ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މެދު ދައުރުގެ އިންތިިހާބުގައި އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވަނީ ކަމަށް ދެކިގެން ރައްޔިތުން ވޯޓުލުމަށް އޭނާ ވަނީ ގޮވައިލައްވައިފައެވެ. ސެނެޓުގެ އެންމެ މުހިންމު ގޮނޑިތަކަށް ކެންޑިޑޭޓުން ކަނޑައެޅުއްވީ ސީދާ ޓްރަމްޕްއެވެ. ނަމަވެސް ވޯޓުލައި ނިމުނު އިރު ރައްޔިތުން ވަނީ ޓްރަމްޕް ނެރުއްވި ކެންޑިޑޭޓުންނަށް ނޫނެކޭ ބުނެފައެވެ.

ސައުތު ކެރޮލައިނާއާއި ނޯތު ކެރޮލައިނާއާއި ޓެކްސަސްއާއި މިޝިގަންއާ ހަތަރު ސްޓޭޓުގެ ގޮނޑި ރިޕަބްލިކަނުންނަށް ގެއްލުނުއިރު، ގާނޫނުހަދާ މަޖިލީހުގެ އަގުލަބިއްޔަތު ޑިމޮކްރަޓުން ވަނީ ނަގައިފައެވެ. އެ ނަތީޖާއިން ޓްްރަމްޕްގެ ސިޔާސީ ބާރުވެރިކަމުގައި ހުރި ބައެއް ބަލިކަށި ކަންތައްތައް ވަނީ ފާޅުވެފައެވެ.

ފާއިތުވި ދިހަ އަހަރު ޓްރަމްޕް ވަނީ އޭނާގެ މޭކް އެމެރިކާ ގްރޭޓް އަގައިން ހަރަކާތުގެ މައްޗަށް ބިނާކޮށް ރިޕަބްލިކަން ޕާޓީ އަލުން ބައްޓަން ކުރުމަށް މަސައްކަތް ކުރައްވައިފައެެވެ. އެ ގޮތުން ޕްރައިމަރީތަކުގައި ވާދަކުރައްވާނީ ކޮން ބައެއްތޯ ކަނޑައެޅުއްވުމާއި ޓްރަމްޕް ހިތްހަމަޖެހިވަޑައިގަންނަވާ މިންވަރަށް ވަފާތެރި ކަމަށް އޭނާއަށް ފެނިވަޑައިނުގަންނަވާ، އަދި އޭނާގެ ސިޔާސަތުތަކަށް ފުށުއަރާ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ ކޮންސަވޭޓިވް ޝަހުސިއްޔަތުތައް އޭނާ ވަނީ އެއްފަރާތް ކުރައްވައިފައެވެ. ޓްރަމްޕް ގެންދެވީ އޭނާގެ އަރިސް ބޭފުޅުންނަށް އަދި ފިކުރަށް ތާއީދުކުރައްވާ ބޭފުޅުންނަށް ތަކުރާރުކޮށް އިސްކަން ދެއްވަމުންނެވެ. އެއީ އިންތިހާބުގައި ރަނގަޅު ނަތީޖާތައް ނެރުއްވާފައިވާ އަދި ރަނގަޅު ގުޅުންތައް ދަމަހައްޓަަވައި ބޭފުޅުންގެ މައްޗަށެވެ. ޓްރަމްޕް ހީފުޅުކުރެއްވީ އޭނާގެ ސީދާ އެންޑޯޒްމަންޓް ލިބުމުން އޭނާ ނެރުއްވާ ކެންޑިޑޭޓުންގެ އުނި ކަންކަން މަތިން ރައްޔިތުން ހަނދާން ނެތޭނެ ކަމަށެވެ. ޕްރައިމަރީތަކަށް ޓްރަމްޕް ބާރުފޯރުކުރެއްވުމަކީ އިންތިހާބުގައި ނާކާމިޔާބީ ލިބުނު މައި ސަބަބު ކަމަށް ރިޕަބްލިކަނުންގެ ބައެއް އިސް ސިޔާސީވެރިން ދަނީ ބުނަމުންނެވެ.

