ވިލާތުގެ ގިނަ ޤައުމުތަކެއްގައި އެތައް ސަތޭކަ ސުޕަމާކެޓެއްގެ އައިސްއަަލަމާރިތަކާއި ފިނިކުރާ ނިޒާމުތަކުގެ ފިނިހޫނުމިން ގޮތްނޭނގޭ ގޮތަކަށް އުފުލިއްޖެއެވެ. ބެލެވޭ ގޮތުަގައި ފިނިހޫނުމިން މައްޗަށް ދިޔައީ ސައިބަރ ހަމަލާއެއްގެ ސަބަބުންނެވެ.
ސުޕަމާކެޓުތަކުގެ ފުރިޖުތަކުގެ ފިނިހޫނުމިނަށް އަސަރުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ބެލްޖިއަމްއާއި އެސްޓޯނިއާއާއި އަޔަލެންޑްއާއި ލަކްސެމްބާގްއާއި ސްވީޑަން ހިމެނެއެވެ. މީގެ ކުރިން މެކޭނިކަލް ނިޒާމެއްގެ ދަށުން ހިންގަމުން އައި ފުރިޖުތަކާއި ފިނިކުރާ ނިޒާމުތައް މިހާރު ހިންގަނީ އިންޓަނެޓު މެދުވެރިކޮށް ޑިޖިޓަލް ނިޒާމުތަކުންނެވެ. އިންޓަނެޓު މެދުވެރިކޮށް އެ ނިޒާމުތައް ހިންގުމުން ލިބޭ ބަލިކަށިކަން މި ފަދަ ސައިބަރ ހަމަލާތަކުން ހާމަކޮށްދޭ ކަމަށް އިދާރާތަކާއި ވިޔަފާރިތަކުން ބުނެއެވެ.
ސްވީޑަންގެ ޤައުމީ ސައިބަރސެކިއުރިޓީ ސެންޓަރުގެ އިސްވެރިޔާ، ޖޯން ބިލޯ ވިދާޅުވީ އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ހުންނަ ފިހާރަތަކުގެ ފިނިކުރާ ނިޒާމަށް އަސަރުކޮށްފައިވާ ކަމުގެ ގިނަ ރިޕޯޓުތަކެއް ލިބެމުންދާ ކަމަށެވެ. އަދި ޓެކްނޮލޮޖީ ބޭނުންކުރާ އެކި ވަސީލަތްތަކުގެ ތެރޭގައި ސޮފްޓްވެއާ އަދާހަމަ ކުރަންޖެހޭ ގިނަ ޢަދަދެއްގެ ވަސީލަތްތައް ހުރި ކަމަށް ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޔަލެންޑުގެ ތިންވަނައަށް އެންމެ ބޮޑު ސުޕަމާކެޓު ޗޭނުކަމަށްވާ ސުޕަވެލްޔުއިން ބުނީ އެ ބްރޭންޑުގެ 223 ފިހާރައިގެ ތެރެއިން 13 ފިހާރައެއްގައި ބޭނުންކުރަމުންދާ ވަކި މޮޑެލްއެއްގެ ފިނިކުރާ ނިޒާމުތަކުގެ ފިނިހޫނުމިން ރޭގަނޑުގެ ވަގުތުތަކުގައި ވަރަށް ބޮޑަށް މަތިވެފައިވާ ކަމަށެވެ. ބެލްޖިއަމްއާއި ލަކްސެމްބާގުގައި ހުންނަ އަހޯލްޑް ޑެލްހެއިޒްގެ ސުޕަމާކެޓުތަކުގެ ފިނިކުރާ ނިޒާމުތަކަށް ވެސް އަސަރުކޮށްފައިވާއިރު، ފުރިޖު އުފައްދާ ކުންފުންޏެއް ކަމަށްވާ ސަބްކޯވެލްއިން ވެސް ބުނަމުން ދަނީ އެއީ ސައިބަރ ހަމަލާއެއް ސަބަބުން ދިމާވަމުންދާ ކަމެއް ކަމަށެވެ. ފިނިކުރާ ނިޒާމުގެ އެވަޕަރޭޓަރު ހެކަރުން ގަނޑުފިލުވާ މޯޑަށް ބަދަލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް ހެކަރުން ދިން ނުރައްކާތެރި ސައިބަރ ހަމަލާއެއްގައި ފަރަންސޭސިވިލާތުގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ އައިސްއަލަމާރިތަކާއި ފިނިކުރާ ނިޒާމުތަކުގެ ފިނިހޫނުމިން ވަނީ މަތިކޮށްފައެވެ. އޭގެސަބަބުން، އަލިފާނުގެ ހާދިސާތައް ހިނގުމުގެ އިތުރުން އެތައް މިލިއަން ޔޫރޯއެއްގެ ކާބޯތަކެތި ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. އެންމެ ފަހުގެ ހާދިސާތަކުގެ ވެސް އަދި މިދިޔަ މަހުގެ ހަމަލާގެ ވެސް ޒިންމާ މިހާތަނަށް އެެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.
ވިލާތުގެ ސުޕަމާކެޓުތަކެއްގެ ފިނިކުރާ ނިޒާމުތަކަށް ސައިބަރ ހަމަލާތަކެއް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed