އެމެރިކާގެ މެދު ދައުރުގެ އިންތިހާބުގައި ރިޕަބްލިކަނުންގެ މައްޗަށް ޑިމޮކްރަޓުން ވަނީ ކުރި ހޯދާފައެވެ. ރިޕަބްލިކަނުންނަށް ލިބުނު ނާކާމިޔާބީއާއެކު ބައިނަލްއަގްވާމީ މައިދާނަށް ބަދަލުތަކެއް އަންނާނެކަން ކަށަވަރެވެ.
އީރާންއާއި ޔަހޫދީން
ގާނޫނުހަދާ މަޖިލީހުގެ އަގުލަބިއްޔަތު ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ގެއްލުމުގެ ސަބަބުން އެމެރިކާއިން މި އަހަރުގެ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހުން ފެށިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އަންނާނީ ކޮން ކަހަލަ ބަދަލުތަކެއް ކަމަށް އަދި ބުނާކަށް ނޭނގެއެވެ. ވޯޓުގެ ނަތީޖާއިން ދައްކުވައިދެނީ އާންމުން ހަނގުރާމައިގެ މަތިން ފޫހިވެފައިވާ ކަމެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ތެލުގެ އަގުތައް އިންތިހާއަށް އުފުލިފައި ވަނީ އެ ހަނގުރާމައިގެ ސަބަބުންނެވެ. ގަލްފުގެ ބައެއް ގައުމުތަކުން މިހާރު ގަބޫލުކުރާ ގޮތުގައި އެއީ އެމެރިކާއިން އީރާނާއެކު ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް އަންނަން ޖެހޭ މައި ސަބަބެވެ. މެދު ދައުރުގެ އިންތިހާބަށް ފަހު އެމެރިކާއިން އީރާނަށް އަސްކަރީ ގޮތުން ހަމަލާ ދޭނެ ކަމަށް މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ގަބޫލުކުރެއެވެ.
ނަމަވެސް އިންތިހާބުގައި ޓްރަމްޕްއަށް ލިބިވަޑައިގެންނެވި ނާކާމިޔާބީގެ ސަބަބުން އީރާނުން އެމެރިކާއާ ޖަދަލުކުރުމަށް އައު ހިތްވަރެއް ލިބުން ވެސް އެކަށީގެންވެއެވެ. އެއްބަސްވުމަކާ ހަމައަށް އައުމަށް ޓްރަމްޕްއަށް ކޮންމެހެން މުހިންމު ކަމަށް އީރާނަށް ގަބޫލުކުރެވޭ ނަމަ ހަގީގަތުގައި ވެސް ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ފަދަ އެއްބަސްވުމެއް އެކުލަވައިލުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާއިން ޓްރަމްޕް ބަލިކަށިވެފައިވާ ކަމަށް އީރާން ދެވޭ ނަމަ، އިތުރު އަސްކަރީ ފިޔަވަޅުތަކަކީ އެކަށީގެންވާ ކަމެކެވެ.
ޔަހޫދީންނަށް ބަލާއިރު، ގާނޫނުހަދާ މަޖިލީހުގެ ކޮންޓްރޯލް ޑިމޮކްރަޓުން ނެގުމުން އީރާނާއި ޣައްޒާއާއި ލުުބުނާނުގައި ޔަހޫދީން ހިންގާ އުދުވާންތައް ގާތުން ބެލުން އެކަށީގެންވެއެވެ. އަދި އަސްކަރީ އެހީތެރިކަން ފޯރުކޮށްދީގެންނާއި ހަތިޔާރު ވިއްކައިގެން އެމެރިކާއިން ޔަހޫދީންނަށް ވާގިވެރިވުމަށް ހުރަސްއެޅުން އެކަށީގެންވެއެވެ.
ތެލުގެ އަގުތައް
އެމެރިކާއާއި ޔަހޫދީން އިސްވެ އީރާނަށް ހަމަލާދީ ފަށާފައިވާ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ގަލްފުން ގެންނަ ތެލާއި ގޭހުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. އެމެރިކާގެ އިންތިހާބުގެ ސަބަބުން އެމެރިކާއާއި އީރާނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރުމަށް މަގުފަހިވާނެ ކަމަށް ހަކަތައިގެ ދާއިރާގެ އިންވެސްޓަރުންނަށް އޮތީ ގަބޫލުކުރެވިފައެވެ. އޭގެ ސަބަބުން ވިދިވިދިގެން ތިންވަނަ ދުވަހު ތެލުގެ އަގުތައް ވަނީ ދަށަށް ގޮސްފައެވެ.
