ފަރަންސޭސިވިލާތުގައި މިހާރު ކުރިއަށްދާ ޕެރިސް މާސްޓަރސް ޓެނިސް މުބާރާތުގެ ދެވަނަ ބުރުން މިމުބާރާތުގައި 10 ވަނައަށް ސީޑު ކުރެވިފައިވާ ސަރބިއާގެ ނޯވަކް ޖޯކޮވިޗް ޖާގަހޯދާ ސީޒަން ނިންމާ އޭޓީޕީ ފައިނަލްސްއިން ޖާގައެއް ހޯދުމަށް ކުރާ އުންމީދު އާކޮށްފިއެވެ.
މިމުބާރާތުގެ ދެވަނަ ބުރުން ޖޯކޮވިޗް ޖާގަހޯދީ ފުރަތަމަ ބުރުގައި ޕޯލަންޑްގެ ވެލެންޓިން ވަޗެރޮޓް އާއި ބައްދަލުކުރި މެޗު 2-1 ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފެށުނީ ޖޯކޮވިޗް އެންމެ ބޭނުންވިގޮތަކަށް ނޫނެވެ. މިގޮތުން ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް 7-5 އިން ކާމިޔާބު ކޮށްފައިވަނީ ވަޗެރޮޓެވެ. އަދި ދެވަނަ ސެޓުގައި ޖޯކޮވިޗްގެ ކޮނޑަށް އަނިޔާވުމާއި ގުޅިގެން މެޑިކަލް ޓައިމް އައުޓްއެއްވެސް ނެގިއެވެ. މިމެޗުގެ ދެވަނަ ސެޓު ޖޯކޮވިޗް ކާމިޔާބު ކުރީ ފަހަތުން އަރާ 7-5 އިންނެވެ. އަދި ފަހު ސެޓު އޭނާ ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު 6-1 އިންނެވެ. މިމުބާރާތުގެ ދެވަނަ ބުރުގައި ޖޯކޮވިޗް ބައްދަލުކުރާނީ އޮސްޓްރޭލިއާގެ ރިންކީ ހިޔިކާޓާ އާއެވެ.
މިކާމިޔާބީ އާއެކު އަހަރު ނިންމުމުގެ ގޮތުން ކުޅޭ އޭޓީޕީ ފައިނަލުން ޖާގައެއް ހޯދުމަށް ޖޯކޮވިޗް ކުރާ އުންމީދު މިވަނީ އާވެފައެވެ. މިވަގުތު ޖޯކޮވިޗް އުޅެނީ ދުނިޔޭގެ ރޭންކިންގގެ 11 ވަނައިގައެވެ. އަދި ޔަނިކް ސިނަރއަށް އަނިޔާވެފައިވުމާއި ގުޅިގެން އެމުބާރާތުން ޖާގައެއް ހޯދާނަމަ ގަދަ 9 ކުޅުންތެރިންގެ ތެރޭގައި ޖޯކޮވިޗް ޖާގަ ހޯދަން ޖެހެއެވެ. އަދި މިކަން ކުރުމަށްޓަކައި ޕެރިސް މާސްޓަރސްގެ ސެމީ ފައިނަލަށް އެންމެ ދަށްވެގެން އޭނާ ދަތުރު ކުރަން ޖެހޭނެއެވެ.
މިވަގުތަށް ބަލާއިރު 9 ވަނައިގައި އުޅެނީ ސްޕެއިންގެ ރަފައެލް ހޯޑާއެވެ. އަދި މީގެއިތުރުން ފްލާވިއޯ ކޯބޯލީ އާއި އަރތަރ ފިލްސް، ފްރެންސެސް ޓިއަފޯ އަދި އެލެކްސް ޑި މިނޯވެސް އުޅެނީ ޖޯކޮވިޗްއަށް ވުރެ ކުރީގައެވެ. ޖޯކޮވިޗަށް ވަނީ އަނިޔާގެ ސަބަބުން އެންމެ ފަހު ދެ އަހަރުގެ އޭޓީޕީ ފައިނަލްސްގައިވެސް ވާދަކުރެވޭގޮތް ނުވެފައެވެ. ނަމަވެސް އެންމެ ފަހުން ރޭންކިންގެ ސަބަބުން މިމުބާރާތުގެ ޖާގައެއް ޖޯކޮވިޗަށް ގެއްލިފައިވަނީ 2017 ވަނަ އަހަރުއެވެ.
ސީޒަން ނިންމާ މުބާރާތުން މިހާރު ޖާގަ ކަށަވަރު ކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އެލެގްޒެންޑަރ ޒުވަރޭވް، ކާލޯސް އަލްކަރާޒް، ބެން ޝެލްޓަން އަދި ޑަނީލް މެޑްވެޑޭވްއެވެ.
ޕެރިސް މާސްޓަރސްގެ ދެވަނަ ބުރުން ޖޯކޮވިޗް ޖާގަ ހޯދައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed