ދިވެހިރާއްޖޭގެ އަޑާއި ދިވެހި އެފްއެމްއިން 1448 ވަނަ އަހަރުގެ ރަމަޟާންމަހު ކުރިޔަށް ގެންދިޔުމަށް ހިމަޖެހިފައިވާ މުބާރާތްތައް އިފްތިތާހުކޮށްފިއެވެ.
މި މުބާރާތްތައް އިފްތިތާހުކޮށްދެއްވީ، ޕަބްލިކް ސަރވިސް މީޑީއާ ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދެވެ.
ކުރިއަށްއޮތް ރަމަޟާންމަހަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގެ އަޑުން 2 މުބާރާތެއް، އަދި ދިވެހި އެފްއެމްއިން އެއް މުބާރާތްކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ގިނަ އެހުންތެރިންތަކެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ "ރޭޑިއޯ ޑްރާމާ" މުބާރާތާއި "ކުރު ވާހަކަ" މުބާރާތެވެ. ދިވެހި އެފްއެމްއިން އިޢުލާންކުރި "ވާހަކައަކީ" މިއީ މުޅިން އަލަށް ތަޢާރަފުކުރި މުބާރާތެކެވެ.
މި ރަސްމިއްޔާތުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދު ދެއްކެވި ވާހަކައިގައި ދިވެހިރާއްޖޭގެ އަޑާއި ދިވެހިންނާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާކަން ފާހަގަކުރެއްވިއެވެ.
"ދިވެހިރާއްޖޭގެ އަޑާއި ދިވެހިންނާ އޮތްގުޅުމަކީ ވަރަށް ފުން ގުޅުމެއް. ދިވެހިން ދިވެހިރާއްޖެ ހޭލައިފިކަމަށް ޤަބޫލުކުރަނީ ދިވެހިރާއްޖޭގެ އަޑު އިވުމުން." ބަހުގެ އެކެޑަމީގެ ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބް ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ މިފަދަ މުބާރާތްތަކަކީ ހަމަ އެކަނި މުނިފޫހިފިލުވަމަށްޓަކައި ކުރާ ކަންކަން ނޫން ކަމަށެވެ. އަދި ރަމަޟާން މަހު ބާއްވާ މިފަދަ މުބާރާތްތަށް ވެގެންދާނީ އަޑުއެހުން ތެރިންނަށް ދީނީ، އިޖުތިމާއީ އަދި އަޚުލާގީ އެތައް މެސެޖެއް ފޯރުކޮށްދޭނެ މުބާރާތްތަކެއްކަމަށްވެސް ޝަކީބް ވިދާޅުވިއެވެ.
"ވާހަކައަކީ އަޅުގަނޑުމެން އިޖުތިމާޢީގޮތުންނާއި، އަޅުގަނޑުމެންގެ ރޫހާނީ ކަންތައްތަކާއި މި ނޫނަަސް އަޅުގަނޑުމެން އާންމުގޮތެއްގައި މުޖުތަމަޢުގެ ތެރޭގައި ފަތުރަން ބޭނުންވާ ޚިޔާލާތާއި އަޅުގަނޑުމެން ބަޔަކަށް އަންގައިދޭން ބޭނުންވާ އެއްޗެހި އަންގައިދިނުމަށްޓަކާ ބޭނުންކުރާ ވަސީލަތެއް އެއީ." ޝަކީބް ވިދާޅުވިއެވެ.

ޕީއެސްއެމް ރޭޑިޔޯ ޑްރާމާ މުބާރާތަކީ ދައުލަތުގެ އިދާރާތަކާއި، އަމިއްލަ އޮފީސްތަކާއި، ޖަމްޢިއްޔާތަކާއި، ސްކޫލް، ކޮލެޖު، ޔުނިވާސިޓީތަކާއި، ކުންފުނިތަކަށް ހުޅުވާލައިގެން ރަމަޟާންމަހު ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ މުބާރާތެކެވެ. މިއީ ރޭޑިޔޯ ޑްރާމާ ލިޔުމުގެ ފަންނާއި ރޭޑިއޯ ޑްރާމާ އުފައްދާ ހުށަހެޅުމުގެ ފަންނު ދިރުވައި އާލާކުރުމަށް ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 15 ވަނަ ދުވަހެވެ.
ކުރުވާހަކަ މުބާރާތަކީ ދިވެހިރާއްޖޭގެ އަޑުން ރަމަޟާންމަހަށް ޚާއްސަކޮށް ގެނެސްދޭ އެންމެ ޒަމާންވީ އެއް މުބާރާތެވެ. ތާރީޚުން އެނގެން އޮތްގޮތުގައި މިއީ 1970ގެ އަހަރުތަކުގައި ދިވެހިރާއްޖޭގެ އަޑުން ފެށި މުބާރާތެކެވެ. މިއީ ގިނަ ބައެއްގެ މަޤުބޫލުކަން ލިބިފައިވާ މުބާރާތެކެވެ. މި މުބާރާތުގަައި ބައިވެރިވުމަށްވެސް ހުޅުވާލާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
"ވާހައަކީ" މުބަރާތަކީ 91މެގަހާޓްސް ދިވެހި އެފްއެމުން 1448ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްސަކޮށް މުޅިން އަލަށް ފަށާ މުބާރާތެކެވެ. މިއީ ދިވެހި ޒުވާނުންގެ ކިބައިގައި ވާހަކަ ކިޔައިދިނުމާއި ހުށަހެޅުމުގެ ހުނަރު އާލާކޮށް ކުރިއެރުވުމަށް ބާއްވާ މުބާރާތެކެވެ. އަދި މުޖުތަމަޢަށް ފައިދާހުރި މެސެޖުތައް އެކުލެވޭ، ފެންވަރު ރަނގަޅު، އުފެއްދުންތެރި ވާހަކަތަކަށް މަގުފަހިކުރުމާއި ވާހަކަ ހުށަހެޅުމުގެ ފަންނު ދިރުވައި އާލާކުރުމަށް ދިވެހި އެފްއެމް މެދުވެރިކޮށް ފުރުސަތު ތަނަވަސް ކޮށްދިނުމަކީ މި މުބާރާތުގެ މަޤްޞަދަކެވެ.
މި މުބާރާތައް ނަން ހުށައެޅުމުގެ އެންމެފަހު ތާރީޚަކީ މިމަހުގެ 19 އެވެ. މި 3 މުބަރާތުގައި ބައިވެރިވުމަށްވެސް ނަންހުށަހަޅާނީ info@psm.mv އަށެވެ. މި މުބާރާތްތަކުގެ ޤަވާއިދު PSM.MV ވެބްސައިޓުން ޑައުންލޯޑުކުރެވޭނެއެވެ.

