މިޝިގަން ސްޓޭޓުގެ ސެނެޓް ގޮނޑި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޢަބްދުލް އަލް-ސައްޔިދު ކާމިޔާބުކުރައްވައިފިއެވެ.

އުމުރުން 42 އަހަރުގެ ޢަބްދުލް އަލް-ސައްޔިދު މި އިންތިޚާބު ކާމިޔާބުކުރެއްވުމާއެކު، ވެގެންގޮސްފައިވަނީ އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގެ، ސެނެޓަށް އިންތިހާބުވި ފުރަތަމަ މުސްލިމް މެންބަރަށެވެ. މިއީ ސެނެޓުގެ އަޣުލަބިއްޔަތު ހޯދުމަށް ރިޕަބްލިކަން ޕާޓީން ގަދައަޅައި މަސައްކަތްކުރަމުންދިޔަ ދަނޑިވަޅެއްގައި، ސިޔާސީ މައިދާނުން ވަކިވެވަޑައިގަންނަވާ ޑިމޮކްރެޓިކް ސެނެޓަރު ގެރީ ޕީޓަރސްގެ ގޮނޑި އެ ޕާޓީއަށް ދިފާއުކޮށްދެއްވުމަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީއެކެވެ.

އާންމު ޞިއްޙަތާ ބެހޭ ދާއިރާގެ ކުރީގެ އިސް އޮފިޝަލެއް ކަމަށްވާ އަލް-ސައްޔިދު ކެމްޕޭނު މައިގަނޑު ގޮތެއްގައި އަމާޒުކުރައްވާފައިވަނީ މަސައްކަތްތެރި އާއިލާތަކުގެ ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމަށާއި، ސިޔާސީ ނިޒާމުގެ ތެރެއަށް ކުންފުނިތަކުން ފޯރުވާ ނުފޫޒުތައް ހުއްޓުވުމަށެވެ.

މި އިންތިހާބުގައި އަލް-ސައްޔިދު އެންމެ ގާތުން ވާދަކުރެއްވީ ކުރީގެ ކޮންގްރެސް މެންބަރު އަދި އެފްބީއައިގެ ކުރީގެ އޭޖެންޓެއް ކަމަށްވާ، އުމުރުން 63 އަހަރުގެ މައިކް ރޮޖާސްއެވެ. ރޮޖާސް މި އިންތިހާބަށް ނުކުމެވަޑައިގަތީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޤައުމީ ފެންވަރުގެ ރިޕަބްލިކަން ލީޑަރުންގެ ފުރިހަމަ ތާޢީދާއެކުގައެވެ.

ކެމްޕޭނުގެ ތެރޭގައި ރޮޖާސް ވަނީ އަލް-ސައްޔިދު އަކީ އިސްލާމީ ހައްދުފަހަނައެޅުމަށް ތާއީދުކުރައްވާ ބޭފުޅެއްގެ ގޮތުގައި ދެއްކެވުމަށް މަސައްކަތްކުރައްވާފައެވެ. އެހެންނަމަވެސް، ޤައުމަށް ދިމާވެފައިވާ އިޤްތިސާދީ ގޮންޖެހުންތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް އަލް-ސައްޔިދު ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ވާދަވެރިންގެ ފާޑުކިޔުންތައް ފަހަނައަޅައި، ރައްޔިތުންގެ ބޮޑު ތާއީދަކާއެކު އޭނާ ވަނީ މި ތާރީހީ ކާމިޔާބީ ހާސިލުކުރައްވާފައެވެ.