ބާރުގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި، އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް އެރި ތޫފާނު މުރާސޫ ގެ ސަބަބުން މިހާތަނަށް ދެ މީހުން މަރުވެ، އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މި ބާރުގަދަ ތޫފާނާ ގުޅިގެން ހާލުގައި ޖެހުނު 12،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ރައްކާތެރި ވަގުތީ ހިޔާވަހިކަމުގެ މަރުކަޒުތަކަށް ބަދަލުކޮށްފައެވެ.
އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އޮންގޯލް ސަރަހައްދުން އެއްގަމަށް އެރި މި ތޫފާނުގައި، ގަޑިއަކު 100 އާއި 120 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި ވައިޖެހިފައިވެއެވެ. އަދި ކޮތަޕަޓްނަމް ފަދަ ސަރަހައްދުތަކަށް 164 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެއެވެ.
މި ގަދަ ވިއްސާރައިގެ ސަބަބުން ގިނަ އަދަދެއްގެ ގަސްތަކާއި ކަރަންޓު ދަނޑިތައް ވެއްޓި، 300 އަށް ވުރެ ގިނަ ގެދޮރަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
މީގެއިތުރުން، ދަނޑުވެރިކަން ކުރާ 52،000 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން އެއްކޮށް ހަލާކުވެފައިވާއިރު، މި ކާރިސާގައި ލިބުނު ގެއްލުމުގެ ޖުމްލަ އަގު ގާތްގަނޑަކަށް 36.3 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ލަފާކުރެއެވެ.
މިހާރު މި ތޫފާނުގެ ބާރު ދެރަވެފައި ވީނަމަވެސް، ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ވާރޭވެހި، ގުގުރާނެ ކަމަށް ބެލެވޭތީ ކަމާބެހޭ ފަރާތްތަކުން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.
އެ ސަރަހައްދުތަކުގައި މިހާރު ދަނީ މަގުތަކަށް ވެއްޓިފައިވާ ގަސްތަކާއި ކުނިބުނި ނަގައި ސާފުކުރުމާއި، ލިބިފައިވާ ގެއްލުންތައް މަރާމާތުކުރުމުގެ ބުރަ މަސައްކަތް ކުރަމުންނެވެ.
ތޫފާން މުރާސޫ: އިންޑިއާއިން 2 މީހުން މަރުވެ 12،000 މީހުން ހާލުގައި ޖެހިއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed