ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ޙޫޘީންގެ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތައް ވަރުގަދަވެ، ތަޢިއްޒު ސިޓީ މުޅިން ހިސާރުކުރެވިފައިވާތީ، އެ ސިޓީގައި ދިރިއުޅޭ 13،000 އަށްވުރެ ގިނަ މާބަނޑު އަންހެނުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާކަމަށް އދގެ އާބާދީއާ ބެހޭ އިދާރާ (ޔޫ.އެން.އެފް.ޕީ.އޭ) އިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ، އެ ސަހަރުގައި އޮތް ނުރައްކާތެރި ހާލަތުގެ ސަބަބުން މާބަނޑު އަންހެނުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ސިއްހީ ފަރުވާއިން މަހުރޫމްވެފައިވާ ކަމަށެވެ.
ތަޢިއްޒަށް ވަދެނުކުމެވޭ މައިގަނޑު މަގުތައް ޙޫޘީންގެ ހަނގުރާމަވެރިން ބަންދުކޮށްފައި ވުމުގެ ސަބަބުން، އިންސާނީ އެހީއާއި، ތެލުގެ އިތުރުން ކާބޯތަކެތި އެތެރެކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
މީގެއިތުރުން، ހަނގުރާމައިގެ ބިރުވެރިކަމާއި، ޖިސްމާނީ އަދި ނަފްސާނީ ގޮތުން އުފުލަންޖެހިފައިވާ ތަކުލީފުތަކުގެ ސަބަބުން ބައިގެންދިޔުމުގެ މައްސަލަތައް އިތުރުވެ، ސިއްހީ ރައްކާތެރިކަމެއް ނެތް ނުރައްކާތެރި ހާލަތްތަކުގައި ވިހަންޖެހޭ މިންވަރު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.
ހަމައެއާއެކު، ތެލުގެ ދަތިކަމާއި ދެމުންދާ ހަމަލާތަކުގެ ސަބަބުން ތަޢިއްޒުގެ މައި ހަސްފަތާލުގައި ހުރި އިންކިއުބޭޓަރުތަކުގެ ހިދުމަތް ކެނޑި، އެ ސަރަހައްދުގެ ގިނަ ސިއްހީ މަރުކަޒުތަކެއްގެ މަސައްކަތްތައް ހުއްޓުމަކާ ހަމައަށް ވަނީ ގޮސްފައެވެ.
މި ހުރަސްތައް ވަގުތުން ނައްތާލައި ސިއްހީ އެހީތެރިކަން ފޯރުކޮށްނުދެވިއްޖެނަމަ، އެތައް ހާސް އަންހެނުންނާއި އަލަށްވިހާ ކުދިންގެ ފުރާނަ ގެއްލިގެން ދިޔުމުގެ ބިރު ބޮޑުވެފައިވާކަމަށް ބައިނަލްއަގުވާމީ އެހީދޭ ޖަމާއަތްތަކުން ވަނީ އިންޒާރުދީފައެވެ.
ޔަމަނުގެ ތަޢިއްޒުގައި 13،000 މާބަނޑު އަންހެނުން ނުރައްކަލުގައި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed