އަމާޒަކީ ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކުން ލިބޭ ފެންވަރުގެ ޚިދުމަތެއް ޤައުމީ އެއާލައިނުގެ ފަރާތުން ފޯރުކޮށްދިނުން ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޗެއާމަން އަޙުމަދު ޝަފީޢު ވިދާޅުވެއްޖެއެވެ.

ޝަފީޢު މިހެން ވިދާޅުވީ، މޯލްޑިވިއަންގެ ފްލީޓަށް ކިންގ އެއާރ 360 މަރުކާގެ ބޯޓު ގެނައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓު ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެ އެއާލައިނުގެ ފްލީޓަށް އަލަށް އިތުރުކުރި ބީޗްކްރާފްޓް ކިންގ އެއާ 360 މަރުކާގެ ބޯޓު މިހާރު މިވަނީ ރާއްޖެ ގެނެސްފައެވެ.

މޯލްޑިވިއަންގެ ފްލީޓަށް މި ބޯޓު ގެނައުން ފާހަގަކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޗެއާމަން އަޙުމަދު ޝަފީޢު ވިދާޅުވީ، ރާއްޖެއަކީ ދުނިޔޭގެ ދެވަނައެއް ނެތް އަދި ލަގްޒަރީ ގޮތެއްގައި ފަތުރުވެރިކަމުގެ ޚިދުމަތްތައް ދެމުންދާ ގައުމެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަކީވެސް މިމަގުން ބައްޓަންވެފައިވާ ނިޒާމަކަށް ހެދުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ، މިކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"މޯލްޑިވިއަންގެ އަމާޒަކީ ރިސޯޓުތަކާއި އެއްފެންވަރުގެ ޚިދުމަތެއް ދިނުން"
"މޯލްޑިވިއަންގެ އަމާޒަކީ ރިސޯޓުތަކާއި އެއްފެންވަރުގެ ޚިދުމަތެއް ދިނުން"
މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާގެ މަތިންދާބޯޓެއް ގެނައުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ޕީއެސްއެމް

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކުގައިވެސް މި ލިބިގެންދާ ފެންވަރުގެ ޚިދުމަތެއް މި އެއާލައިނުގެ ފަރާތުން ފޯރުކޮށްދިނުން. ހާއްސަކޮށް ސެކްޓަރގެ ބޭފުޅުންގެ އިތުބާރު އަދި ދަތުރުކުރާ ފަސިންޖަރުންގެ އިތުބާރު އުފެއްދެވުން އެއީ އަޅުގަނޑުމެންގެ މައިގަނޑު އަމާޒު،" ޗެއާމަން ވިދާޅުވިއެވެ.

ޝަފީޢު ވިދާޅުވީ، ކިންގ އެއާ 360 މެދުވެރިކޮށް ދޭ ލަގްޒަރީ ޚިދުމަތަކީ ނީލާ ކޮރެލްސްއާ ގުޅިގެން ފޯރުކޮށްދެވޭ ޚިދުމަތެއް ކަމުގައިވީނަމަވެސް، މި ޚިދުމަތް ރާއްޖޭގެ އެހެން ރިސޯޓުތަކަށާއި، ވިޔަފާރިވެރިންނަށާއި އަދި އެހެނިހެން ފަރާތްތަކަށްވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޕްރައިވެޓް ޗާޓަރުގެ ގޮތުގައި މި ޚިދުމަތް ދިނުމަށް މަސައްކަތް ކުރޭނެ ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތްތަނުގައިވެސް މި ޚިދުމަތް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ރިސޯޓުތަކާއި، ދާއިރާގެ ހިއްސާދާރުންނަށް ދެއްވާ ކަމަށްވެސް އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޗެއާމަން ވިދާޅުވިއެވެ.

ކިންގ އެއަރ 360އަކީ، މުޅި ދުނިޔޭގައިވެސް ލަގްޒަރީ އުދުހުންތަކަށް ބޭނުންކުރާ ވަރަށް މަގުބޫލު އުޅަނދެކެވެ. ވަރަށް ގިނަ ގައުމުތަކުގައި ލަގްޒަރީ ބޭނުމުގައި އަދި ޗާޓަރު ދަތުރުތައް ކުރުމުގައި މި ބޯޓު ބޭނުންކުރެއެވެ. މި ބޯޓަކީ ހިތްގައިމު އިންޓީރިއާއެކު ފިނި އަދި އޭޓީއާރަށްވުރެވެސް އަވަހަށް މަންޒިލުތަކަށް ދަތުރު ކުރެވޭނެ ބޯޓެކެވެ. އެހެންކަމުން މިއީ މޯލްޑިވިއަންގެ ޚިދުމަތް ފުޅާކުރުމަށް ކުރި މުހިންމު މަސައްކަތެއްގެ ގޮތުގައި އެ އެއާލައިނުން ފާހަގަކުރެއެވެ.

"މޯލްޑިވިއަންގެ އަމާޒަކީ ރިސޯޓުތަކާއި އެއްފެންވަރުގެ ޚިދުމަތެއް ދިނުން"
"މޯލްޑިވިއަންގެ އަމާޒަކީ ރިސޯޓުތަކާއި އެއްފެންވަރުގެ ޚިދުމަތެއް ދިނުން"