ނަމަވެސް ތެލުގެ އަގުތައް އެއަށްވުރެ އިތުރަށް ދަށަށް ގޮސްފައި ނުވަނީ ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މި ވަގުތު ލިބެންހުރި ތެލުގެ ސަޕްލައި މަދުވުމުންނެވެ. އެނަލިސްޓުން ބުނީ އިތުރު އަސްކަރީ ހަމަލާއެއް ދިނުމުގެ ބަދަލުގައި ބޮޑަށް ބެލެވެނީ ޓްރަމްޕް ބޭނުންފުޅުވާނީ ހަނގުރާމަ ނިމުމަކަށް ގެންނަން ކަމަށެވެ.
ޔޫކްރެއިން
ޓްރަމްޕް ވަނީ ޔޫކްރެއިންއަށް އެމެރިކާގެ ސީދާ އަސްކަރީ އަދި މާލީ އެހީތެރިކަން ދިނުން ގާތްގަނޑަކަށް އެއްކޮށްހެން ހުއްޓަވައިލައްވައިފައެވެ. ޓްރަމްޕް އެގޮތަށް ނިންމަވާފައި ވަނީ އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގައި ޑިމޮކްރަޓުން ވެސް ރިޕަބްލިކަނުން ވެސް ޔޫކްރެއިންއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިތްވަރުދީފައި ވަނިކޮށެވެ. އޭގެ އިތުރުން ރަޝިއާއިން އުފައްދާ ހަކަތައަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް ވެސް ޓްރަމްޕް ވަނީ ލުއިކޮށްދެއްވައިފައެވެ. އެ ނިންމުމަކީ ގާނޫނުހަދާ މަޖިލީހުގެ މެންބަރުން ހިތްހަމަނުޖެހިފައިވާ ސަބަބެކެވެ.
ޑިމޮކްރަޓުންނަށް ގާނޫނުހަދާ މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުން ޔޫކްރެއިންއަށް އައު އެހީތައް ދީ، ރަޝިއާއާ ގުޅޭ ގޮތުން ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކަށް ގޮން ޖެހުން އެކަށީގެންވެއެވެ. މަޖިލީހުގެ ހުށަހެޅުމެއް ޓްރަމްޕް ވީޓޯ ކުރައްވައިފި ނަމަ، އެ ވީޓޯގެ މައްޗަށް ބަސް ހިނގާނޭހެން ރިޕަބްލިކަނުން ޑިމޮކްރަޓުންނާ ބައިވެރިވެެއްޖެ ނަމަ އެ ކަމާ ގުޅޭ ގާނޫނުތައް ފާސްކުރުން ވެސް ގާތެވެ.
ވިޔަފާރި
ޓެރިފް ނުނެގުމުގެ ބަދަލެއްގެ ގޮތުގައި އެމެރިކާއާއެކު ވިޔަފާރިކުރުމަށް އޭޝިއާގެ ގައުމުތަކުން ދީފައިވާ ޔަގީންކަމަށް އިންތިހާބުގެ ނަތީޖާގެ ސަބަބުން އަސަރުކުރުން އެކަށީގެންވެއެވެ. އެ ގޮތުން އެއްބަސްވެފައިވާ ތާރީހަށްވުރެ އިންވެސްޓްމަންޓްތައް ލަސްކުރުން ހިމެނެއެވެ. އޭގެ ސަބަބުން ވިޔަފާރި މަޝްވަރާތަކުގައި ކުރިއެރުންތައް ލިބުން އެކަށީގެންވެއެވެ.
އިންތިހާބުގެ ނަތީޖާގެ ސަބަބުން އެމެރިކާއާއި ޗައިނާއާ ދެމެދު އޮންނަ އިގްތިސާދީ ގުޅުމަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް އެ ގުޅުން އޮންނާނީ ނާޒުކު ގުޅުމެއްގެ ގޮތުގައެވެ.
ސިޔާސީގޮތުން ޓްރަމްޕްއަށް ލިބިވަޑައިގެންނެވި ބަލިކަށިކަމުގެ ސަބަބުން އިންޑިއާއަށް ފުރުސަތުތަކެއް ފަހިވުން ވެސް އެކަށީގެންވެއެވެ. ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މަޝްވަރާތައް ނުކުރެވި ދިގުދެމިގެންގޮސްފައިވާއިރު، އެ ކަމަށް ހައްލެއް ލިބޭނެ ކަމަށް ބެލެވެއެވެ.
