ސާފް ޗެމްޕިއަންޝިޕް 2026ގައި ކުޅުނު ފުރަތަމަ މެޗުގައި، ޒުވާން ސްކޮޑަކާއެކު ނުކުތް އިންޑިއާއިން ޕާކިސްޠާންގެ މައްޗަށް މޮޅެއް ހޯދައި، މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ އެ ޤައުމުގެ ޤައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން އިންޑިއާ މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ.
މި މެޗު ވަރުގަދަކޮށް ފެށީ އިންޑިއާއިންނެވެ. މެޗުގެ ކުރީކޮޅުން ފެށިގެން އިންޑިއާއިން ވަރަށް ބޮޑަށް ކުރިއަށް ޖެހި، އެޓޭކިން ގޭމެއް ކުޅުނުއިރު، މެޗުގެ ފުރަތަމަ 13 މިނެޓުގެ ތެރޭގައި އިންޑިއާއިން ވަނީ ދެ ފަހަރަށް ޕާކިސްތާނުގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ.
އެހެންނަމަވެސް، މެޗުގެ 11ވަނަ މިނެޓުގައި ސުހެއިލް ބަޓް ފޮނުވާލި ބޯޅަ ޕާކިސްޠާނުގެ ގޯލަށް ވަތް ނަމަވެސް، ލައިންސްމަންގެ އެހީއާއިއެކު ރެފްރީ ނިންމީ ބޯޅަ ލިބުނު އިރު ސުހެއިލް ހުރީ އޮފްސައިޑުގައި ކަމަށެވެ. އެހެންނަމަވެސް، މި ހަމަލާގެ ރީޕްލޭއިން ފެންނަ ގޮތުގައި ސުހެއިލް އޮފްސައިޑު ވެފައެއް ނުވެއެވެ.
އޭގެ ދެ މިނެޓުފަހުން، މެޗުގެ 13ވަނަ މިނެޓުގައި ސުހެއިލް ވަނީ ދެވަނަ ފަހަރަކަށް ބޯޅަ ޕާކިސްތާނުގެ ގޯލުގެ ތެރެއަށް ވައްދާލައި، މެޗުގައި އިންޑިއާއަށް ލީޑުނަގައިދީފައެވެ. މިއީ މުޙައްމަދު ސުހެއިލް ނަގައިދިން ހުރަހަކުން ސުހެއިލް އަޙްމަދު ބަޓް ކާމިޔާބުކޮށްދިން ލަނޑެކެވެ.
އިންޑިއާއަށް ދެވަނަ ލަނޑު ޖަހައިދީ އެޓީމުގެ ލީޑު ފުޅާކޮށްދިނީ ވެސް ސުހެއިލް ބަޓެވެ. ޕާކިސްޠާންގެ ޑިފެންސްލައިނުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ތަނަވަސްކުރި ފުރުސަތެއްގައި ސުހެއިލް މިލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 19ވަނަ މިނެޓުގައެވެ.
މެޗުގައި އިންޑިއާއިން ތިންވަނަ ލަނޑު ޖެހީ 32ވަނަ މިނެޓުގައެވެ. ޕާކިސްޠާން ހާފުގެ މެދުތެރެއިން ބޯޅައާއިއެކު ކުރިއަށް ގޮސް، ނައުޝާދު ދިން ތުރޫ ޕާހަކުން ތަނަވަސްކުރި ފުރުސަތެއްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަންގްލެންތަންގް ކިޕްގެންއެވެ.
މި ނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، މިހާފުގައި ފަރަގު ކުޑަކުރަން ޕާކިސްޠާނަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ޕާކިސްޠާންގެ މުޙައްމަދު ހައްޔާނަށް އިންޑިއާގެ އަބީޝޭކް ކުރި ފައުލަކާ ގުޅިގެން ޕާކިސްޠާނަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، 35ވަނަ މިނެޓުގައި ޝާޔަކް ދޯސްތު ފޮނުވާލި ޕެނަލްޓީ ދިޔައީ މާ މަތިން ބޭރަށެވެ.
ދެވަނަ ހާފު ފަށައިގެން ޕާކިސްޠާނުން ކުޅުން ރަނގަޅުކޮށް އެޓޭކުތަކެއް ކުރި ނަމަވެސް އަދި ފަހުން އިންޑިއާއިން ވެސް ފުރުސަތުތަކެއް ތަނަވަސްކޮށް، ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗުގައި ޕާކިސްޠާނުން ޖެހި ދެލަނޑު ވެސް ޖަހާފައި ވަނީ 90 މިނެޓުގެ ކުޅުން ހަމަވެ ދެއްކި އިތުރުވަގުތުގެ 4 މިނެޓުގެ ތެރޭގައެވެ.
ޕާކިސްޠާނުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޖުނައިދު އަޙްމަދު ނަގައިދިން ހުރަހަކުން ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނަޖީބުﷲ އެވެ. އެއީ މެޗުގެ އިތުރުވަގުތުގެ ތިންވަނަ މިނެޓުގައެވެ. އަދި މެޗުގެ އިތުރުވަގުތުގެ ކުޅުން ހަމަވާން ސިކުންތުކޮޅަކަށްވެފައި ވަނިކޮށް އަލަމްގީރް އަލީ ޚާން ވަނީ ޕާކިސްޠާނުގެ ދެވަނަ ލަނޑުޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްދީފައެވެ.
މި މޮޅާއެކު އިންޑިއާއަށް މުބާރާތުގެ ސެމީ ފައިނަލްގެ އުއްމީދު ވަނީ ބޮޑުވެފައެވެ. މި ގުރޫޕުގައި ދެން ހިމެނޭ ރާއްޖެއާއި ޕާކިސްތާން ބައްދަލުކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުން، ގްރޫޕުގައި ބާކީ އެއް މެޗު އޮއްވައި އިންޑިއާއަށް ސެމީ ޔަގީންވާނެއެވެ. އެގޮތުން މިމަހުގެ 8ވަނަ ދުވަހު ކުޅޭ ރާއްޖެ-ޕާކިސްޠާން މެޗުން ޕާކިސްޠާން މޮޅު ނުވެއްޖެނަމަ އިންޑިއާއަށް ސެމީ ޔަގީންވީއެވެ.
މި ގުރޫޕުގެ ފަހު މެޗު ކުޅޭނީ މިމަހުގެ 11ވަނަ ދުވަހުއެވެ. އެ މެޗުގައި ބައްދަލުކުރާނީ ރާއްޖެއާއި އިންޑިއާ އެވެ.
ސާފް ޗެމްޕިއަންޝިޕް: ދެވަނަ ޓީމާއެކުވެސް އިންޑިއާއިން ޕާކިސްޠާން ބަލިކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed