ކުވެއިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް، ކޭއެފްއޭއީޑީއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އަހަރީ ކަންޓްރީ ލިމިޓު 10 މިލިޔަން އެމެރިކާ ޑޮލަރުން 40 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުމުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ތ. އަތޮޅު ހޮސްޕިޓަލު ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި ކުވެއިތު ފަންޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ބޭއްވި ބައްދަލުވުމުގައި، އެ ފަންޑުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ވަލީދު އަލްބަދަރެވެ.

މި ބައްދަލުވުމުގައި އަލްބަދަރް ވިދާޅުވީ، ކަންޓްރީ ލިމިޓު ބޮޑުކުރުމަށް ނިންމެވީ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް އޭއައިއައިބީގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު އެދިލައްވާފައިވާ އެދިލެއްވުންތަކަށް ރިޢާޔަތްކުރެއްވުމަށް ފަހު ކަމަށެވެ. އަދި އަންނަ އަހަރުން ފެށިގެން މި ލިމިޓު ބޮޑުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.


މީގެ އިތުރުން، އަންނަ އަހަރު ރާއްޖޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ އެންމެ ބިޔަ އެއް މަޝްރޫޢު ކަމަށްވާ ތިލަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަށް ފައިނޭންސްކުރުމުގައި ބައިވެރިވުމަށް ވަޒީރު އެދިވަޑައިގެންފައިވާތީ، އެކަމަށް އިޖާބަދިނުމުގެ ގޮތުން މަޝްވަރާތަކާއި ތައްޔާރީތައް މިހާރުން މިހާރަށް ފަށްޓަވާނެ ކަމަށްވެސް އަލްބަދަރް ވިދާޅުވިއެވެ.

ރަޝައިދު އަލްބަދަރް ފާހަގަކުރެއްވި ގޮތުގައި، 1976 ވަނަ އަހަރު ވެވުނު ފުރަތަމަ އެއްބަސްވުމާއެކު ރާއްޖޭގެ މަޝްރޫޢުތަކަށް ކުވެއިތު ފަންޑުން ފައިނޭންސް ކުރަން ފެށިތާ މިހާރު ވަނީ 50 އަހަރު ފުރިފައެވެ. ވޭތުވެދިޔަ މުއްދަތުގައި އެ ފަންޑުން ރާއްޖެއަށް 185 މިލިޔަން އެމެރިކާ ޑޮލަރުގެ 14 ލޯނެއް ދޫކޮށްފައިވާއިރު، ހިލޭ އެހީއާއި ފަންނީ އެހީތެރިކަމުގެ ގޮތުގައި 5.7 މިލިޔަން އެމެރިކާ ޑޮލަރު ވަނީ ފޯރުކޮށްދީފައެވެ. އަދި ރާއްޖޭގެ ޤައުމީ ތަރައްޤީގައި އިސްކަންދޭ ދާއިރާތަކަށް އެއްބާރުލުން ދިނުމުގައި އެ ފަންޑު އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަލްބަދަރް ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޒަރީރު ވަނީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ކުވެއިތު ފަންޑުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ހިންގި އެކިއެކި މަޝްރޫޢުތަކާއި، އައު ޕެސެންޖަރ ޓާމިނަލްގެ މަސައްކަތުގެ އިތުރުން ފުވައްމުލަކު ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢު ފަދަ ޤައުމީ ފެންވަރުގެ މުހިންމު މަސައްކަތްތަކުގައި އެ ފަންޑުގެ ދައުރު ވަޒީރު ފާހަގަކުރެއްވިއެވެ.

ތ. އަތޮޅު ހޮސްޕިޓަލު ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި ކުވެއިތު ފަންޑާ ދެމެދު ސޮއިކުރެވުނު ތ. އަތޮޅު ހޮސްޕިޓަލްގެ އެއްބަސްވުމަކީ ޖުމްލަ 3 މިލިޔަން ކުވެއިތީ ދީނާރު ނުވަތަ ގާތްގަނޑަކަށް 9.7 މިލިޔަން އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމެކެވެ. މި މަޝްރޫޢަށް ފައިސާ ހަމަޖެހިގެން ދިޔައީ މިހާރު ކަނޑައަޅާފައިވާ 10 މިލިޔަން ޑޮލަރުގެ އަހަރީ ކަންޓްރީ ލިމިޓުގެ ދަށުންނެވެ.