނިސްބަތަށް ބަލާނަމަ އުމުރުން ދުވަސްވީ މީހުން ގިނައެވެ. އަދި މިވަގުތު ޙައްޖު ކިއު ތަރުތީބު ވެފައި އޮތްގޮތުން ކިއުގައި ތިބި އުމުރުން ދުވަސްވީ ފަރާތްތަކަށް އިސްކަން ދޭންޖެހޭ ހާލަތައް ގޮސްފައިވާއިރު، އެފަރާތްތަކަށް ލުއިދިނުމަށް ސަރުކާރުގެ ސިޔާސަތުތައްވެސް ދަނީ ބައްޓަން ކުރަމުންނެވެ.

މިމަގުން ކުރެވުނު އެއް މަސައްކަތަކީ، ޕެންޝަން ޤާނޫނަށް ގެނައި 6 ވަނަ އިސްލާހެވެ. ޕެންޝަނާބެހޭ ޤާނޫނަށް ގެނައި 6 ވަނަ އިޞްލާޙުގެ ދަށުން، ޢުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށްވެސް އެމީހުންގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖު އަދާކުރެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. ޤާނޫނަށް ގެނައި އިސްލާހާއެކު މިކަމާއި ގުޅޭ ޤަވާއިދު އެކުލަވާލުމަށް ޕެންޝަން އޮފީހާއި، ޙައްޖު ކޯޕަރޭޝަން ގުޅިގެން މަސައްކަތްކޮށް މިހާރުވަނީ ޤަވާއިދަށް ޢަމަލުކުރަން ފަށާފައެވެ. މިއީ، ރައްޔިތުން މުޅި ޢުމުރު ދުވަހު ކުރި މަސައްކަތުން އެއްކުރި ފައިސާއިން އެމީހުންގެ އެންމެ މަތިވެރި ރޫޙާނީ އުންމީދު ޙާޞިލުކޮށްދިނުމަށް ސަރުކާރުން އިސްނަންގަވައިގެން ނިންމެވި އިންސާނިއްޔަތުކަން އިސްކުރި ނިންމެވުމެކެވެ.

ޕެންޝަން ފަންޑު މެދުވެރިކޮށް ހައްޖަށް؛ ދިގު އިންތިޒާރަކަށް ނިމުމެއް
ޕެންޝަން ފަންޑު މެދުވެރިކޮށް ހައްޖަށް؛ ދިގު އިންތިޒާރަކަށް ނިމުމެއް

1447 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ދިވެހިން. ފޮޓޯ:ޕީއެސްއެމް

މި ނިންމުމާއެކު ޕެންޝަން ފަންޑު މެދުވެރިކޮށް ޙައްޖަށް ދިއުމަށް ކިއުއަށް އެރުމަށް އެދުމުގެ ޝަރުތު ފުރިހަމަވާ ކޮންމެ ފަރާތްތަކަށް މިހާރު އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޕެންޝަން އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، މި ސްކީމުގެ ދަށުން ޙައްޖަށް ދިއުމަށް ކިއުއަށް އެރުމަށް ޝަރުތު ހަމަވާނީ، މީގެކުރިން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ އަދި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް، އާރްއެސްއޭގައި މަދުވެގެން 336،000 (ތިންލައްކަ ތިރީސް ހަހާސް) ރުފިޔާ ހުންނަ މެންބަރުންނަށެވެ. މި އުޞޫލުގެ ދަށުން ޙައްޖަށް ދާން އެދޭ މެންބަރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޙައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ ދެއްކުމަށްފަހު ބާކީބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ ތަރުތީބުން ކިއުއިން ފުރުސަތު ދޭނެއެވެ.

ޕެންޝަން އޮފީހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް ޕެންޝަން ފަންޑު މެދުވެރިކޮށް ޙައްޖަށް ދިއުމަށް ފައިސާ ދައްކައިގެން 369 ފަރާތަކުން ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ. އަދި މިވަގުތުވެސް ޕެންޝަން ފަންޑު މެދުވެރިކޮށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ޝަރުތު ހަމަވާ 24،000 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށް ޕެންޝަން އޮފީހުން ވިދާޅުވިއެވެ.

މިއާއެކު ޙައްޖު ކިއުގައި ދިގު މުއްދަތަކަށް އިންތިޒާރު ކުރަންޖެހި، ޢުމުރުން ދުވަސްވަމުންދާތީ ހިތާމަކުރަމުންދިޔަ ދޮށީ ޢުމުރުގެ ފަރާތްތަކަށް ސަރުކާރުން މިވަނީ، އިންޞާފުވެރި ނިޒާމެއްގެ ތެރެއިން އައު އުންމީދެއް ގެނެސްދީފައެވެ. ފައިސާ ދައްކައި، ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ ފުރުޞަތު ދިނުމަށް ނިންމެވި ނިންމެވުމަކީ، ރާއްޖެއަށް ލިބޭ މަދު ކޯޓާ އެންމެ އިންޞާފުވެރި އަދި އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އުޞޫލު ތަންފީޒުކުރުމުގައި މައުޟޫޢީ މިންގަނޑުތަކަށް އިސްކަންދީ، އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކު މިކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ނިންމުމުން ދައްކުވައިދެނީ، މި ސަރުކާރުން ހިންގުމުގެ ނިޒާމަށް ގެންނަން ބޭނުންވާ ދެފުށް ފެންނަ، އިތުބާރު ހުރި ސިޔާސަތެވެ. ސިޔާސީ ނުފޫޒެއްނެތި، ޙައްޤުވެރިންނަށް އެ ޙައްޤު ހޯދައިދިނުމުގެ ރިވެތި އާދައެވެ.