ވިޔަފާރިއާއި އެތެރެކުރާ ތަކެތިން ނަގާ ޓެރިފްގެ މައްޗަށް ގާނޫނުހަދާ މަޖިލީހަށް ދުސްތޫރީ ބާރު ލިބިގެންވެއެވެ. މަޖިލީހުގެ ސީދާ ރުހުން ހޯދަން ނުޖެހޭ ފަދަ ގޮތަކަށް އެހެން ގާނޫނުތައް ބޭނުން ކުރައްވައިގެން ޓްރަމްޕް ޓެރިފްތައް ތައާރަފް ކުރައްވާފައިވާއިރު، އެ ބާރު ހަނިކުރުމަށް ޑިމޮކްރަޓުން މަސައްކަތް ކުރުން އެކަށީގެންވެއެވެ. ނަމަވެސް އެ ފަދަ ހުށަހެޅުމެއް ވީޓޯ ކުރުމުގެ ބާރު ވެސް ޓްރަމްޕްއަށް ލިބިވަޑައިގެންފައިވެއެވެ.
އެމެރިކާގެ ޓެކް ކުންފުނިތަކުގެ އަތުން ޓެކްސް ނަގާ ވިލާތުގެ ގައުމުތަކުގެ އަތުން 100 އިންސައްތައިގެ ޓެރިފްތައް ނަންގަވާނެ ކަމަށް ޓްރަމްޕް ވަނީ އިންޒާރު ދެއްވައިފައެވެ. އެ އިންޒާރާ އެއްގޮތަށް ޓްރަމްޕް އަމަލުކުރައްވާނެތޯ ނުވަތަ ނޫންތޯ ލަފާ ކުރުމަށް މި ވަގުތު ދައްޗެވެ. އެއާބަސް ކުންފުންޏަށް ދިނުމަށް ހުށަހަޅާފައިވާ 3ބިލިއަން ޔޫރޯގެ ލޯންއަކާ ގުޅިގެން ވެސް ވިލާތާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އިތުރުވުން އެކަށީގެންވެއެވެ.
އޭއައިއާއި ޓެކްނޮލޮޖީ
އެކްސިޓް ޕޯލްސްއިން ދައްކާ ގޮތުގައި އެމެރިކާގެ ގިނަ އަދަދެއްގެ ރައްޔިތުން މި ވަގުތު އެންމެ ކަންބޮޑުވާ އެއް މައްސަލައަކީ އޭއައި ޑާޓާ ސެންޓަތުރައް ހަލުވިކަމާއެކު ފުޅާވަމުުން ދިއުމެވެ. ކޮންގްރެސްގެ ބާރު ޑިމޮކްރަޓުންނަށް ލިބުމުން ޓެކް ކުންފުނިތަކަށް އޮންނަ ފިއްތުންތައް އިތުރުވެ، އޭއައިއާ ގުޅޭ މިހާރަށްވުރެ ހަރުކަށި ގަވާއިދުތައް ހަދާނެ ކަމަށް އިންވެސްޓަރުން ގަބޫލުކުރެއެވެ. އޭގެ ސަބަބުން އޭއައި ދާއިރާއަށް ހަލުވިކަމާއެކު ލިބެމުންދާ ކުރިއެރުންތައް ކޮންމެވެސް މިންވަރަކަށް މަޑުޖެހުން އެކަށީގެންވެއެވެ.
އިންތިހާބުގެ ނަތީޖާއާއެކު އޭޝިއާގެ ޗިޕު ކުންފުނިތަކުގެ ހިއްސާގެ އަގު ވެސް ވަނީ ދަށަށް ގޮސްފައެވެ. އެ ގޮތުން ޓީއެސްއެމްސީއާއި ސެމްސަންގ އިލެކްޓްރޯނިކްސްއާއި އެސްކޭ ހައިނިސްއާއި ކިއޯޝާގެ އަގު ވެސް ވަނީ ދަށަށް ގޮސްފައެވެ.
އެމެރިިކާގެ ޑާޓާ ސެންޓަރުތަކުގެ ހިއްސާގެ އަގު ވެސް ވަނީ ދަށަށް ގޮސްފައެވެ. އެ ގޮތުން އެޕްލައިޑް ޑިޖިޓަލްއާއި ޓެރަވުލްފްއާއި ކޯ ސައިންޓިފިކްއއި އިރެންގެ ހިއްސާގެ އަގު ވަނީ ދަށަށް ގޮސްފައެވެ.
އެމެރިކާގެ އިންތިހާބުގެ ނަތީޖާއިން ބައިނަލްއަގްވާމީ މަސްރަހަށް ބަދަލުތަކެއް އަންނާނެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed