އޭއެފްސީ ޗެމްޕިއަންސް ލީގުގައި އުޒުބަކިސްތާނަށް ސައޫދީ އަރަބިއާގެ އަށް ނަސްރު ކުރާ ދަތުރުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމަނައި ދޫކޮށްލައިފިއެވެ.

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ނުލައި ޓީމު އުޒުބަކިސްތާނަށް ދިއުމަށް ނިންމުމަށްފަހު އެ ކުލަބުން ބުނީ ރޮނާލްޑޯ އަރާމު ކުރަން ބެހެއްޓީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުންވެސްމެ ކަމަށެވެ. ސަބަބަކީ މެދުއިރުމަތީގެ ވައިގެ ދަތުރު ފަތުރަށް ކުރިމަތިވެފައިވާ ނުރައްކާތަކާހުރެ ކަމަށެވެ. މީގެ އެންމެ މުހިންމު އެއް ސަބަބަކީ ޔަމަނުގެ ހޫތީން ސައޫދީ އަރަބިއާގެ އެކި ހިސާބުތަކަށް ހަމަލާދެމުން ގެންދިއުމުގެ ސަބަބުން އެ ގައުމުގެ އެއާޕޯޓްތަކަށް ނުރައްކާވެފައިވުމެވެ.

މި ދަތުރުގައި ރޮނާލްޑޯގެ އިތުރުން ކިންގްސްލީ ކޯމަން އާއި މުހައްމަދު ސިމަކަން ވެސް ބައިވެރި ނުކުރަން ވަނީ ނިންމާފައެވެ.

ޗެމްޕިއަންސް ލީގުގައި އުޒުބަކިސްތާނުގެ ޕާކްޓިކާއާ ދެކޮޅަށް ކުޅޭ މެޗަށް ރޮނާލްޑޯ ނުގެންދަން ނިންމިއިރު އޭނާ ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ހެޓްރިކް ހަދައިފައެވެ. އުމުރުން 41 އަހަރުގެ ޕޯޗުގަލްގެ ކެޕްޓަން ވަނީ ކެރިއަރުގައި މިހާތަނށް 985 ލަނޑު ޖަހައިފައެވެ. އޭނާގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ 1000 ލަނޑު ހަމަކުރުމެވެ.

ކޯޗު އެންޖޭ ޕޮސްޓެޗެގްލޫ ބުނީ މިއީ ކުޅުންތެރިންގެ ވޯކްލޯޑް މެނޭޖްކުރުމުގެ ގޮތުން ވެސް ނިންމަން ޖެހުނު ނިންމުމެއް ކަމަށާއި އައް ނަސްރު ކުޅެން ޖެހޭ މެޗުތަކުގެ ތާވަލަށް ބަލާއިރު ބައެއް ކުޅުންތެރިންނަށް މާބޮޑަށް ބުރަބޮޑު ނުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މިގޮތުން ދިގު ދަތުރުތައް ބައެއް ކުޅުންތެރިން ލައްވައި ނުކުރުވައިފިނަމަ ވަރަށް ގިނަ ފައިދާތަކެއް އެބަހުރި ކަމަށެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ވެސް އައް ނަސްރުގެ ފެށުން ރަނގަޅެއް ނުވިއެވެ. ހުޅަނގު އޭޝިއާ ގްރޫޕުގައި މިވަގުތު އެ މީހުން ހިމެނެނީ ނުވަވަނައިގައެވެ. ނަމަވެސް ކޯޗު ބުނީ އޭނާގެ ޓީމު އޮތީ ރަނގަޅު ޓްރެކެއްގައި ކަމަށާއި ފެށުން ގޯސްވި ނަމަވެސް މިހާރު ޓީމު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށެވެ. މިހެންވެ އަމިއްލަ ގައުމާއި ގައުމުން ބޭރުގައި ކުޅެން ޖެހޭ މެޗުތަކާމެދު ކުޅުންތެރިން ތިބީ ވަރަށް ބޮޑު އިތުބާރެއް ކަމަށެވެ.