އަންނަ ރަމަޟާންމަސް ފެށެންވާއިރަށް އައްޑޫއާއި ފުވައްމުލަކު ސިޓީގެ ފެނުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ އައްޑޫ އަތޮޅާއި ފުވައްމުލައްސިޓީގައި ފޯރުކޮށްދޭ ޚިދުމަތާ ގުޅޭގޮތުން ރައްޔިތުންނާ ބައްދަލުކުރުމަށް ކުރައްވަމުންގެންދާ ދަތުރުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ އައްޑުއަތޮޅާއި ފުވައްމުލައްސިޓީއަށް ކުރަމުންދާ ދަތުރުގައި އެމްޑަބްލިއުއެސްސީން ޚިދުމަތް ހޯދާ ހުރިހާ ކަސްޓަމަރުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިދަތުރުގައި ކަސްޓަމަރުންނާ ބައްދަލުކޮށް އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕް އަޅާދިނުމާއި މިހާރުން މިހާރަށް ނަގަމުންދާ ރީޑިންތައް އަންގައިދޭނެކަމަށެވެ.
މީގެ އިތުރުން އެމްޑަބްލއިއެސްސީން ފޮރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުން ދެކޭގޮތް ބަލާނެކަމަށް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ އެ ދެ އަތޮޅުގައި ކުރިން ޚިދުމަތް ދެމުންދިޔަ ގޮތާގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަމަށާއި ނަމަވެސް މިހާރު އެމްޑަބްލިއުއެސްސީން އެ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން ރައްޔިތުންގެ ބޮޑެތި އުންމީދުތަކެއް ހުރިކަމަށެވެ. ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށްދީ ރަމަޟާންމަސް އަންނަންވާއިރަށް އެ ދެ އަތޮޅުގެ ފެނުގެ ޚިދުމަތް ރަނގަޅުކޮށް މާލެއާ އެއްފެންވަރަކަށް ޚިދުމަތް ފޯރުކޮށްދެވޭނެކަމަށެވެ.

"މި ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ދެކެގޮތް ބަލައިގެން ޚިދުމަތްތައް އިތުރަށް ރަނގަޅުކުުރުމަށް ކުރަންޖެހޭ ކަންކަން އެނގިގެން ދާނީ. ފެނާ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިއުއެސްސީން ހަވާލުވުމާ ގުޅިގެން ރައްޔިތުންގެ އުންމީދު ބޮޑު. ރައްޔިތުންގެ އުންމީދު ޙަޤީގަތަކަށް ހަދައިދޭނެ."މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ފެނުގެ ޚިދުމަތް މާލެއާ އެއްފެންވަރަކަށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން މުވައްޒަފުން ތަމްރީންކުރުމާއި މިހާރު ހުރި މެޝިނަރީޒްތައް ރެގިއުލޭޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށެވެ. އައްޑުއަތޮޅާއި ފުވައްމުލައް ސިޓީގައި މީގެ ކުރިން ފެނާ ކަރަންޓުގެ ޚިދުމަތްވެސް ފޯރުކޮށްދެމުންދިޔައީ ފެނަކައިންނެވެ. ނަމަވެސް ފެނަކަ އުވާލުމަށް ނިންމުމާއެކު އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެމްޑަބްލިއުއެސްސީން ވަނީ ހަވާލުވެފައެވެ.