ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިންމު ކަންތައްތަކެއް ހިނގާދިޔައެވެ. ރާއްޖޭގެ ނަސްރުގެ ދުވަސް ފާހަގަކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމަށްޓަކައި ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުން
- ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖަހައި ގާޑު މައުންޓުކުރުން
- ނަސްރުގެ ދުވަހުގެ އަސްކަރީ ހަރަކާތްތައް ރައީސްގެ ދެކަނބަލުން ޝަރަފްވެރިކޮށްދެއްވި
- މިނިވަންކަންމަތީ ދެމިތިބުމަށް ސިފައިންގެ ޖިހާދަކީ އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުން
- ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުން
- ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ 5 ބޭފުޅަކަށް އެރުވުން
- ތަހުޒީބު ރާއްޖެއެއް ބިނާކުރެވޭނީ މާނަވީ އަދި މާއްދީ ތަރައްގީއަށް އިސްކަންދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުން
- މިނިވަންކަން ކަށަވަރުކޮށް، ތަރައްގީގެ އިންޤިލާބީ ބަދަލުތަކާއި ކުރިމަތިލާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުން

(30 އޮކްޓޫބަރު) ކޮމަންވެލްތު އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެންޓީގާ އެންޑް ބާބިޔުޑާއަށް ފުރާވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެމަނިކުފާނުގެ އަރިހުގައި ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް ހިމެނިވަޑައިގެންނަވާހެން ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ނައިބު ރައީސް ވަނީ އެގްޒެކެޓިވް ސެޝަން 2 ގައި ވާހަކަފުޅުދައްކަވާފައެވެ. ނައިބު ރައީސް ވަނީ ލަނޑުދަނޑިތަކަށް އިޙްތިރާމްކުރުމާއެކު އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ޤާބިލުކަން އަށަގެންނެވުމާއި، އަދި ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކުރުމަށް އެންމެން ގުޅިގެން ޢަމަލީ ގޮތުން މަސައްކަތް ކުރެއްވުމަށް ގޮވާލައްވައިފިއެވެ. (6 ނޮވެންބަރު) ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފު އެންޓީގާ އެންޑް ބާބިއުޑާއިން ފުރާވަޑައިގެންފައިވަނީ ހުކުރު ދުވަހުއެވެ.
(1 ނޮވެންބަރު) ފޯޅަވަހީގެ މައްސަލައިގައި ރާއްޖޭން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ ކޮމިޝަނެއް އުފައްދަވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މިފަދަ ކޮމިޝަނެއް އުފެއްދެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާނުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މި ކޮމިޝަނަކީ ރާއްޖެއާ ފޯޅަވައްސާ ދެމެދު ކަނޑުގައިވާ ކަނޑުގެ ސަރަޙައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި ރާއްޖެއަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންވެފައިވާތީ އެކަން ތަހުގީގުކުރުމަށް އެކުލަވާލެއްވި ކޮމިޝަނެއް ކަމަށެވެ. މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ލިބިދޭ އިޚުތިޔާރުގެ ދަށުން، "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން"ގެ ނަމުގައި އެމަނިކުފާނު އުފައްދަވާފައިވާ ކޮމިޝަނެކެވެ.
(2 ނޮވެންބަރު) ޔުނެސްކޯގެ ބައިނަލްއަޤްވާމީ ދެ މުއާހަދާއެއްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާކަން ހާމަކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ، "އޭޝިއާ ޕެސިފިކް ރީޖަނަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް އިން ހަޔަރ އެޑިއުކޭޝަން" (ޓޯކިޔޯ ކޮންވެންޝަން) އަދި ޔުނެސްކޯގެ "ގްލޯބަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް ކޮންސަރނިންގ ހަޔަރ އެޑިއުކޭޝަން" ގައި ބައިވެރިވުމަށެވެ.
(5 ނޮވެމްބަރު) "ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ހެލްތު އެންޑް ފެމެލީގެ މިއަހަރުގެ އެކްސްޕޯ ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ސިއްހަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި އެކްސްޕޯ އިފްތިތާޙު ކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. އެކްސްޕޯ އިފްތިތާޙު ކުރުމުގެ އިތުރަށް އެމަނިކުފާނު ވަނީ، ސިއްހީ ދާއިރާގެ 156 މަސައްކަތްތަކާ ގުޅޭ ފޮތެއްވެސް ނެރެދެއްވާފައެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ އެކްސްޕޯގެ ސްޓޯލްތައް ބައްލަވާލައްވާފައެވެ.

