މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށް ދިވެހިރާއްޖެ ނޫން ހުރިހާ ގައުމެއް ބަނގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ޖަމާވެއްޖެއެވެ.
މާދަމާއިން ފެށިގެން ނޮވެމްބަރު 17 އަށް ކުރިއަށްދާ މުބާރާތަށް ޑާކާ އަށް ދިޔަ ފުރަތަމަ ގައުމަކީ ބޫޓާންއެވެ. މުބާރާތުގެ ތާރީހުގައި އެންމެ ބަލި ގައުމު ޑާކާއަށް ދިޔައީ ހޯމަ ދުވަހު ހެނދުނުއެވެ.
1995 ވަނަ އަހަރު މި މުބާރާތް ކާމިޔާބު ކުރި ސްރީލަންކާ ޓީމު ޑާކާއަށް ދިޔައީ އިއްޔެ ހެނދުނެވެ. އަދި މުބާރާތުގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ އިންޑިޔާ އާއި މިހާތަނަށް ތަށި ހޯދިފައިނުވާ ގައުމެއްގެ ގޮތުގައި އޮތް ޕާކިސްތާން ޓީމު ޑާކާ އަށް ދިޔައީ އިއްޔެ މެންދުރުފަހު ދާދި އެކުއެކީގައެވެ.
މުބާރާތް ބާއްވާ ގައުމަށް އެންމެ ފަހުން ދާނީ ދެ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ދިވެހިރާއްޖެއެވެ. ދިވެހި ޓީމަށް ޑާކާ އަށް ފޯރާނީ ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައެވެ.

މި ފަހަރުގެ މުބާރާތުގައި ބޫޓާން ފިޔަވައި އަނެއް ފަސް ގައުމު ވަރަށް ހަމަހަމަވާނެ ކަމަށް ދެކޭ މީހުން ގިނައެވެ. ސަބަބަކީ އެހެން ގައުމުތަކުގައި ދިރިއުޅުނަސް އެ ގައުމަށް ނިސްބަތްވާ ކުޅުންތެރިން ހިމަނައިގެން ޕާކިސްތާނާއި ބަނގްދަލޭޝް އަދި ލަންކާ ޓީމު ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައިވާތީއެވެ.
މުބާރާތް ހުޅުވާ މެޗުގައި މާދަމާ ބައްދަލު ކުރާނީ ބަނގްލަދޭޝް އާއި ބޫޓާނެވެ. މިއަށްފަހު މާދަމާގެ ފަހު މެޗުގައި ކުޅޭނީ އިންޑިޔާ އާއި ޕާކިސްތާނެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ މި މަހުގެ އަށް ވަނަ ދުވަހު ޕާކިސްތާނާއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑީއާއާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
ނޭޕާލް ސަސްޕެންޑް ކޮށްފައި އޮތުމުން ސާކުގެ ހަ ގައުމު ވާދަކުރާ މުބާރާތް ރާވާފައިވަނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ. އަދި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުން ފެށިގެން ވީއޭއާރު ސިސްޓަމް ބޭނުން ކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ. މިއީ ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ވީއޭއާރު ބޭނުންކުރާ ފުރަތަމަ ފަހަރެވެ.