އެންމެ ފަހުގެ އިންތިހާބުގެ ނަތީޖާއިން ވެސް ހާމަވެފައި ވަނީ ޓްރަމްޕް ނެރުއްވި ބޭފުޅުންނަށް ވޯޓުލުމަށް އާންމުންނަށް ހިތްވަރުދެއްވުމުގައި ޓްރަމްޕް ނާކާމިޔާބުވެފައިވާ މިންވަރެވެ. އެންމެ ހައިރާންކުރަނިވި އެއް ނަތީޖާއަކީ ސައުތު ކެރޮލައިނާގެ ނަތީޖާއެވެ. 1998ވަނަ އަހަރުން ފެށިގެން އެ ސްޓޭޓަށް ޑިމޮކްރަޓިކް ސެނެޓަރެއް ހޮވިފައެއް ނުވެއެވެ. 2024ވަނަ އަހަރުގެ ރިޔަސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓުންގެ މައްޗަށް އެ ސްޓޭޓުން 18 އިންސައްތައިގެ ކުރިއެރުމެއް ޓްރަމްޕް ހޯއްދަވާފައިވެއެވެ. މި އިންތިހާބުގައި ޓްރަމްޕް ވަނީ އެ ގޮނޑިއަށް ޑާލައިން ގްރޭމް އެންޑޯޒް ކުރައްވައިފައެވެ. ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރެއްވީ ޑިމޮކްރަޓުންގެ އެނީ އެންޑްރޫޒްއެވެ. ޕްރައިމަރީގައި ޓްރަމްޕް ގްރޭމް އެންޑޯޒް ކުރެއްވުމަކީ ޕާޓީ ބައިބައިކޮށްލި ނިންމުމެއްގެ ގޮތުގައި އެ ޕާޓީގެ ބައެއް ސިިޔާސީވެެރިން ސިފަކުރައްވައެވެ.

ހަމަ އެގޮތަށް ނޯތު ކެރޮލައިނާގެ ގޮނޑިއަށް ވެސް ޓްރަމްޕް އެންޑޯޒް ކުރައްވާފައި ވަނީ މައިކަލް ވޮޓްލީއެވެ. ނަމަވެސް ޑިމޮކްރަޓުންގެ ކުރީގެ ގަވަރުނަރެއް ކަމަށްވާ ރޯއީ ކޫޕަރ ވަނީ އޭނާގެ މައްޗަށް ކުރި ހޯއްދަވައިފައެވެ. ޓްރަމްޕްއާ މައްސަލައެއް ޖެހިވަޑައިގަތުމަށް ފަހު، އެ ގޮނޑީގައި އެންމެ ފަހުން އިންނެވި ރިޕަބްލިކަނުންގެ ސެނެޓަރު، ޓޮމް ތިލިސް ވަނީ އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެ ކަމަށް އިޢުލާނުކުރައްވައިފައެވެ. އެނަލިސްޓިން ވިދާޅުވަނީ ތިލިސް އެ ގޮނޑިއަށް ވާދަކުރެއްވި ނަމަ ރޯއީ ކޫޕަރ އެ ގޮނޑިއަށް ކުރިމަތި ނުލެއްވީސް ކަމަށެވެ. އެހެންކަމުން އެ ގޮނޑިއަކީ ވެސް ޓްރަމްޕް އަމިއްލަ އަތްޕުޅުން ޑިމޮކްރަޓުންނަށް ތަބަކެއްގައި ދެއްވާފައިވާ ގޮނޑިއެއް ކަމަށް އެ ބޭފުޅުން ދެކިވަޑައިގަންނަވައެވެ.

ޓެކްސަސްގެ ގޮނޑި ވެސް 1998ން ފެށިގެން ޑިމޮކްރަޓަކަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް މި ފަހަރުގެ އިންތިހާބުގައި އެ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ ޑިމޮކްރަޓުންގެ ޖޭމްސް ޓެލަރިކޯއެވެ. ޓެކްސަސްގެ ގޮނޑިއަށް ޓްރަމްޕް ހުށަހެޅުއްވީ އެ ބޭފުޅަކާ ގުޅޭ ގިނަ މައްސަލަތަކެއް އާންމުވެފައިވާ ކެން ޕެކްސްޓަންއެވެ. މަސްރަހު ދިރާސާ ކުރައްވާ ތަޖުރިބާކާރުން ބުނަނީ ރިޕަބްލިކަނުންނަށް ޔަގީން ގޮނޑިއެއް ގެއްލުމަށް މެދުވެރިވި ސަބަބަކީ ޓްރަމްޕްގެ އެ ނިންމެވުން ކަމަށެވެ. ޕްރައިމަރީގައި ސެނެޓަރ ޖޯން ކޯނީން ޓްރަމްޕް ނޮމިނޭޓު ކުރެއްވި ނަމަ އެ ގޮނޑި ކާމިޔާބު ކުރެވުނީސް ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.