ޔަމަނުގެ ޙޫޘީންގެ ހަނގުރާމަވެރިންގެ އަސްކަރީ ޙަރަކާތްތައް ރޭވުމާއި ހިންގުމުގައި އެހީތެރިވުމަށް، އީރާނުގެ އިންޤިލާބީ ފައުޖު (އައި.އާރް.ޖީ.ސީ) އަދި ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތުގެ އަސްކަރީ މާހިރުން ޔަމަނުގައި ޙަރަކާތްތެރިވަމުންދާ ކަމަށް އެ ޤައުމުގެ ސަރުކާރުން ތުހުމަތުކޮށްފިއެވެ.
ޔަމަނުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި، ޙޫޘީންނަށް އެހީތެރިވުމަށް އައި.އާރް.ޖީ.ސީގެ 14 މެންބަރަކާއި ޙިޒްބުﷲގެ 7 މެންބަރަކާއެކު ޖުމްލަ 21 މާހިރަކު އެ ޤައުމަށް ފޮނުވާފައިވެއެވެ.
ޔަމަނުގެ ދާޚިލީ ވަޒީރު އިބްރާޙީމް ޙައިދާން ވިދާޅުވީ، ޙޫޘީންނަށް ބޭރުގެ ފަރާތްތަކުން ލިބެމުންދާ އެއްބާރުލުން މިހާރު ވަނީ ހަމައެކަނި މާލީ އެހީތެރިކަމާއި ހަތިޔާރު ފޯރުކޮށްދިނުމުގެ އިމުން ބޭރުވެފައި ކަމަށެވެ.
އަދި އެ ފަރާތްތަކުން މިހާރު ސީދާ ގޮތެއްގައި އަސްކަރީ އޮޕަރޭޝަންތައް ވިލަރެސްކުރުމާއި، އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ މަރުހަލާގައި އަމަލީ ގޮތުން ބައިވެރިވަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިގޮތުން އެ މާހިރުން ހަރަކާތްތެރިވަނީ ބެލިސްޓިކް މިސައިލާއި ޑްރޯން ޓެކްނޮލޮޖީ، ފަދަ ޒަމާނީ ހަނގުރާމައިގެ އުކުޅުތައް އަދި ކަނޑުދަތުރުފަތުރަށް އަމާޒުކޮށް ހަމަލާދިނުމުގެ ދާއިރާތަކުން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މި ހަރަކާތްތަކުގެ ސަބަބުން ރަތްކަނޑާއި ބާބުލްމަންދަބް ކަނޑުއޮޅީގެ ވިޔަފާރި އަދި އާންމު ދަތުރުފަތުރަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހިފައިވާތީ، ޙޫޘީންނަކީ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށާއި، އެ ޖަމާއަތަށް ހަތިޔާރު ފޯރުކޮށްދޭ ވިއުގަތައް ހުއްޓުވުމަށް ފިޔަވަޅު އަޅައިދިނުމަށް ޔަމަނުގެ ސަރުކާރުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައިފައެވެ.
ޙޫޘީންނަށް ވާގިވެރިވުމަށް އީރާނާއި ޙިޒްބުﷲގެ އަސްކަރީ މާހިރުން ޔަމަނަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed