ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ސިފައިންނާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފޮނުއްވައިފިއެވެ.

ފަސްޓް ލޭޑީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވަނީ، މިއަދު ރާއްޖޭގައި ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެކަމަނާގެ ޕޯސްޓުގައި ދިވެހި ޤައުމުގެ ޙައްޤުގައި ޖިހާދުކުރެއްވި ހިތްވަރުގަދަ ބަޠަލުންނާއި، ޝަހީދުންގެ ޒިކުރާ އައުކޮށް ހެޔޮ ދުޢާ ކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެ މިނިވަންކަމުގެ މަތިވެރި ނިޢުމަތުގެ މަތީ އަބަދަށް ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވާފައިވެއެވެ.


ނަޞްރުގެ ދުވަސް ފާހަގަކުރަނީ ސްރީލަންކާގެ ޓެރަރިސްޓު ޖަމާޢަތެއް ކަމަށްވާ "ޕްލޮޓް"ގެ ހަނގުރާމަވެރިންނާއި ދިވެހި އަސްކަރިއްޔާއާ ދެމެދު 1988 ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ހިނގި ކުރިމަތިންލުންތަކުގައި ދިވެހި އަސްކަރިއްޔާގެ މައި ޢިމާރާތުގެ ތެރެއަށް ވަނުމަށް ބާޣީން ކުރި މަސައްކަތްތައް ނާކާމިޔާބުކޮށްލާ ދިވެހި އަސްކަރިއްޔާއާއި، ދިވެހި ޤައުމަށްޓަކައި ޝަހީދުވި ބޭކަލުން ވެވަޑައިގެންނެވި ޤުރުބާނީގެ އަގުވަޒަން ކުރުމަށެވެ. މި އުދުވާނީ ހަމަލާގައި ސިފައިންގެ 8 ބޭފުޅުންގެ އިތުރުން އާންމުންގެ 11 ބޭކަލުން ޝަހީދުވިއެވެ.