ސީއެފްއޭ އިންޓަރނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ޗައިނާއަށް ފުރައިފިއެވެ.
މިއީ ޗައިނާގެ ދައުވަތަކަށް ގައުމީ ފުޓްސަލް ޓީމަށް ލިބުނު ފުރުސަތެކެވެ. ސީއެފްއޭ އިންޓަރނޭޝަނަލް ފުޓްސަލް މުބާރާތަކީ ޗައިނާއިން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ. ޗައިނާ އާއި ދިވެހިރާއްޖޭގެ އިތުރުން ދެން މިމުބާރާތުގައި ވާދަކުރަނީ ސައުތު ކޮރެއާ އާއި ހޮންގް ކޮންގެވެ.

މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި މިއަންނަ ބުރާސްފަތި ދުވަހު ކުޅޭނީ ސައުތު ކޮރެއާއާ ދެކޮޅަށެވެ. ފީފާ ފުޓްސަލް ރޭންކިންގަށް ބަލާއިރު މި މުބާރާތުގައި ވާދަކުރާ އެންމެ ރޭންކިން މަތި އަދި އެންމެ ވަރުގަދަ އެއް ޓީމަކީ ސައުތު ކޮރެއާއެވެ. އެ ޤައުމު އޮތީ ރޭންކިންގެ 66 ވަނައިގައެވެ.
ރާއްޖޭގެ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނިކުންނާނީ ހޮންގް ކޮންގާ ދެކޮށެވެ. ހޮންގް ކޮންގަކީ މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން، ފުޓްސަލް ރޭންކިންގައި ރާއްޖެއަށްވުރެ ދަށުން ދަރަޖަ ކުރެވިފައިވާ ހަމައެކަނި ގައުމެވެ. ހޮންގް ކޮންގަށް ލިބެނީ ރޭންކިންގެ 118 ވަނައެވެ.

މުބާރާތުގެ ފަހު މެޗުގައި ރާއްޖެއިން ޗައިނާއާ ދެކޮޅަށް ނުވަވަނަ ދުވަހު ނުކުންނައިރު ޗައިނާއަކީ ފުޓްސަލް ރޭންކިންގެ 84 ވަނައިގައި އޮތް ގައުމެވެ.
ދިވެހިރާއްޖެއަށް ރޭންކިންގައި ލިބެނީ 99 ވަނައެވެ.
ރައުންޑް ރޮބިން އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ކުޅޭނީ ހަމައެކަނި ލީގު ބުރެކެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ މެޗެއް ކުޅުމަށްފަހު، އެންމެ މަތިން ޕޮއިންޓު ލިބޭ ޓީމަކަށް މި މުބާރާތުގެ ޗެމްޕިއަންކަން ލިބޭނެއެވެ.