ސޫރިޔާގެ މެދުތެރޭގައި އޮންނަ ޙުމްޞްގެ ތެޔޮ ސާފުކުރާ މައި ކާރުހާނާއަށް ހަމަލާދޭން ރޭވި ކަމުގެ ތުހުމަތުގައި، ލުބްނާނުގެ މުޖާހިދުންގެ ޖަމާއަތެއް ކަމުގައިވާ ޙިޒްބުالله އާ ގުޅުން އޮތް ސެލްއެއް ނުވަތަ ގުރޫޕެއްގެ މެންބަރުންތަކެއް ސޫރިޔާގެ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފިއެވެ. އެ ގައުމުގެ ސަލާމަތީ ބާރުތަކުން މި ރޭވުން ނާކާމިޔާބުކޮށްލާފައިވާ ކަމުގައި ނޮވެންބަރު 3 ވަނަ ދުވަހު ރިޕޯޓުކުރީ ސޫރިޔާގެ ދައުލަތުގެ މީޑިއާ ސާނާ އޭޖެންސީ މެދުވެރިކޮށެވެ.

ސޫރިޔާގެ ޖާސޫސީ އިދާރާއާއި ދާހިލީ ސަލާމަތީ ބާރުތައް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، އެ ހަމަލާގައި ބޭނުންކުރަން އުޅުނު ގޮވާތަކެތި އަތުލައިގަނެވިފައިވާ ކަމުގައި ސަލާމަތީ ބާރުން ބުންޏެވެ. ނަމަވެސް، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ކިތައް މީހުން ކަމެއް އަދި މި ރޭވުމުގެ މައުލޫމާތު ލިބުނީ ކޮން ގޮތަކަށް ކަން ސާފުކޮށްދީފައެއް ނުވެއެވެ. ޙުމްޞްގެ ތެޔޮ ސާފުކުރާ ކާރުހާނާއަކީ ސޫރިޔާގެ އެތެރޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ، އެ ގައުމުގެ މައިގަނޑު އެއް ވަސީލަތެވެ.

ސޫރިޔާގެ މި ތުހުމަތުތައް ދޮގުކޮށް ޙިޒްބުالله އިން ނެރުނު ބަޔާނެއްގައި ބުނީ، ސޫރިޔާގެ އެއްވެސް ބިމެއްގައި މިހާރު އެ ޖަމާއަތުގެ އެއްވެސް ހަރަކާތެއް ނޯންނާނެ ކަމުގައެވެ. އަދި، އެ ޖަމާއަތަކީ "ސޫރިޔާގެ ސަލާމަތާއި ހަމަޖެހުމަށް ބުރޫއަރާނެ އެއްވެސް ހަރަކާތެއް" ގައި ބައިވެރިވާ ބައެއް ނޫން ކަމުގައި ވެސް އެ ބަޔާނުގައި ތަކުރާރުކޮށް ފާހަގަކޮށްފައިވެއެވެ.

ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ވައްޓައިލި ފަހުން، ދިމިޝްޤާއި ޙިޒްބުالله ގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ސޫރިޔާގެ ގާތްގަނޑަކަށް 14 އަހަރުވީ ދާހިލީ ހަނގުރާމައިގައި އަސަދުގެ ފައުޖުތަކާއެކު އެ ޖަމާއަތުން ހަނގުރާމަކުރި ނަމަވެސް، ވެރިކަން ބަދަލުވި ފަހުން މީހުން މެރުމާއި، ރޮކެޓު ހަމަލާތަކާއި އަދި ހަތިޔާރު ވަގަށް އެތެރެކުރުން ފަދަ ނުރައްކާތެރި ރޭވުންތަކެއްގެ ތުހުމަތު ސޫރިޔާގެ އޮފިޝަލުން ދަނީ އެ ޖަމާއަތުގެ މައްޗަށް ކުރަމުންނެވެ.