އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް އީރާނަށް އަސްކަރީ ހަމަލާތައް ދޭނެކަމުގެ އިންޒާރު ދެއްވުމާ ގުޅިގެން، އަރަބި ގަލްފުގެ ސަރަހައްދީ ނުތަނަވަސްކަން އިތުރަށް ގޯސްވެއްޖެއެވެ.

އީރާނަށް އަނެއްކާވެސް ހަމަލާއެއް ދީފިނަމަ، އެ ސަރަހައްދުގައި ގާއިމުވެތިބި އެމެރިކާގެ ސިފައިންނާއި، އެ މީހުން ތިބޭ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ގަލްފުގެ ގައުމުތަކަކީ އީރާނުގެ ބަދަލުހިފުމުގެ އަމާޒަކަށް ވެގެންދާނެކަމުގެ ބިރުވެރިކަން މިހާރު ވަނީ އުފެދިފައެވެ.

ބަޙްރައިންގައި ބޭއްވުނު އަހަރީ ސަލާމަތީ ބައްދަލުވުމެއްގެ މައިގަނޑު މައުލޫއަކަށް ވެގެންދިޔައީ މި މައްސަލައެވެ. އެ ބައްދަލުވުމުގައި ސަރަހައްދީ ވެރިންނާއި އަސްކަރީ އިސް ވެރިން ވަނީ މިކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.

ވިލާތުގެ އިސް އޮފިޝަލުން ވިދާޅުވި ގޮތުގައި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އީރާނަށް ވަރުގަދަ ހަމަލާއެއް އަމާޒުކުރުމުގެ ގާބިލުކަން އެމެރިކާއިން މިހާރު ވަނީ އެ ސަރަހައްދުގައި ގާއިމުކޮށްފައެވެ.

ނަމަވެސް، މިޞްރާއި ގަލްފުގެ ގައުމުތަކުން އިއްތިފާގުވާ ގޮތުގައި، އިތުރު އަސްކަރީ ކުރިމަތިލުމަކުން އެއްވެސް ފަރާތަކަށް ލިބޭނެ މަންފާއެއް ނެތް ކަމަށާއި، އޭގެ ސަބަބުން މުޅި ސަރަހައްދަށް ލިބިގެންދާނީ އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ކަމަށެވެ.

އެމެރިކާ ނުވަތަ ޔަހޫދީ ދައުލަތުން އެއްވެސް އުދުވާނެއް ހިންގައިފިނަމަ، ރައްދު ހަމަލާ ދޭނެ މުހިންމު އަމާޒުތައް އީރާނުން މިހާރުވެސް ވަނީ ކަނޑައަޅައިފައެވެ.

އޭގެ ތެރޭގައި ކަނޑުއަޑީގެ މުއާސަލާތީ ކޭބަލްތަކާއި، ގަލްފު ސަރަހައްދުގެ ހަކަތައިގެ މަރުކަޒުތަކުގެ އިތުރުން ފެން ސާފުކުރާ މައި ނިޒާމުތައް ހިމެނެއެވެ.

މި ނުރައްކާތެރި ހާލަތުން ސަރަހައްދު ސަލާމަތްކުރުމަށްޓަކައި، ސަޢުދީ ޢަރަބިއްޔާއާއި ޤަޠަރުން އިސްނަގައިގެން ހަނގުރާމައެއް ފެށުނަ ނުދިނުމަށް ސިޔާސީ އަދި ހާރިޖީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅައި، މުހިންމު މަޝްވަރާތަކެއް މިހާރު ދަނީ ކުރަމުންނެވެ.