(2 ނޮވެންބަރު) ރައީސުލްޖުމްހޫރިއްޔާ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް، އެމްސީޖީއެޗް އާއި އިތުރު 5 ހޮސްޕިޓަލެއްގެ ގަވަރނިންގ ބޯޑުތައް އުވައިލައްވައި، މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް، އެމްޓީއެޗްޖީ އުފައްދަވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް، އެމްޓީއެޗްޖީ އުފައްދަވާފައިވަނީ ސަރުކާރުގެ ޞިއްޙީ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ސަރުކާރުގެ ޓަރޝަރީ ހޮސްޕިޓަލުތަކާއި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ގަވަރނިންގ ބޯޑެއްގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގަމުންދާނެ އިންތިޒާމު ހަމަޖެއްސެވުމަށެވެ.
(31 އޮކްޓޫބަރު) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން، ޞިއްޙީ ހިދުމަތް ފޯރުކޮށްދޭ އަމިއްލަ މަރުކަޒުތަކުން ޚިދުމަތް ހޯދާއިރު 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް އަންނަ އަހަރުގެ ޖަނަވަރީ 1ގައި ފެށިގެން ނަގާނެކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. 60،000 ރުފިޔާ އަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭގޮތަށް ހަމަޖައްސަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުއެވެ. އެގޮތުން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެގޮތައް އަމަލުކުރުމަށް ފެށުމަށް ވަނީ ނިންމާފައެވެ. މިއީ ދައުލަތުގެ ޞިއްޙީ އިންޝުއަރަންސް ނިޒާމު، އާސަންދަ ހަރުދަނާކޮށް އިސްރާފު ކުޑަކުރުމަށްޓަކައި ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ.
(31 އޮކްޓޫބަރު) ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ ބޯޑަށް އައްޔަނުކުރާ މެމްބަރުން ކަނޑައެޅުމަށް އިންތިޚާބު ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ދެ އިންތިޚާބުވެސް ކާމިޔާބުކޮށްފައިވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީންނެވެ.
(4 ނޮވެންބަރު) ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ހުށަހެޅުއްވި، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ވަޒީރު ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅުއްވާފައިވަނީ މިދިޔަ އޮގަސްޓު މަހެވެ. ވަޒީރުގެ އިތުބާރު އޮތްކަމަށް 54 މެންބަރުން ވޯޓު ދެއްވި އިރު، އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. ވަޒީރު ސަޢީދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ވަކިކުރަން އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މަސައްލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ވަޒީރު ވަނީ އެމްޑީޕީގެ މެމްބަރުންގެ ތުހުމަތުތަކަށް ދެކޮޅުހައްދަވާފައެވެ.

އުމްރާނީ ތަރައްޤީ:
(30 އޮކްޓޫބަރު) ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން ވިލިމާލެއާއި ގުޅިފަޅު ގުޅާލާފައިވާކަން ހާމަކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މިކަން ހާމަކުރެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރުގެ ޕޯސްޓުގައި ވިދާޅުވީ ތިލަމާލެ ބުރިޖު މަޝްރޫޢުގައި އަނެއްކާވެސް ޚާއްސަ ލަނޑުދަނޑިއެއް ހާސިލްކުރެވިފައިވާ ކަމަށެވެ. އެގޮތުން، އެ ބުރިޖުގެ ވިލިމާލެއިން ގުޅިފަޅަށް ގުޅާލާ ފަހު ސެގްމަންޓުގެ މަސައްކަތް ނިންމައި ދެ ރަށް ގުޅާލެވިފައިވާ ކަމަށް ވިދާޅުވިއެވެ.
(2 ނޮވެންބަރު) ކަޅުތުއްކަލާކޮށީގެ 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏާކާ ހަވާލުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މިއިމާރާތަކީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ސިފައިންގެ ތަރައްޤީއަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ އުމްރާނީ ބިނާއެވެ. ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން، ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މިމަޝްރޫޢުގެ އެއްބަސްވުމުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ފާޠިމަތު މިޒްނާ ޢަލީއެވެ. އަދި ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މރ. ޖޯ ވޭދޯންއެވެ.
