މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ 2 ޑިރެކްޓަރުންގެ ތެރެއިން ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މަޤާމަށް ޝަރުތުހަމަވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 24ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ކުންފުނީގެ ހިންގާ ޤަވާއިދުގެ 57 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުންނާއި މިހާރުގެ ހިއްސާގެ ނިސްބަތަށް ބަލާއިރު، ސަރުކާރުގެ ފަރާތުން ބޯޑަށް 5 ޑިރެކްޓަރުން ޢައްޔަނުކުރާއިރު ޢާންމު ހިއްސާދާރުން ތަމްސީލުކުރުމަށް 2 ޑިރެކްޓަރުން އިންތިޚާބުކުރަން ޖެހެއެވެ. އަދި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާ ފަދައިން، ބޯޑުގެ މަޤާމަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލެއްވުމަށް ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
ބޯޑު ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަވާންޖެހޭ ބައެއް ޝަރުތުތައް:
• ދިވެހި ރައްޔިތެއް ކަމުގައިވުން.
• ކުންފުނީގެ ޙިއްޞާދާރެއްކަމުގައިވުން، ނުވަތަ ކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ހިމެނޭ ކުންފުންޏަކުން ނޮމިނޭޓްކުރާ ފަރާތަކަށްވުން
• އުމުރުން 30 އަހަރު ވެފައިވުން.
• އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ "ރިކޯޑު ބަލާ ފޯމު" ސާފު ފަރާތެއްކަމުގައިވުން.
• ކުންފުނީގެ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ފަރާތަކަށްވުން.
• މާލީ ރިޕޯޓުތައް ދިރާސާ ކުރުމުގެ ޤާބިލުކަން ލިބިފައިހުރި ފަރާތަކަށްވުން.
• ބަނގުރޫޓުވެފައިވާ ފަރާތެއްކަމުގައި އެއްވެސް ޝަރުއީ ކޯޓަކުން ކަނޑައަޅާފައިވާ ފަރާތަކަށް ނުވުމާއި، ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ގައުމެއްގައި ހުކުމާއި އެއްގޮތަށް އަދާކުރަމުންނުދާ ސާބިތު ދަރަންޏެއް އޮތް ފަރާތަކަށް ނުވުން.
• ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކާއި، ކުންފުނީގެ ކަންކަމަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތެއްކަމުގައިވުން.
• ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް "ޑިސްކޮލިފައިޑް" ނުވަތަ "ސަސްޕެނޑް" ކޮށްފައިވާ ފަރާތަކަށް ނުވުން.
އެމްޓީސީސީން ވިދާޅުވީ، މި މަޤާމަށް މީހަކު ހޮވުމުގައި ކޯޕަރޭޓް ގަވަރނަންސް، ބިޒްނަސް ޑިވެލޮޕްމަންޓް، ޤާނޫނު، ފައިނޭންސް އަދި ކުންފުނީގެ ވިޔަފާރިއާ ގުޅޭ ދާއިރާތަކުން މަތީ ތަޢުލީމާއި ތަޖުރިބާ ޙާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ. އަދި ކުރިމަތިލާ ފަރާތްތައް އިވެލުއޭޓް ކުރާނީ އެމްޓީސީސީ ބޯޑުގެ ނޮމިނޭޝަން އެންޑް ރެމިއުނެރޭޝަން ކޮމެޓީންނެވެ.
މި މަޤާމަށް ޑިރެކްޓަރަކު އިންތިޚާބުކުރުން އޮންނާނީ އެމްޓީސީސީގެ ޚާއްޞަ ޢާންމު ޖަލްސާގައެވެ. ޖަލްސާ ބޭއްވުމުގެ ކުރިން ނޮމިނޭޓްވާ ފަރާތްތަކުގެ މަޢުލޫމާތު ޙިއްޞާދާރުންނަށް ޢާންމުކުރާނެ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ. މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެމްޓީސީސީގެ ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލް (sop.mtcc.com.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.