ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހިންގާ އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ތެރެއިން، ހުޅުމާލޭ ފޭސް 1ގައި ޤާއިމްކުރާ ހައުސިން ޔުނިޓްތަކުގެ ކޮންކްރީޓް މަސައްކަތް ފަށައިފިއެވެ.
މިއަދު ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށާފައިވަނީ އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ 360 އެޕާޓްމެންޓުގައެވެ.
މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް އުފެއްދި ބީއެމްއެލް ސަބްސިޑަރީ ކުންފުނި، އެފޯޑަބަލް ހޯމް ލީސިންގއިން ކުރިއަށްގެންދާ މަޝްރޫއެކެވެ. ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރާ މި ފްލެޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދު ތެރޭގައި ނިމޭނެކަމަށް ބީއެމްއެލްއިން ފާހަގަކުރައްވައެވެ.
ބީއެމްއެލްގެ ފަރާތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން، ޕްރޮޖަކްޓް ކޮންސަލްޓެންޓް މުޙައްމަދު ޝަރާހު ވިދާޅުވީ، މިހާރު 3260 އެޕާޓްމެންޓުގެ އަމަލީ މަސައްކަތް ފެށިފައިވާކަމަށާ، ހުޅުމާލޭ ފޭސް1ގެ ފްލެޓްތަކަށް ބޭނުންވާ ޑިޒައިންކުރުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށެވެ. ފައުންޑޭޝަންގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ޕްރޮޖެކްޓުގެ މަސައްކަތްވެސް 2028ގެ ޖުލައި މަހަށް ނިންމާލެވޭނެކަމަށް ފާހަގަކުރެއްވިއެވެ.

"އަންނަ އަހަރު ސުޕަރ ސްޓްރަކްޗަރ ނިންމާލާ، ދެން އަންނަ އަހަރު ފިނިޝިންގެ މަސައްކަތް ނިމޭނެ. 2028 ވަނަ އަހަރު ޖުލައި މަހަށް މުޅި މަޝްރޫޢު ނިންމާލުން އުއްމީދަކީ" ޕްރޮޖަކްޓް ކޮންސަލްޓެންޓް މުހައްމަދު ޝަރާހު ވިދާޅުވިއެވެ.
އަމީން ކޮންސްޓްރަކްޝަންގެ ކޮމްޕެނީ ސެކެޓްރީ އިބްރާހިމް ނިހާދު ވިދާޅުވީ ބީއެމްއެލް އެފޯޑެބަލް ހައުސިންގެ ފޭސް1ގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިމޭނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.
3 ކޮޓަރީގެ މި ހައުސިން ޔުނިޓްތަކަކީ، 900 އަކަފޫޓުގެ ތަންތަނެވެ. މި މަޝްރޫއު ވެގެންދާނީ ސަރުކާރެއްގެ 5 އަހަރުގެ ދައުރުގެ ތެރޭގައި މަޝްރޫޢު ފަށައި، އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިންމައި، އޭގެ ވެރިފަރާތްތަކާ ޙަވާލުކުރެވޭނެ ފުރަތަމަ ހައުންސިންގ މަޝްރޫޢަށް ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. މިއީ ރާއްޖޭގައި ގެދޮރު ހޯދުމުގައި އޮތް ޑިމާންޑަށް އެކަށީގެންވާ ލުޔެއް ގެނެސްދޭނެ މަޝްރޫޢުތަކެއް ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.
ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ތެރެއިން ހުޅުމާލޭގެ އިތުރުން ވިލިމާލޭގައިވެސް ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.