ރައީސްގެ ދިފާޢީ ސިޔާސަތަކީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ބޭރުގެ ބަޔަކަށް ބަރޯސާނުވެ އަމިއްލައަަށް ދިފާޢުކޮށް ދެމެހެއްޓުންކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.

ވަޒިރު މިފަދައިން ވިދާޅުވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވމުންނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ޙަސަން ރަޝީދު ވަނީ ދުނިޔޭގެ ސަލާމަތީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވާ ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާންޖެހޭ ނުރައްކާތައް ގިނަކަމަށް ވިދާޅުވެފައެވެ. ރައްޔިތުން ޤަބޫލުކުރަންވީ ހަޤީގަތަކީ ދިވެހިންނަކީ މިސަރަޙައްދުގައި އޮތް އެންމެ ޒަމަންވީ މިނިވަން ދަޢުލަތްކަމަށާއި މި ފަޚުރުވެރި މިނިވަންކަން ގުޅިފައިވަނީ ދިވެހި ރައްޔިތުން އިސްލާމްދީނުގެ މަތިވެރި ޙިދާޔަތުގައި އެއް އަޒުމެއްގައި ދެމިތިބޭ ތިބުމުގެ މައްޗަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ރައީސް ގެ ދިފާޢީ ސިޔާސަތަކީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ބޭރުގެ ބަޔަކަށް ބަރޯސާނުވެ އަމިއްލައަަށް ދިފާޢުކޮށްދެމެހެއްޓުންކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަކީ މި ސިޔާސަތުގެ ދަށުން ކުރަމުންދާ މަސައްކަތްކަމަށާއި ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް އެއްގަމާއި ވަޔާއި ކަނޑުގެ އޮޕަރޭޝަންތަކަށް މީހުން ތަމްރީނުކުރުމާއި ޒަމާނީ ވަޞީަލަތްތައް ހޯދުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

"ނޮވެންބަރު 3ގެ ދުޝްމަނުންނާ ދެކޮޅަށް މަސައްކަތް ކުރި ސިފައިން ދެއްކި ނަމޫނާއިން އަދުގެ ޒުވާނުން އިބްރަތް ހާސިލްކުރަން ޖެހޭ. އަދި އެބޭފުޅުންގެ ޒިކުރާ ތާޢަބަދު އާއުކަރަންޖެހޭ. ޝަހީދުވެގެން ދިޔަ ސިފައިން ފުރާނައިން ޤުރުބާން ވެގެން ދިޔައީ ދީނާއި ޤައުމަށްޓަކައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން." ދިފާޢީ އަދި ވަޠަނީ ޚިދުމަތާއި ބެހޭ ވަޒީރު ހަސަން ރަޝީދު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ނަޞްރުގެ ދުވަސް ހަނދާންކޮށްދެނީ މާޒީގައި ކަބާފައިން ދައްކައިިދިން ނަމޫނާއާ އެއްގޮތަށް ޤައުމީ މަސްލަހަތް އިސްކުރަންޖެހޭ ކަންކަމަށް ވިދާޅުވެފައެވެ. އަދި އަމިއްލަ އެދުމުގެ ކުރިއަށް ދީނާ ޤައުމުގެ މަސްލަހަތު އިސްކުރަންޖެހޭކަމަށާއި އެއްވެސް ބައެއްގެ ބާރުގެ ދަށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރަންޖެހޭނީ އަމިއްލަ ފައިމައްޗަށް ތެދުވުމަށްކަމަށްް ވަޒީރު ވިދާޅުވިއެވެ.