ބައިނަލްއަޤްވާމީ މީޑިއާތަކަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރި ޕާޓްނަރުންނަށް "ވިޒިޓް މޯލްޑިވްސް އިޔަރ 2027" ރާއްޖެއިން ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މިކަން އިފްތިތާހުކުރީ ވޯލްޑް ޓްރެވަލް މާކެޓް، ޑަބްލިޔުޓީއެމް ލަންޑަން 2026 ގައެވެ.

އަންނަ އަހަރަކީ ފަތުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވާފައެވެ.

"ވިޒިޓް މޯލްޑިވްސް އިޔަރ 2027 – ސެލެބްރޭޓް ދަ ސަނީ ސައިޑް" ކެމްޕެއިންއަކީ 2027 ވަނަ އަހަރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގެ ފުރިހަމަކަން ތަޖުރިބާކޮށް، އެ ތަޖުރިބާތައް ދުނިޔެއާ ހިއްސާކުރުމަށް ދެވޭ ދައުވަތެވެ.

ޑަބްލިޔުޓީއެމްގައި މި ކެމްޕެއިން އިފްތިތާޙިކޮށް ތަޢާރަފުކޮށްދެއްވީ، ރާއްޖެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަތުރުވެރިކަމާ ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ ޔާސިރުއެވެ.

މި ބައްދަލުވުމުގައި ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ އިސްވެރިންގެ އިތުރުން ބައިނަލްއަގުވާމީ މީޑިއާތަކުން ބައިވެރިވިއެވެ.

"ވިޒިޓް މޯލްޑިވްސް އިޔަރ 2027" ބައިނަލްއަޤްވާމީ މާކެޓަށް އިފްތިތާޙުކޮށްފި
"ވިޒިޓް މޯލްޑިވްސް އިޔަރ 2027" ބައިނަލްއަޤްވާމީ މާކެޓަށް އިފްތިތާޙުކޮށްފި

ވިސިޓް މޯލްޑިވްސް އިޔާ 2027 ބައިނަލްއަޤްވާމީ މާކެޓަށް އިފްތިތާހުކުރުން. ފޮޓޯ:ވީއެމްސީ

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ "'ވިޒިޓް މޯލްޑިވްސް އިޔަރ 2027' އަކީ ދިވެހިރާއްޖެ މުޅި ދުނިޔެއަށް ދައްކުވައިދިނުމަށްޓަކައި، ރައްޔިތުންނާއި ފަތުރުވެރިކަމުގެ ސިނާޢަތް އެކަތިގަނޑަކަށްވެގެން ކުރިއަށްދާ ޤައުމީ ދަތުރެކެވެ. މިއީ އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި، މުއްސަނދި ސަގާފަތާއި، މެހެމާންދާރީގެ އިތުރުން ރާއްޖޭގައި ކުރެވޭ ތަފާތު ތަޖުރިބާތައް ފާހަގަކޮށް، ވިޔަފާރިތަކަށާއި މުޖުތަމަޢުތަކަށް އައު ފުރުޞަތުތަކެއް ފަހިކޮށްދޭނެ ކަމެކެވެ.

ވަޒީރު ވަނީ، މިހާރުވެސް ރާއްޖޭގެ މި ކެމްޕެއިންގެ ވާހަކަތައް، ބޭރުގެ މީޑިއާތަކާ ހަމައަށް ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން އެންމެންގެ އަމާޒަކީ ދިވެހިރާއްޖެ އަށް މުޅި ދުނިޔޭގެ ޝައުޤުވެރިކަން އުފައްދައި، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ މައިދާނުގައި ރާއްޖެއަށް އޮތް މަޤާމު އިތުރަށް ވަރުގަދަކޮށް، މި ސިނާޢަތަށް އުޖާލާ މުސްތަޤުބަލެއް ބިނާކުރުމެވެ. 'ސަނީ ސައިޑް އޮފް ލައިފް' މުޅި ދުނިޔެއާއެކު ފާހަގަކުރަމުން، 2027 ވަނަ އަހަރަކީ އަބަދުވެސް ހަނދާން އާކުރާނެ ފަދަ ކާމިޔާބު އަހަރަކަށް ހެދުން." ވަޒީރު އަމީން ވިދާޅުވިއެވެ.

"ވިޒިޓް މޯލްޑިވްސް އިޔަރ 2027" ބައިނަލްއަޤްވާމީ މާކެޓަށް އިފްތިތާޙުކޮށްފި
"ވިޒިޓް މޯލްޑިވްސް އިޔަރ 2027" ބައިނަލްއަޤްވާމީ މާކެޓަށް އިފްތިތާޙުކޮށްފި

ވިސިޓް މޯލްޑިވްސް އިޔާ 2027 ބައިނަލްއަޤްވާމީ މާކެޓަށް އިފްތިތާހުކުރުން. ފޮޓޯ:ވީއެމްސީ

ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާސިރް ވިދާޅުވީ، މިފަދަ ކަމެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށާއި މުޖުތަމަޢުތަކަށް އައު ފުރުޞަތުތަކެއް ފަހިވެގެންދިއުންކަމަށެވެ. އަދި މިއީ ރާއްޖޭގެ ޖަޒީރާވަންތަކަމާއި ޚާއްސަކަން ތަޖުރިބާކުރުމަށް މުޅި ދުނިޔެއަށް ދޭ ދަޢުވަތެއްކަމަށެވެ.

ޔާސިރް ވިދާޅުވީ އެންމެ ބޮޑު ބޭނުމަކީ ރިޒޯޓުތަކުން ފެށިގެން ރަށްރަށުގެ މުޖުތަމަޢުތަކާ ހަމައަށް، މުޅި ފަތުރުވެރިކަމުގެ ޞިނާޢަތް އެކަތިގަނޑަކަށްވެ، ރާއްޖޭގެ ޘަޤާފަތާއި، މެހެމާންދާރީއާއި، ރާއްޖެއިން ފޯރުކޮށްދޭ ތަފާތު ތަޖުރިބާތައް ފާހަގަކުރުންކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ 2027 ވަނަ އަހަރަކީ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށާއި މުޖުތަމަޢުތަކަށް އައު ފުރުޞަތުތަކެއް ފަހިވެގެންދާ އަހަރަކަށް ވުމާއެކު، އިތުރު ދަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، ސަނީ ސައިޑް އޮފް ލައިފް ތަޖުރިބާކުރުމަށް ޝައުޤުވެރިކަން އުފެދިގެންދާނެ އަހަރަކަށް ވުން." ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރު ވިދާޅުވިއެވެ.

މި ކެމްޕޭން އިފްތިތާޙުކޮށްފައި މިވަނީ، ރާއްޖެއިން ފަތުރުވެރިކަމުގެ ޤާއިމުވެފައިވާ މާކެޓުތަކުގައި އޮތް މަޤާމު ވަރުގަދަކުރުމަށާއި، ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

މި ކެމްޕެއިންގެ ތެރެއިން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެއެވެ. އެގޮތުން މި ސިނާއަތުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާއި، ރާއްޖޭގައި ފަތުވެރިކަމުގެ ސިނާޢަތުގައި ހުރި ފުރުޞަތުތައް އިތުރަށް މާކެޓްކޮށް ރާއްޖެ އަންނަ ފަތުވެރިންގެ ޢަދަދު އިތުކުރުން ހިމެނެއެވެ.