ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހޯދައި ބެލުމަށް އިޓަލީވިލާތުގެ ވިޔަފާރިވެރިންނަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދަޢުވަތު ދެއްވައިފިއެވެ.
ވަޒީރު މި ދަޢުވަތުދެއްވީ ރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި، އެ ޤައުމުގެ 80 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
1966 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރެވުނީއްސުރެ ދެގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ވަޒީރު ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިޓަލީވިލާތަށް ޚާއްޞަ މަޤާމެއް އޮތްކަން ފާހަގަކުރައްވާފައެވެ.
އެގޮތުން 1970 ގެ އަހަރުތަކުގެ ކުރީކޮޅު ޖޯޖް ކޯބިން ފަދަ އިޓަލީގެ ބޭފުޅުން އިސްނަންގަވައިގެން ރާއްޖެއަށް ބައިނަލްއަޤްވާމީ ފަތުރުވެރިން ތަޢާރަފުކުރުމަށް ކުރެއްވި މަސައްކަތްތަކަކީ ރާއްޖޭގެ އިޤުތިޞާދުގެ މައި ތަނބު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރި ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ވަރުގަދަ ގުޅުމެއް އުފެދިފައިވޭ. ހާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި އިޓަލީވިލާތަކީ އަބަދުވެސް ހާއްސަ މަގާމެއް އޮންނަ ގައުމެއް. އިޓަލީއަކީ މިހާރުވެސް 5 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓު،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ފަތުރުވެރިކަމުގެ އިތުރުން އިޤުތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމުގެ ބޮޑު ފުރުޞަތެއް ދެ ޤައުމުގެ ދެމެދުގައި އެބައޮތް ކަމަށެވެ. ޚާއްޞަކޮށް ޓެކްނޮލޮޖީއާއި އައު އީޖާދުތަކުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން އިޓަލީވިލާތް ހޯދާފައިވާ ކުރިއެރުންތަކަކީ ރާއްޖެއާއެކު ގުޅުން ބަދަހިކުރުމަށް ލިބޭ އަގުހުރި ފުރުޞަތުތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކާއި، ކަނޑުގެ ދިރުންތައް ޙިމާޔަތްކުރުމުގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަޙުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ވޭތުވެދިޔަ 60 އަހަރު ދުވަހުގެ ގުޅުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި އެއްބާރުލުމުގެ ވަރުގަދަ ބިންގަލެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މި އެކުވެރިކަން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް އިތުރު ފާގަތިކަން ގެނެސްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
