ޔަމަނުގެ ލަޙްޖަށް ޙޫޘީ ހަނގުރާމަވެރިން ދީފައިވާ ހަމަލާއެއްގައި އާންމުންގެ 20 މީހުން މަރުވެފައި އަދި ޒަހަމްވެފައިވާ ކަމަށް ޔަމަނުގެ ސަރުކާރުން ބުނެފިއެވެ.
ޙޫޘީންގެ ވަރުގަދަ މިސައިލް ހަމަލާއެއް އަމާޒުކޮށްފައި ވަނީ ލަޙްޖު ޕްރޮވިންސުގެ އަލް-މުޟާރިބާ އަދި އަލް-އަރާޢުގައި ހުންނަ އަލް-ސުޤްޔާ ސިއްހީ މަރުކަޒަށެވެ. ޖުމްލަ 20 މީހުންނަށް ހަމަލާގައި ގެއްލުން ލިބުނު ކަމަށް ސަރުކާރުން ބުނި ނަމަވެސް އޭގެ ތެރެއިން މަރުވީ ކިތައް މީހުން ކަމެއް އަދި ޒަހަމްވީ ކިތައް މީހުންނަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ލަޙްޖް ޕްރޮވިންސަކީ ޔަމަނުގެ ވަގުތީ ވެރިރަށް ޢަދަންއާ ހުޅަނގުންނާއި އުތުރުން އިންވެގެން އޮންނަ ސަރަހައްދެކެވެ. އެހެންކަމުން އެ ޕްރޮވިންސަކީ އެހެން ޕްރޮވިންސުތަކާ ޢަދަން ގުޅުވައިދޭ އިސްތިރާޖީ ގޮތުން މުހިންމު ޕްރޮވިންސެކެވެ. އޭގެ އިތުރުން ތަޢިއްޒުއާއި އައްޟާލިޢުއާއި އަބްޔަންއާއި އަލްބައިދާއާ ވެސް އެ ޕްރޮވިންސު އޮންނަނީ ގުޅިފައެވެ. ލަޙްޖުގެ ބައެއް ޑިސްޓްރިކްޓުތައް އޮންނަނީ ބާބުލް މަންދީބްއާއި ގަލްފް އޮފް ޢަދަން ކައިރީގައެވެ.
ޙޫޘީންނާއި ސަރުކާރުގެ ފައުޖުތަކާ ދެމެދު ހަމަލާތައް ބަދަލުކުރަމުން ދަނީ 2014ވަނަ އަހަރު ސަންޢާ އަތުލައިގައިން ޙޫޘީންގެ އަތް ދަށުގައިވާ ސަރަހައްދުތައް އަތުލުމަށް ސަރުކާރުން ހިންގަމުންދާ އޮޕަރޭޝަން، ޑޯން އޮފް ޔެމެންގެ ދަށުންނެވެ. އެ ހަރަކާތް ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ފާއިތުވި ހަފްތާތަކުގައި ޙޫޘީންނާއި ސަރުކާރަށް ވަފާތެރި ފައުޖުތަކާ ދެމެދު ވަނީ އަލް-މުޟާރިބާ ޑިސްޓްރިކްޓުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އެ ހަމަލާތަކުގައި ދެ ފަރާތުން ކުރެ އެއް ފަރާތަށް ވެސް ކުރި ހޯދިފައެއް ނުވެއެވެ. ލަހްޖުގެ ބޮޑު ބައެއް އޮތީ ސަރުކާރުގެެ ފައުޖުތަކުގެ ބާރުގެ ދަށުގައެވެ. ނަމަވެސް ތަޢިއްޒުއާ ގުޅިފައިވާ އަލް-މުޟާރިބާއާއި އަލް-ޤުބައިޠާއާއި އަލް-މަޣާޘިރާގެ ބައެއް ސަރަހައްދުތައް އަދިވެސް އޮތީ ޙޫޘީންގެ ބާރުގެ ދަށުގައެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި ޔަމަނުގައި އަލުން ހަނގުރާމަ ފެށިފަހުން މިހާތަނަށް ޔަމަނުގެ 290.000އަށްވުރެ ގިނަ މީހުންނަށް ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައިވާ ކަމަށް އދގެ އިންސާނީ މަސައްކަތްތައް ވިލަރެސްކުރާ އިދާރާ، އޯސީއެޗްއޭއިން ވަނީ ބުނެފައެވެ.
ޙޫޘީން ހަމަލާއެއްގައި ޔަމަނުގެ އާންމުންގެ ބަޔަކު މަރުވެއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed