ތ. ވޭމަންޑޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 އެނދުގެ ހޮސްޕިޓަލު މަޝްރޫއާ ގުޅޭގޮތުން ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީ، ކުވެއިތު ފަންޑުގެ އިސްވެރިންނާއިއެކު މަޝްވަރާ ކުރައްވައިފިއެވެ.
ކުވެއިތު ފަންޑު ފޯ އެރެބް އިކޮނޮމިކް ޑިވެލޮޕްމެންޓް، ކޭއެފްއޭއީޑީގެ ވަފުދާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިމަޝްރޫއާ ގުޅޭގޮތުން ސަރުކާރުން ގެންގުޅުއްވާ ތަސައްވުރުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި ވޭމަންޑޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލު އިމާރާތުގެ ޕްލޭނާއި ގުޅޭގޮތުން ކުވެއިތު ފަންޑުގެ ބޭފުޅުންނާއެކު ވަޒީރު ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވަޒީރުވަނީ، ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށާއި މުޅި ރާއްޖޭގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަށް އެއްބާރުލުމާއި، ޕާޓްނަރޝިޕުގެ ފުރުސަތުތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ތ. ވޭމަންޑޫގައި 50 އެނދުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ޤާއިމުކޮށްދެއްވުމާއި ގުޅޭގޮތުން ރައީސް ވަނީ، 2025 ވަނަ އަހަރުގެ ނޮވެމްބަރުގައި ވޭމަންޑޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އެކަން ކުވެއިތު ފަންޑުގެ އެހީގައި ކުރިޔަށްދާނެކަން އިއުލާނު ކޮށްދެއްވާފައެވެ.
އަދި ސަރުކާރުން ބޭނުންވަނީ، ރައްޔިތުން ތިބިތަންތަނުގައި ޚިދުމަތްތައް ޤާއިމުކުރުމުގެ އިތުރުން ބޮޑު އަގުގައި ދުރު ހިސާބުތަކަށް ގޮސްގެން ޚިދުމަތް ހޯދުމުގެ 'އަޅުވެތިކަން' ނިމުމަކަށް ގެނެސް، ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ލިބޭނެ މަގުފަހިކޮށްދިނުމަށް ކަމަށްވެސް މީގެކުރިން ރައީސް ވަނީ ވިދާޅުވެފައެވެ.
ވޭމަންޑޫ 50 އެނދުގެ ހޮސްޕިޓަލު މަޝްރޫއު ނިމުމާއެކު އެރަށުން މިހާރު ލިބޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރެވި، އިތުރު ހިދުމަތްތައް ފުޅާވެގެންދާނެއެވެ. މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ ސައިކޭޓްރިސްޓީ، ފިސިއޯތެރަޕީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތާއި، އެހެނިހެން ސިއްހީ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ. މީގެއިތުރުން ދަތުގެ ފަރުވާއާއި، ކުޑަކުދިންނަށް ހާއްސަ ފަރުވާތަކާއި، ޑައިލެސިސް ފަދަ މުހިންމު ހިދުމަތްތައް މިހާރުވެސް އެހޮސްޕިޓަލުން ފޯރުކޮށްދެއެވެ.
