ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްދޯ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 41 އަހަރުގެ ކުޅުންތެރިނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނު ކުރީ ޕޯޗުގަލްގެ ކޯޗާ މައްސަލަ ޖެހިގެން ވަކިއެއްޗެއް ނާންގައި މިދިޔަ މަހު އޭނާ ގައުމީ ޓީމާ ވަކިވެގެންދިޔަ މައްސަލާގައި އެއް މަސްދުވަހަށް ސަސްޕެންޑް ކޮށްފައި ހުއްޓަ އެވެ. ނަމަވެސް ޕޯޗުގަލްގެ ފެޑަރޭޝަނާއި ކޯޗާއި ކުޅުންތެރިޔާ ވެސް މިހާތަނަށް ދައްކަމުންދިޔަ ވާހަކަތަކުން ހީވެފައި އޮތީ މި މަހު ކުޅޭ ގައުމީ ޓީމުގެ މެޗުތަކަށް އޭނާ އެނބުރި ގައުމީ ޖާޒީލާނެ ކަމަށެވެ.

ރޮނާލްޑޯ އަކީ ގައުމީ ޓީމަކަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 2003 ވަނަ އަހަރު ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެން ފަށައި މިހާތަނަށް 234 މެޗު ކުޅެދީ 146 ގޯލު ޖަހައިފަ އެވެ.

ޕޯޗުގަލްގެ ގައުމީ ޖާޒީގައި އޭނާގެ އެންމެ ހާއްސަ ކާމިޔާބީ އަކީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމެވެ.

"ޕޯޗުގަލްގެ އެންމެހާ ރައްޔިތުންނަށް ބުނަން. އަހަރެން ލަމުން އައީ ގައުމީ ޓީމުގެ ހަތް ނަންބަރު ޖާޒީ ގައުމީ ޓީމާ ހަވާލު ކުރާ ވަގުތު ނުވަތަ އެ ދުވަސް އައިސް ޖެހިއްޖެ،" ރޮނާލްޑޯގެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭނާ ބުނީ 23 އަހަރު ވަންދެން ގައުމީ ޓީމުގައި އޭނާ ދެމިހުރީ ޒިންމާތަކާއި ޝަރަފާއި އުފަލާ އެކުގައި ކަމަށެވެ.
"މިވީ ދުވަސްތަކުގައި އަހަރެން އެކަނިވެރިކަން އިހުސާސެއް ނުވޭ. 23 އަހަރު އަހަރެން ހުރީ އިއްޒަތާއި ގައުމީ ޒިންމާތަކަކާއެކު ގައުމުގެ ދިފާއުގައި. ދުނިޔޭގެ ހުރިހާ ސްޓޭޑިއަމަކަށް އަހަރެން އެ ޖާޒީގައި ދިޔައީ ގައުމީ ޓީމު އިސްކޮށްގެން،" ރޮނާލްޑޯ ބުނެފައިވެ އެވެ.

އޭނާ ބުނީ މިއަދުގެ މި ނިންމުމާއެކު އޭނާގެ ހަނދާންތައް މާޒީވާނެ ކަމަށާއި ނަމަވެސް ގައުމީ ޖާޒީ ބާލަން ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ.

"ބައެއް ނިންމުންތައް ނިންމަކީ ހަމައެކަނި އަހަރެންގެ ސިނކުޑިއަކުން އެކަންޏެއްނޫން. ބައެއް ނިންމުންތައް ނިންމަނީ ހިތުގެ އަޑުން. 2003 ވަނަ އަހަރު އޮގަސްޓް ފަހު ފެށި ދަތުރަކީ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެދިޔަ ކަމެއް. އެކަން ވެސް މިއޮތީ ނިމުމަކަށް އައިސްފައި،" ރޮނާލްޑޯ ބުންޏެވެ.

ޕޯޗުގަލްގެ ސްޕޯޓިންއިން ކެރިއަރު ފަށައި މެންޗެސްޓާ ޔުނައިޓެޑްގައި މޮޅަށް ކުޅެ ރޮނާލްދޯ ވަނީ ފުރަތަމަ ފަހަރަށް 2008 ވަނަ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އަދި ފަހުން ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވެ އޭނާ ވަނީ މޮޅަށް ކުޅެ ގިނަ އަދަދަކަށް ގޯލު ޖަހައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަދަދު ފަހަކަށް އަރުވައިފަ އެވެ. އޭގެ ފަހުން އިޓަލީގެ ޔުވެންޓަސް އަށް ކުޅުމަށްފަހު ދެ ވަނަ ފަހަރަށް ޔުނައިޓެޑަށް ކުޅުމަށްފަހު އޭނާ މިހާރު ކުޅެމުންދަނީ ސައޫދީ އަރަބިއާގެ އައް ނަސްރުގަ އެވެ.