ޔޫއެފާ ޗެމްޕިއަންސް ލީގުގައި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ރެއާލް މެޑްރިޑުން ގްރީސްގެ އޭއީކޭ އެތެންސް އަތުން ހޯދި އުނދަގޫ މޮޅާއެކު، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ހޯދަމުން އައި މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފިއެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ހުރިހާ ޓީމަކުން ވެސް މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު، ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ދެ ޓީމަކީ ރެއާލްގެ އިތުރުން އެންމެފަހުގެ ޗެމްޕިއަން، ފްރާންސްގެ ޕީއެސްޖީ އެވެ.

ރެއާލް އިން މުބާރާތުގައި ހަތަރުވަނަ މޮޅު ހޯދީ އޭއީކޭ އެތެންސްގެ ދަނޑުގައި 30،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި އެތެންސްގެ މައްޗަށް 3-2 އިން ކުރިހޯދައިގެންނެވެ.

ވަރުގަދަ ރެއާލް މެޑްރިޑާ ދެކޮޅަށް އެތެންސް އިން ރަނގަޅު ކުޅުމެއް ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް، ހޯމް އެޑްވާންޓޭޖް އޭގެ އެންމެފުރިހަމަ ގޮތުގައި ނަގަމުންދިޔަ އެތެންސް އިންނެވެ. މެޗު ފަށައިގެން 12ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބޫބަކްރީ ކޮއިޓާއެވެ.

ރެއާލް އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މިމެޗުގައި އެޓީމުން ނަތީޖާ ހަމަހަމަކުރީ ހާފުގެ 32 ވަނަ މިނެޓުގައެވެ. މިއީ މާކް ކުކުރެޔާ އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުން ޖޫޑް ބެލިންގހަމް ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.

ހަމަހަމަ ނަތީޖާއެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ދެވަނަ ހާފު ފަށައިގެން ވެސް މެޗުގައި ދެވަނަ ފަހަރަށް ވެސް ލީޑުނެގީ އެތެންސް އިންނެވެ. މެޗުގެ 75ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓެވްރޯސް ޕިލިއޯސްއެވެ.

މެޗުގައި ދެވަނަ ފަހަރަށް ރެއާލަށް ނަތީޖާ ހަމަހަމަކޮށްދިނީ، ޕިލިއޯސްގެ ލަނޑުން އެތެންސް އިން ލީޑުނެގިތާ ތިން މިނެޓުފަހުން ކިލިއަން އެމްބާޕޭއެވެ.

ހަމަހަމަ ނަތީޖާއެއްގައި އޮވެ މެޗު ނިމެންދަނިކޮށް، އަދި މި މެޗުން ޕޮއިންޓެއް ހޯދުމުގެ އުއްމީދުގައި މެޗު ލަސްކުރަން އެތެންސްގެ ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތްކުރަނިކޮށް ރެއާލަށް މެޗުން ތިން ޕޮއިންޓު ހޯދައިދިނީ ކެޕްޓަން ފެރެރީކޯ ވަލްވާޑޭއެވެ. މިއީ އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ބާރު ހަމަލާއެއްގައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ވަލްވާޑޭގެ ލަނޑުން ރެއާލް މި މެޗުން މޮޅުވިއިރު، ލީގުގައި ރެއާލް އޮތީ ހަތަރު މެޗުން 12 ޕޮއިންޓާއެކު ދެވަނައިގައެވެ. އެއްވަނައިގައި އޮތް ޕީއެސްޖީއަށް ވެސް ލިބެނީ 12 ޕޮއިންޓެވެ. ޕީއެސްޖީއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.