ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ނަޞްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
އެމަނިކުފާނު ދުވަހުގެ ތަޙުނިޔާ ފޮނުއްވާފައިވަނީ، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުގެ ޕޯސްޓުގައި ނަޞްރުގެ ދުވަހުގެ ހެޔޮ އެދުމާއި، ތަޙުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ވަނީ އަރިސްކުރައްވާފައެވެ. އަދި މި ޤައުމުގެ މިނިވަންކަމުގެ ދިފާއުގައި ޝަހީދުވި ބަޠަލުންނަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް ލެއްވުމަށް އެދި ދުއާ ކުރައްވާފައިވެއެވެ.
ނަޞްރުގެ ދުވަހުގެ ހެޔޮއެދުމާއި ތަޙުނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން! މި ޤައުމުގެ މިނިވަންކަމުގެ ދިފާއު ގައި ޝަހީދުވި ބަޠަލުންނަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް ލައްވާށި! އާމީން https://t.co/RyAYYm9XLL
— Hussain Mohamed Latheef (@HucenSembe)November 3, 2026
ދިވެހިރާއްޖޭގައި ނަޞްރުގެ ދުވަސް ފާހަގަކުރަނީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ނުރައްކާތެރި ޢުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލާ، ޢަދާވަތްތެރިންގެ މައްޗަށް ދިވެހީން ހޯދި ނަޞްރު ފާހަގަކުރުމުގެ ގޮތުންނެވެ.
މިއީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމާއި، ދިވެހި ސިފައިންގެ ޤުރުބާނީގެ ދުވަހެކެވެ. 1988 ނޮވެންބަރު ތިންވަނަ ދުވަހު ދިވެހިރާއްޖެއަށް ނިރުބަވެރިން ދިން ނުރައްކާތެރި ޢުދުވާނީ ހަމަލާއިން ދިވެހީންނަށް ލިބިގެންދިޔަ މަތިވެރި ނަޞްރު ގުޅިފައިވަނީ ދިވެހީން އެ ދުވަހު ދައްކައިދިން އެއްބައިވަންތަކަމާއި، ދިވެހި ސިފައިން އެ ދުވަހުވީ މަތިވެރި ޤުރުބާނީއާއެވެ. އެ ޢުދުވާނީ ހަމަލާ މާތްﷲގެ ވާގިފުޅާއެކު ނާކާމިޔާބުކޮށްލީ ދިވެހީންނެވެ. ދިވެހި ސިފައިންގެ ހިތްވަރާއި، ހިންމަތާއި މިންނަތުންނެވެ.
އެ ދުވަހު ދިވެހީންނަށް ނަޞްރު ލިބުނީ، ދިވެހީން ލެއާއި ފުރާނައިން މި ގައުމަށްޓަކައި ޤުރުބާންވެގެންނެވެ. ނުރައްކާތެރި މި ނިރުބަވެރި ހަމަލާގައި ދިވެހީންގެ ތެރެއިން 19 މީހުން ޝަހީދުވިއެވެ. އޭގެތެރެއިން 8 ބޭފުޅުންނަކީ، ހިތްވަރުގަދަ ދިވެހި ސިފައިންނެވެ. އަނެއް 11 ބޭފުޅުންނަކީ، އާންމު ރައްޔިތުންނެވެ. މި ހަމަލާގައި 39 ދިވެހިން ޒަޚަމުވިއިރު، އެތައް ބަޔަކަށް ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން ބޮޑެތި ގެއްލުންތަކާއި އަނިޔާތައް ލިބުނެވެ.