ސަޢުދީ ޢަރަބިއްޔާއާއި ސޫރިޔާގެ ދިފާއީ ވުޒާރާއިން އަސްކަރީ އެއްބާރުލުން ދިނުމުގެ މުހިންމު އެއްބަސްވުމެއްގައި ނޮވެންބަރު 4 ވަނަ ދުވަހު ސޮއިކޮށްފިއެވެ. މި ފިޔަވަޅު އަޅާފައި މި ވަނީ އީރާންގެ މަދަދު ލިބޭ ކަމަށް ތުހުމަތުކުރެވޭ ޔަމަނުގެ ހަތިޔާރުއެޅި ޙޫޘީ ޖަމާއަތުން ސަޢުދީ ޢަރަބިއްޔާއަށް އަމާޒުކޮށް މެދުކެނޑުމެއްނެތި މިސައިލާއި ޑްރޯންގެ ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ. މި ކަން ރިޕޯޓު ކޮށްފައި ވަނީ، ސަޢުދީ ޢަރަބިއްޔާގެ ރަސްމީ ނޫސް އޭޖެންސީންނެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ސޫރިޔާގެ ރައީސް އަޙްމަދު އަލް-ޝަރުޢު ރިޔާޟަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި އޭނާ ވަނީ ސަޢުދީގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވާފައެވެ. މިއީ، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގައި މި ދެ ބޭފުޅުން ބައްދަލުކުރެއްވި ދެވަނަ ފަހަރެވެ. މި އެއްބަސްވުމުގެ އިތުރު އެއްވެސް ތަފުސީލެއް ދެ ގައުމުން ވެސް ސާފުކޮށްދީފައެއް ނުވެއެވެ. ނަމަވެސް، ޙޫޘީންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ސަޢުދީއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާމެދު ސޫރިޔާއިން ވިސްނަމުންދާ ކަމުގައި، އެ ގައުމުގެ މަސްދަރުތަކުން ނިމިދިޔަ މަހު ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ސޫރިޔާގެ ޚާރިޖީއްޔާގެ އިސް އޮފިޝަލަކު ވިދާޅުވީ، އަސްކަރީ އެއްބާރުލުމަށް ނުވަތަ ތަޖުރިބާ ހިއްސާކުރުމަށް އެދޭ ކޮންމެ އެދުމެއް ވެސް "ކުރިއަށްދާނީ ހަމައެކަނި ރަސްމީ މަގުތަކުން، އަދި އަޅުގަނޑުމެންގެ އަހުވަންތަ ދެ ގައުމުގެ ގުޅުންތައް ބިނާވެފައިވާ ދޭދޭ އެއްބަސްވުންތަކުގެ އޮނިގަނޑުގެ ތެރެއިން" ކަމުގައެވެ. އަލުން ފެށިފައިވާ މި ހަނގުރާމައިގައި ދިފާއީ އަދި ހަމަލާދިނުމުގެ އެހީތެރިކަން ހޯދުމަށް އެމެރިކާއިން ފެށިގެން ވިލާތާއި މެދުއިރުމަތީގެ ގައުމުތަކުގެ ކިބައިން ވެސް ސަޢުދީ ޢަރަބިއްޔާއިން ދަނީ އެދެމުންނެވެ.

އަލް-ޝަރުޢުގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އިތުރު އެހެން އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވެއެވެ. ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދު ވެރިކަމުން ދުރުކުރުމަށްފަހު، ސޫރިޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ދުނިޔޭގެ ބާރުތަކާއެކު ދިމިޝްޤުގެ ގުޅުން އަލުން ގާއިމުކުރުމުގައި ސަޢުދީއިން އިސް ދައުރެއް އަދާކޮށްފައިވެއެވެ. މި ގޮތުން، ސޫރިޔާގެ ތަރައްގީއާއި ހިދުމަތްތަކަށް އެހީވުމުގެ ގޮތުން 403 މިލިޔަން އެމެރިކާ ޑޮލަރުގެ ލޯނު ދިނުމަށް ސަޢުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ސޫރިޔާގެ މާލީ ވުޒާރާއާއެކު ނޮވެންބަރު 4 ވަނަ ދުވަހު ހަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމުގައި އެ ވުޒާރާއިން ބުނެފައިވެއެވެ.