ފައިސާ މާރުކުރުމުގެ ނަމުގައި ސްކޭމްތައް އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށާއި، މިދިޔަ ހަފުތާގައި އެކަނިވެސް މިފަދަ 17 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މިދިޔަ ހަފުތާގައި ސްކޭމްގެ ޖުމްލަ 32 މައްސަލަ ހުށައަޅާފައިވާ ކަމަށެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ހަފުތާގައި ފުލުހުންނަށް ހުށައަޅާފައިވާ މިމައްސަލަތަކުގައި 737,695.26 ރުފިޔާ ވަނިީ ގެއްލިފައެވެ. އަދި ފުލުހުންގެ އިދާރާއިން ކުރި މަސައްކަތުން މީގެތެރެއިން 144,558.26 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.
ސްކޭމްގެ ބާވަތްތައް:
* ފައިސާ މާރުކުރުން: 17
* އީ-ކޮމާސް: 6
* އިންވެސްޓްމަންޓް: 4
* އޮޅުވާލައިގެން މީހަކަށް ހެދުން: 1
* އެހެނިހެން: 4
ފުލުހުން ވިދާޅުވީ، ސްކޭމް ހިންގުމަށް އާންމުގޮތެއްގައި ބޭނުންކޮށްފައިވަނީ އޮންލައިން މެސެޖިންގ މަންސަތަކާއި، އައިބޭ، ފޯނު ކޯލު، ފިޝިން ލިންކް އަދި ފޭސްބުކް މާރކެޓް ޕްލޭސް ކަމަށެވެ.
އެންޓިސްކޭމް ސެންޓަރުން ވަނީ، މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ކަންކަން ކުރަންވީ ގޮތް ހިއްސާކުރައްވާފައެވެ. ފައިސާ މާރު ކުރާއިރު، ރޭޓު އާދަޔާ ޚިލާފަށް ރަނގަޅުނަމަ އެއީ ސްކޭމަކަށް ވެދާނެކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. އަދި ފައިސާ ޖަމާކުރުމުގެ ކުރިން މާރުކުރާ ފަރާތުގެ ފައިސާ ލިބިއްޖެތޯ ޔަގީންކުރައްވާ، އަދި ކާކުކަން ކަށަވަރުނަވަނިސް ފައިސާ ނުދިނުމަށްވެސް އިލްތިމާސް ކުރައްވައެވެ.
ސްކޭމްތަކުން ރައްކާތެރިވުމަށް ޝައްކުކުރެވޭ އެއްވެސް ލިންކަކަށް ނުފިތުމަށާއި، އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ވީހާވެސް އަވަހަކަށް 125އަށް ގުޅައި ރިޕޯޓް ކުރުމަށްވެސް ފުލުހުން އިލްތިމާސް ކުރައްވައެވެ.