އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުވެސް ފަލަސްތީނު ޓީމުން ކާމިޔާބުކޮށްފިއެވެ.
ފަލަސްތީނު ޓީމުން މިމެޗު ކާމިޔާބުކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ފަލަސްތީނަށް ލީޑުނަގައިދިނީ ފޯވާޑް ޔަޒާންއެވެ. ފުރަތަމަ ހާފްފެ އެންމެ ފަހު މިނެޓުގައި ފަލަސްތީނު ޓީމުން ނެގި ކޯނަރެއްގައި ދިވެހި ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލާއެކު ފުރަތަމަ ހާފްގެ ކުޅުން ނިމުނީ 2-0 އިންނެވެ.

މެޗު ފެށުނީއްސުރެ ފަލަސްތީނުގެ ޒުވާން ޓީމުން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައި، ދިވެހި ޑިފެންސަށް ބާރުބޮޑުކޮށްފައެވެ. ރާއްޖޭގެ ޒުވާން ކުޅުންތެރިން މެޗުގެ ތެރެއަށް ވަދެ، އެޓޭކްތަކެއް އުފެއްދޭތޯ މަސައްކަތްކުރި ނަމަވެސް، ފަލަސްތީނުގެ ގޯލަށް ސީދާކޮށް މާގިނަ ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.
ދެވަނަ ހާފްގައި ދެޓީމުންވެސް ގިނަ ބަދަލުތަކެއް ފެނިގެންދިޔައިރު ފަލަސްތީނު ޓީމުން ވަނީ ދެވަނަ ހާފްގައިވެސް ގިނަ އެޓޭކްތަކެއް ކޮށްފައެވެ. ފަލަސްތީނުގެ 3 ވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން އެރި ކަރީމް ޔޫސުފްއެވެ.
މިދެޓީމް ބައްދަލުކުރި އެކުވެރިކަމުގެ ފުރަތަމަ މެޗު ފަލަސްތީނުން ކާމިޔާބުކުރީ 5-0 އިންނެވެ.

މިއީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކަށް ތައްޔާރުވުމަށްޓަކައި ދެ ޓީމަށްވެސް ލިބިގެންދިޔެ އެންމެ ފަހު ފަރިތަކުރުމުގެ މެޗެވެ.
ކޯޗު އިބްރާހީމް ސައީދުގެ އިރުޝާދުގެ ދަށުން ކުޅޭ ރާއްޖޭގެ ޓީމު ކޮލިފައިން މެޗުތަކަށް ތައިލޭންޑަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. ކޮލިފައިންގެ ގްރޫޕް ބީގައި ރާއްޖެ އާއި ހޯސްޓް ތައިލެންޑްގެ އިތުރުން ހިމެނެނީ ޗައިނީޒް ޓައިޕޭ، ހޮންގްކޮންގް އަދި ޢިރާގެވެ.
ފަލަސްތީނުގެ ޓީމުވެސް ކޮލިފައިން މެޗުތަކަށް ފުރާނީ މިމަހުގެ 5ވަނަ ދުވަހުއެވެ. އެ ޓީމު ކޮލިފައިންގައި ވާދަކުރާނީ މެލޭޝިޔާގައި ކުޅޭ ގްރޫޕް އެފްގައެވެ. ފަލަސްތީނާއި މެލޭޝިޔާއާ އެކު މި ގްރޫޕުގައި ހިމެނެނީ އިންޑިއާ، ސިންގަޕޫރު އަދި ގުއާމްއެވެ.