ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދުން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މީސް މީޑިއާގައި ނަޞްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްޙޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފަޚުރުވެރި ދިވެހި ސިފައިންނާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށެވެ.
ޝަހީދުންގެ ދުވަހާ ގުޅޭ ލަވައެއްގެ ބައެއް ޙިއްސާކުރައްވައި ކުރެއްވި މި ޕޯސްޓުގައި ރައީސް ވަނީ މި ލޮބުވެތި ޤައުމުގެ ދިފާއުގައި ޝަހީދުވެގެންދިޔަ އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުންއެދި ދުޢާކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފަޚުރުވެރި ދިވެހި ސިފައިންނާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން.
އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް.
"ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ
ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ
ހިޔާ ފެތުރުވީ ރީތި މިނިވަން އަމާނާ
ފިދާކޮށް މި ވަޠަނަށްޓަކާ ރޫޙު ޖާނާ"
މި ލޮބުވެތި ޤައުމުގެ ދިފާއުގައި ޝަހީދުވެގެންދިޔަ އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި. އާމީން.— Dr Mohamed Muizzu (@MMuizzu)November 3, 2026
ސްރީލަންކާގައި ހަރަކާތްތެރިވަމުންދިޔަ ބާޣީ ޖަމާއަތެއްކަމަށްވާ "ޕްލޮޓް"ގެ ހަނގުރާމަވެރި ސިފައިން ކުއްލިއަކަށް މާލެ އަރައިގަތުމުން ދިވެހި ސިފައިން 18 ގަޑިއިރު ބާޣީންނާ ހަނގުރާމަކުރިއެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހުގެ ފަތިހު ޕްލޮޓް ޖަމާޢަތުގެ ޢުދުވާނީ ޙަމަލާތަކާ ދިވެހި ސިފައިން ކުރިމަތިލާންޖެހުނީ ކުށްލިއަކަށެވެ. އެފަދަ ޙަމަލާއެއް ކުރިމަތިވެދާނެކަމުގެ އެއްވެސް މައުލޫމާތެއް ދިވެހި ސިފައިންނަށް ކުރިން ލިބިފައެއްނުވެއެވެ.
ދިވެހި ސިފައިންގެ ކުރިމަތީގައި ބާޣީން ބަލިކަށިވެ، ދިވެހި އަސްކަރިއްޔާގެ މައި ޢިމާރާތުގެ ތެރެއަށް ވަނުމަށް ބާޣީން ކުރި މަސައްކަތް ނާކާމިޔާބު ކޮށްލާފައިވަނީ ދިވެހި އަސްކަރިއްޔާގެ ހިކުމަތްތެރިކަމާއި، ދިވެހި ޤައުމަށްޓަކައި ޝަހީދުވި ދިވެހި ސިފައިން ވެވަޑައިގެންނެވި ޤުރުބާނީގެ މަތިވެރިކަމުގެ ސަބަބުންނެވެ.