ޔަމަނުގެ އަސްކަރިއްޔާއިން 1،208 ހަމަލާތަކެއް ހިންގައިފިއެވެ.

ޔަމަނުގެ ރަސްމީ އަސްކަރިއްޔާއިން ހިންގި 1،208 ހަމަލާތަކުގައި، ހޫޘީ ހަނގުރާމަވެރި ޖަމާއަތުގެ އިސް 370 ކޮމާންޑަރުންނާއި ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް އެ ޤައުމުގެ ދިފާއީ ބާރުތަކުން ހާމަކޮށްފިއެވެ.

ޔަމަނުގެ އަސްކަރިއްޔާއިން މައުލޫމާތު ދީފައިވާ ގޮތުގައި، 'އޮޕަރޭޝަން ޑޯން އޮފް ޔަމަން' ގެ ނަމުގައި ކުރިއަށްގެންދާ މި ޚާއްޞަ އަސްކަރީ ޙަރަކާތްތަކުގައި، ހަނގުރާމަމަތީ މަތިންދާބޯޓާއި، ޑްރޯންގެ އިތުރުން ފީލްޑް އާޓިލަރީ އަދި ރޮކެޓް ލަންޗަރު ބޭނުންކޮށްގެން ހޫޘީންގެ މަރުކަޒުތަކަށް ވަނީ 1,208 ހަމަލާއެއް ދީފައެވެ. މި ހަމަލާތަކުގައި އެ ޖަމާއަތުގެ އެއްގަމު އުޅަނދުތައް ހިމެނޭހެން އަސްކަރީ 120 ވަސީލަތެއް ވަނީ އެއްކޮށް ހަލާކުކޮށްލާފައެވެ.

ޔަމަނުގެ ރިޔާސީ ލީޑަރޝިޕް ކައުންސިލްގެ ރައީސް ރަޝާދު އަލް-ޢަލީމީ ވިދާޅުވީ، މިދިޔަ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު ފެށި މި ކެމްޕޭނުގެ މައިގަނޑު މަޤްސަދަކީ ވެރިރަށް ސަންޢާ ހިމެނޭ ގޮތަށް، ދައުލަތުގެ އެންމެހައި މުއައްސަސާތައް އަލުން އަނބުރާ ސަރުކާރުގެ ބާރުގެ ދަށަށް ގެނައުން ކަމަށެވެ.

2014 ވަނަ އަހަރު ހޫޘީން ވެރިރަށް ސަންޢާ ހިފުމާ ގުޅިގެން ފެށުނު ދާހިލީ ހަނގުރާމައިގައި، ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ ޔަމަނުގެ ސަރުކާރުގެ ދިފާއުގައި 2015 ވަނަ އަހަރުން ފެށިގެން ސަޢޫދީ ޢަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި އަހަރުގެ ޖުލައި މަހުން ފެށިގެން ދެފަރާތުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުންތައް އަލުން ވަރުގަދަވެފައިވާއިރު، އދ. ގެ ރިޕޯޓުތައް ބުނާގޮތުން މި ހަމަނުޖެހުންތަކުގެ ސަބަބުން މިހާތަނަށް ހާހެއްހާ މީހުން މަރުވެ، 250،000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.