ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނުުރައްކާތެރި މިންވަރަށް ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
ވައިގެ ސާފުމިން ބަލާ މިންގަނޑުތަކުން ދައްކާ ގޮތުގައި، ވެރިރަށް މާލެ ސަރަހައްދުގައި ވައި ނުސާފުވުމުގެ މައްސަލަ ވަނީ އިތުރުވެފައެވެ. އެގޮތުން މާލެ ސަރަހައްދުގެ ވައިގެ ތެރޭގައި ޕީއެމް 2.5 ހުރިއިރު، މިއީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯގެ އަހަރީ ގައިޑްލައިން އަށްވުރެ އިތުރު މިންވަރެކެވެ. އަދި މިއީ އާންމު ސިއްހަތަށް ނުރައްކާވެދާނެ ފަދަ މިންވަރެކެވެ.
ރާއްޖޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު މިއަދު ވައިގެ ހާލަތު އެންމެ ރަނގަޅީ އައްޑޫ ސިޓީގައެވެ. ދެކުނުގެ އެހެން ހިސާބުތަކެކޭ އެއްފަދައިން އައްޑޫ ސިޓީގައި ވައިގެ ތެރޭގައި ދުންފުހުގެ އަސަރު ހުރީ، ނިސްބަތުން ދަށް މިންވަރެއްގައެވެ. ނަމަވެސް މެދުރާއްޖެތެރެއާއި އުތުރުގެ ގިނަ ރަށްތަކަށް ދަނީ، ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންނެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިގެ ނުސާފުމިން (އެއަރ ކޮލެޓީ އިންޑެކްސް) ހުރި މިންވަރު:
* މާލެ ސަރަހައްދު- 119
* ށ.ފުނަދޫ - 94
* ދ.ކުޑަހުވަދޫ - 88
* ލ.ފޮނަދޫ - 77
* ފުވައްމަލަކު ސިޓީ - 60
* އައްޑޫ ސިޓީ - 56
ވައި ނުސާފުވުމުގެ ސަބަބުން އިންސާނުންނަށް ކުރު އަދި ދިގު މުއްދަތަކަށް ޞިއްޙީ ގޮތުން އަސަރުތައް ކުރެއެވެ. އޭގެތެރޭގައި ސިކުނޑިއާއި، ނާރުގެ ބަލިތަކާއި، ވިސްނުމުގެ ބާރު ދެރަވާ ފަދަ ކަންކަން ހިމެނެއެވެ. ހަމައެއާއެކު، މާބަނޑު ދުވަސްވަރު ނުރައްކާތެރި ޞިއްޙީ މައްސަލަތައް ދިމާވެއެވެ. އަދި ކުޑަކުދިންގެ ފުއްޕާމޭ ހެދިބޮޑުވުމަށް ހުރަސް އެޅުމާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުމުގެ ނުރައްކާ އިތުރުވެއެވެ.
އެޗްޕީއޭއިން ވަނީ، މިދުވަސްވަރު ރާއްޖޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ކުރަމުންދާތީ، ޞިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާފައެވެ. ޚާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި، ކުޑަކުދިން އަދި ދޮށީ އުމުރުގެ މީހުން ބޭރުގައި ގިނަވަގުތު ހޭދަ ނުކުރުމަށާއި، ބޭރަށް ނުކުންނައިރު މާސްކު އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދިފައިވެއެވެ.
މީގެއިތުރުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންވެސް ދުރަށް ފެންނަ މިންވަރު ދަށްވެފައިވާތީ ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިރުޝާދުދެއްވާފައެވެ.