ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އަލްޚަލީލް 10 ދުވަސް ވަންދެން ޔަހޫދީ ސިފައިން ހިސޯރުކޮށްފައި އޮތުމަށް ފަހު އެ ސިޓީއިން މިހާރު ފައިބާފައިވާ ކަމަށް އަލްޚަލީލްގެ ގަވަރުނަރު ވިދާޅުވެއްޖެއެވެ.
ފާއިތުވި ހަފްތާތަކުގައި ޔަހޫދީ ސިފައިންނާއި، ޤަވާއިދާ ޚިލާފަށް ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިންގެ އަނިޔާތަކާއި ދުއްތުރާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޔަހޫދީންގެ އަނިޔާތަކަށް ކެތް ނުކުރެވިގެން ޔަހޫދީންގެ ރިޒާވް ސިފައިންނަށް އަމާޒުކޮށް ފަލަސްޠީނުގެ ދެ ރައްޔިތުން ވަނީ އޮކްޓޯބަރު 23 ވަނަ ދުވަހު ޖިހާދީ ބަޑީގެ ހަމަލާއެއް ދީފައެވެ. ހުޅަނގު އައްސޭރީގެ އަލްޚަލީލްގައި ދިން އެ ހަމަލާގައި ޔަހޫދީންގެ ދެ ސިފަައިން މަރުވެފައިވާއިރު، ފަސް ސިފައިންނަށް ޒަހަމްވެފައިވެއެވެ. ހަމަލާ ދިން ފަލަސްޠީނުގެ ދެ ރައްޔިތުން ޔަހޫދީން ވަނީ ޝަހީދުކޮށްލައިފައެވެ.
އެ ހަމަލާއާ ގުޅިގެން ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަލްޚަލީލް ވަގުތުން ބަންދުކޮށް ހިސޯރުކޮށްފައެވެ. އަލްޚަލީލް ހިސޯރުކޮށްފައި އޮތް 10 ދުވަހު އެ ސަހަރަށް އެއްވެސް ވަރަކަށް ވަދެނިކުތުން އޮތީ މަނާކޮށްފައެވެ. އޭގެ ސަބަބުން އިގްތިސާދީ، ތައުލީމީ، ސިއްހީ އަދި މުނިސިޕަލް ދާއިރާ ހިމެނޭހެން ދިރިއުޅުމުގެ ހުރިހާ ކަމެއް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ގާތްގަނޑަކަށް 3،300 މީހުންނަށް ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވެފައިވެއެވެ.
އަލްޚަލީލްގެ ގަވަރުނަރު ޚާލިދު ދޫދީން ވިދާޅުވީ އަލްޚަލީލުން ޔަހޫދީ ސިފައިން ފައިބާފައިވާކަން މުނިސިޕަލިޓީއިން އަންގާފައިވަނީ ނޮވެމްބަރު މަހުގެ 2ވަނަ ދުވަހު ހެނދުނު 6 ޖެހިއިރު ކަމަށެވެ. ޔަހޫދީ ސިފައިން އަލްޚަލީލުން ފޭބުމުން ފަލަަސްޠީނުގެ ސަލާމަތީ ބާރުތަކުގެ ފުރިހަމަ ބާރުގެ ދަށަށް އަލްޚަލީލް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވި ރައްޔިތުންނަށް މިހާރު ގެދޮރަށް އަނބުރާ އާދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފާއިތުވި 10 ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް މަދަރުސާތަކާއި ޔުނިވަސިޓީތަކުގައި ތައުލީމު ހާސިލްކުރާ ދަރިވަރުން އަނބުރާ މަދަރުސާތަކަށް ދާން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދޫދީން އިތުރަށް ވިދާޅުވީ ކަމަާބެހޭ އިދާރާތަކާއި ފަލަސްޠީނުގެ ސަލާމަތީ ބާރުތަކުން އެ ސަރަޙައްދުގެ ކަންކަން ގާތުން ބަލަމުންދާ ކަމަށާއި، ރައްޔިތުންނަށް ރައްކާތެރިކަމާއެކު ގެދޮރަށް އަނބުރާ ދެވޭނެ ފަދަ މާހައުލެއް ޤާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަލްޚަލީލުން ޔަހޫދީ ސިފައިން ފޭބުމާއެކު މަދު މިނެޓުކޮޅެއްގެ ތެރޭގައި ގެދޮރު ދޫކޮށް ގޮސްފައިވާ ބައެއް އާއިލާތަކުން ވަނީ އަނބުރާ އަންނަން ފަށައިފައެވެ. 10 ދުވަހުގެ މުއްދަތުގެ ތެރޭގައި ޔަހޫދީން އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކޮށްފައިވާ މީހުން ދިރިއުޅޭ އިމާރާތަކަށް ޔަހޫދީ ސިފައިން ގެއްލުންދީފައިވެއެވެ. ބައެއް ގޭގޭގައި ހުރި މުދަލާއި ފައިސާ ވެސް ޔަހޫދީން ވަނީ ފޭރިގެންފައެވެ. އަލްޚަލީލުގެ މުނިސިޕަލިޓީއިން ބުނީ ޔަހޫދީން 15 ގެއެއް ސުންނާފަތިކޮށްލާފައިވާ ކަމަށާއި 327 ފިހާރައެއް ބަންދުކޮށްފައިވާ ކަަމަށެވެ. އެއާއެކު ލިބުނު އިގްތިސާދީ ގެއްލުން 3.8 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
10 ދުވަހުގެ ހިސޯރަކަށްފަހު ޔަހޫދީ ސިފައިން އަލްޚަލީލުން ފައިބައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed