އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.8 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1,803,749 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1,858,995 ފަތުރުވެރިންނާ އަޅާ ބަލާއިރު %3 ދަށް އަދަދެކެވެ.
މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ފަތުރުވެރިންގެ އަދަދުތައް ދަށްވުމަށްފަހު މިދިޔަ މަހު ވަނީ ފަތުރުވެރިންގެ އަދަދުތައް އިތުރުވާން ފަށާފައެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް 194،039 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 192،398 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %0.9 ކުރިއެރުމެކެވެ.

ރާއްޖެއަށް ފަތުރުވެރިން އައި އަދަދު:
* ޖަނަވަރީ: 227،403 ފަތުރުވެރިން
* ފެބުރުވަރީ: 254،556 ފަތުރުވެރިން
* މާރިޗު: 161،259 ފަތުރުވެރިން
* އެޕްރީލް: 152،861 ފަތުރުވެރިން
* މޭ: 142،555 ފަތުރުވެރިން
* ޖޫން: 123,552 ފަތުރުވެރިން
* ޖުލައި: 184،735 ފަތުރުވެރިން
* އޮގަސްޓު: 197,640 ފަތުރުވެރިން
* ސެޕްޓެންބަރު: 197,640 ފަތުރުވެރިން
* އޮކްޓޫބަރު: 194,039 ފަތުރުވެރިން
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން ރާއްޖެއަށް 332,186 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 258,120 ފަތުރުވެރިންނާއެކު 2 ވަނައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.