ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ޙޫޘީންގެ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތައް ވަރުގަދަވެ، އެތަކެއް ހަފްތާއަކަށް ބަންދުވެފައި އޮތް ތަޢިއްޒު ސިޓީއަށް ކޮންމެހެން ބޭނުންވެފައިވާ ސިއްހީ ސާމާނު އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރް.ސީ) އިން ފޯރުކޮށްދީފިއެވެ.

ސަޢުދީ ޢަރަބިއްޔާ އިސްވެ އޮތް އަސްކަރީ އިއްތިހާދުގެ ތާއީދު އޮންނަ ސަރުކާރުގެ ފައުޖުތަކާއި ޙޫޘީންގެ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތައް ވަރުގަދަވުމާ ގުޅިގެން، ފާއިތުވި އެއް މަސް ދުވަހު ތަޢިއްޒު އޮތީ ބޭރު ދުނިޔެއާ މުޅިން ވަކިވެފައެވެ.

އެ ސިޓީގެ މައިގަނޑު ސަޕްލައި މަގުތައް ބަންދުވުމުގެ ސަބަބުން ރައްޔިތުންނަށް ފެނާއި، ކާބޯތަކެތި އަދި ތެލުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ހަސްފަތާލުތަކުގެ ހިދުމަތްތައް ހުއްޓުމަކަށް އައުމުގެ ބިރު ހީވެފައިވާއިރު، ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެމުންދަނީވެސް މި ސިޓީގައެވެ.

ރެޑް ކްރޮސް އިން ފޮނުވި ސިއްހީ ސާމާނުގެ ސަބަބުން، ހަނގުރާމައިގައި ޒަހަމްވެފައިވާ ފަރާތްތަކަށް އަވަސް ފަރުވާ ދިނުމުގައި ހަސްފަތާލުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ. އެ ޖަމްއިއްޔާގެ އިސް އޮފިޝަލެއް ކަމަށްވާ ކްރިސްޓީން ސިޕޯލާ ވިދާޅުވީ، ޒަހަމްވެ ހާލުދެރަވާ މީހުންނަށް ވަގުތުން ފަރުވާ ލިބުމަކީ ފުރާނައާ ގުޅިފައިވާ ނާޒުކު ކަމެއް ކަމަށެވެ.

އަދި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ރައްކާތެރި މަގުތަކެއް ފަހިކޮށްދިނުމަށް ހަނގުރާމަކުރާ ހުރިހާ ފަރާތްތަކަކަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

ޔަމަނުގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުންތައް އިންތިހާއަށް އިތުރުވެފައިވާއިރު، އެހީދޭ މަގުތައް ބަންދުވުމުގެ ނަތީޖާއެއްގެ ގޮތުން ގާތްގަނޑަކަށް 800،000 މީހުންނަށް އަސާސީ އިންސާނީ އެހީތެރިކަން ލިބުމަށް ވަނީ ހުރަސްއެޅިފައެވެ.