(1 ނޮވެންބަރު) މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީން ތަރައްޤީކޮށްފައިވާ އޮފީސް އިމާރާތް ހުޅުވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މިކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާ ޝަރަފްވެރިކޮށްދެއްވައި އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. ހުޅުމާލެ ފޭސް 1ގެ ސެންޓްރަލް ޕާކުގެ ކުރިމައްޗަށްވާ ގޮތަށް، 6،195.27 އަކަފޫޓުގެ ބިމެއްގައި ޖުމްލަ 3345 އަކަފޫޓުގެ ބޮޑުމިނުގައި ތަރައްޤީކުރެވިފައިވާ މި އިމާރާތުގައި، އިދާރީ އޮފީސްތަކުގެ އިތުރުން ކޮންވެންޝަން ހޯލަކާއި، ގްރައުންޑް ފްލޯގައި ކެފޭއެއް އަދި ބޭސްމަންޓް ޕާކިންގ ވަނީ ޤާއިމުކޮށްފައެވެ. އެމްޓީޑީސީއިން ވިދާޅުވީ މި ޢިމާރާތުން ކުލީގެ ގޮތުގައި ކުންފުންޏަށް މެދުނުކެނޑި އާމްދަނީ ލިބެމުންދާނެ މަގު ފަހިވެ، މާލީ ހަމަޖެހުން އިތުރުވެގެންދާނެ ކަމަށެވެ. މިއީ ކުންފުނީގެ މިލްކިއްޔާތުގައިވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށާއި، އާމްދަނީ ހޯދާނެ އައު ދާއިރާތައް ހޯދުމަށް ކުންފުނިން ގެންގުޅޭ ހަރުދަނާ ސިޔާސަތު ރަމްޒުކޮށްދޭ މަޝްރޫޢެއްގެ ގޮތުގައި އެކުންފުނިން ދެކެއެވެ.
(4 ނޮވެންބަރު) ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ހާމަކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މިއީ މުޅި މަޝްރޫއުގެ 68.8 އިންސައްތަ މަސައްކަތެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކުއީން އޮފް ނެދަލޭންޑްސް" ބޭނުންކޮށްގެންނެވެ. އަދި ގިރާވަރު ފަޅުގެ ބައެއް ސަރަޙައްދަކީ ވަރަށް ފުން ސަރަޙައްދުތަކަށް ވުމާއެކު ހިއްކުމުގައި ގޮންޖެހުންތައް ހުރިނަމަވެސް، މަޝްރޫޢުގެ މަސައްކަތްތައް ވަރަށް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް އެމްއޭސީއެލުން ފާހަގަކުރެއެވެ.

ވިޔަފާރި އާއި އިޤްތިޞާދު
(1 ނޮވެންބަރު) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި ޚިދުމަތަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީގެ ކުމެވި ޕޯޓަލް މެދުވެރިކޮށް އެދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މި އިންތިޒާމުގެ ދަށުން، ބައިނަލްއަގުވާމީ މާކެޓުތަކަށް މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ދިވެހި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، ބައިނަލްއަގުވާމީ ކާޑުތަކުން ދައްކާ ފައިސާ ސީދާ ޔޫއެސް ޑޮލަރުން އެކައުންޓަށް ޖަމާކުރެވޭނެއެވެ. މީގެ އިތުރުން، މި ޚިދުމަތުގެ ދަށުން ލިބޭ ޑޮލަރު، ވިޔަފާރީގެ އެކައުންޓާ ގުޅިފައިވާ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން ސަބްސްކްރިޕްޝަންތަކަށާއި ބޭރުގެ އެކި ޚަރަދުތަކަށް ބޭނުންކުރެވޭނެ އެވެ.
(2 ނޮވެންބަރު) ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް މުޅިން އަލަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ގެނެސްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މިއީ، ޤައުމީ އެއާލައިނުން މިމަރުކާގެ ބޯޓެއް މެދުވެރިކޮށް ލަގްޒަރީ އުދުހުންތައް ފަށާ ފުރަތަމަ ފަހަރެވެ. މޯލްޑިވިއަނުން މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ނިލާ ކޮރެލްސްއާ ގުޅިގެންނެވެ.
މޯލްޑިވިއަންގެ ފްލީޓަށް މި ބޯޓު ގެނައުން ފާހަގަކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމު ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދުގެ މައިބަދައަކީ ފަތުރުވެރިކަން ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީވަމުން އަންނައިރު، ރާއްޖެއަށް އަންނަ ފަތުރުވެރިން އެއްތަނުން އަނެެއް ތަނަަށް ގެންދިއުމަށް އެންމެ ގިނަ މަސައްކަތެއް ކުރާ އެއް ކުންފުންޏަށް މޯލްޑިވިއަންވާނެ ކަމަށެވެ.
(3 ނޮވެމްބަރު) ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 62 ކުންފުންޏާއެކު، ވޯލްޑް ޓްރެވަލް މާކެޓް 2026 ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ފެއާގައި ރާއްޖޭގެ ސްޓޭންޑް ހުޅުވުމުގެ ގޮތުން، ދަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ ޔާސިރު އަދި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަމީލާ އަލީ ވަނީ ސްޓޭންޑް ބައްލަވާލައްވާ ވިޔަފާރިތައް ތަމްސީލްކުރާ މަންދޫބުންނާ ބައްދަލުކުރައްވާފައެވެ. ފެއާ ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 5ގެ ނިޔަލަށެވެ.
(4 ނޮވެންބަރު) ބައިނަލްއަޤްވާމީ މީޑިއާތަކަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރި ޕާޓްނަރުންނަށް "ވިޒިޓް މޯލްޑިވްސް އިޔަރ 2027" ރާއްޖެއިން ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މިކަން އިފްތިތާހުކުރީ ވޯލްޑް ޓްރެވަލް މާކެޓް، ޑަބްލިޔުޓީއެމް ލަންޑަން 2026 ގައެވެ. އަންނަ އަހަރަކީ ފަތުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވާފައެވެ.
(4 ނޮވެންބަރު) ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ބޭނުންތަކަށް އެންމެ އެކަށޭނަ ފައިނޭންސް ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްގެ 3 ފައިނޭންސިންގ ފެސިލިޓީއަކަށް ކަނޑައަޅާފައިވާ ލިމިޓް 10 މިލިޔަނަށް އިތުރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ފައިނޭންސިންގ ލިމިޓް އިތުރުކޮށްފައިވަނީ މުޅިން އަލަށް ވިޔަފާރި ފެށުމަށް އަދި ހިނގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ފައިނޭންސް ދޫކުރާ، އެސެޓް ފައިނޭންސިންގ، ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ އަދި ވެސެލް ފައިނޭންސިންގއަށެވެ. އެސްއެމްއީ ޑިޖިޓަލް އިން މައުލޫމާތުދެއްވި ގޮތުގައި ކުރިން 5 މިލިޔަނަށް ފޯރުކޮށްދެމުން އައި މި ފައިނޭންސިންގެ ލިމިޓްތައް 10 މިލިޔަނަށް އިތުރުކޮށްފައިވަނީ ރާއްޖޭގެ ކުދި ވިޔަފާރިތައް ހަލުވިކަމާއިއެކު ކުރިއަރަމުން އަންނައިރު، އެވިޔަފާރިތަކުގެ ފައިނޭންސިންގ ޑިމާންޑްތަކާއި ބައްދަލުކޮށް ފުރުސަތު ފަހިކުރުމުގެ ގޮތުންކަމަށެވެ.
(5 ނޮވެންބަރު) މަނީ ޗޭންޖިންގ ވިޔަފާރިކުރުމުގެ ލައިސަންސް ދީފައިވާ ފަރާތްތަކުގެ މަސައްކަތްތައް ޒަމާނީކޮށް ހަރުދަނާކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން "މަނީ ޗޭންޖަަރ ސިސްޓަމް" އިފްތިތާހުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ސިސްޓަމް އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީއެވެ.
އެހެނިހެން ދާއިރާތައް
(2 ނޮވެންބަރު) ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް ނިޔާވީ މިދިޔަ ހޯމަ ދުވަހުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަވަހާރަވީ، އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. ނިޔާވެފައިވަނީ، އުމުރުން 72 އަހަރުގައެވެ. ރިލްވާނަކީ ފިނޭންސް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައި، އެ މިނިސްޓްރީގެ އެކި މަޝްރޫއުތަކާއި މާލީ ސިޔާސަތުތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި، ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމު ރިލްވާން އަދާކުރެއްވިއެވެ. ޚާއްސަކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ރާއްޖެއަށް ގެނައި މާލީ ގިނަ އިސްލާހުތަކުގައި އޭނާގެ ދައުރު ބޮޑެވެ.
(2 ނޮވެންބަރު) ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ފުލުހުން ވިދާޅުވީ، ހ. ރަބީޢީމަންޒިލް އަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި މި މައްސަލަ ފުލުހުން އިތުރަށް ތަޙުޤީގުކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
(4 ނޮވެމްބަރު) ވ. އަތޮޅުގައި ކަނޑުއަޑީގެ ހޮހަޅައަކަށް ގެއްލުނު އިޓަލީވިލާތުގެ ފަތުރުވެރިންތަކެއް ސަލާމަތްކުރުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް ނިޔާވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ޚިދުމަތާއި އާދަޔާޚިލާފު ހިތްވަރުގެ އަގުވަޒަންކޮށް، އިޓަލީ ސަރުކާރުން ދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު އޭނާގެ ހަނދާނަށް އަރުއްވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި ޝަރަފު މަހުދީއަށް އެރުއްވީ ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި، އެ ގައުމުގެ 80ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ހޮޓެލް ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.