ހދ. ނޮޅިވަރަމު ސުކޫލަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ، އެ ސުކޫލުގެ ޖާގައިގެ ދަތިކަމެވެ. މިކަމުގެ ސަބަބުން 600 އަށްވުރެ ގިނަ ދަރިވަރުންނާއިއެކު، ފައުންޑޭޝަންއިން ފެށިގެން ގްރޭޑް 10 އަށް ކިޔަވައިދޭ މި ސުކޫލުގައި މިހާރު ކިޔަވައި ދެމުންދަނީ ދެ ދަންފަޅިއަކަށެވެ. މިއީ، އެރަށުގެ ރައްޔިތުންގެވެސް ބޮޑު ޝަކުވާއެކެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން އެރަށު ސުކޫލުގެ މަލްޓިޕާޕޯސް ހޯލެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މި މަސައްކަތް ހަލުވި ދުވެލިގައި ކުރިއަށްދާއިރު، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ، ކޮންކްރިޓް މަސައްކަތްތަކެވެ. މީގެއިތުރުން ސުކޫލަށް އައު އޮފީސް އިމާރާތެއް އިތުރު ކުރުމުގެ މަސައްކަތް ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ނޮޅިވަރަމު ސުކޫލުގެ މަލްޓިޕާޕަސް ހޯލާއެކު ޖާގައިގެ ދަތިކަމަށް ހައްލެއް
ނޮޅިވަރަމު ސުކޫލުގެ މަލްޓިޕާޕަސް ހޯލާއެކު ޖާގައިގެ ދަތިކަމަށް ހައްލެއް

ނޮޅިވަރަމު ސުކޫލުގެ މަލްޓިޕާރޕޯސް ހޯލު ތަރައްގީކުރުމުގެ ތެރެއިން/ ފޮޓޯ: ޕީއެސްއެމް ނިއުސް

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ނޮޅިވަރަމް ކައުންސިލުގެ ރައީސް އަހުމަދު އާމިރު ވަނީ، އެރަށު ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފާހަގަކުރައްވައި، ރައްޔިތުންގެވެސް އެންމެ ބޮޑު ހުވަފެނަކީ އެ ސުކޫލުގެ ކިޔެވުން އެއް ދަންފަޅިއަކަށް ބަދަލުކުރުން ކަމަށް ވިދާޅުވެފައެވެ.

"ސުކޫލަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ސުކޫލުގެވެސް ޖާގައިގެ ދަތިކަން. ޖާގައިގެ ދަތިކަމުގެ ސަބަބުން އަޅުގަނޑުމެން މިހާރުވެސް ކިޔަވަމުން މިގެންދަނީ، ދެ ދަންފަޅިއަށްކަން އަޅުގަނޑު ފާހަގަކޮށްލަން. މީގެއިތުރުން އަޅުގަނޑުމެންގެ ސުކޫލަށް އައު އޮފީސް އިމާރާތެއްވެސް ބޭނުންވޭ. އެބޭފުޅުންގެ އިދާރީ މަސައްކަތްތައް ކުރުމަށް ހުރި ދަތިތައްވެސް ހައްލުވެގެން ދާނެކަމަށް އަޅުގަނޑު މި ގަބޫލުކުރަނީ. އަޅުގަނޑުމެންނަށް ބޭނުންވާ އިތުރު ކްލާސްރޫމުތައް ލިބި، އޮފީސް އިމާރާތެއް ލިބުމުން." ނޮޅިވަރަން ކައުންސިލުގެ ރައީސް އަހުމަދު އާމިރު ވިދާޅުވިއެވެ.

ނޮޅިވަރަމު ސުކޫލުގެ މަލްޓިޕާޕަސް ހޯލާއެކު ޖާގައިގެ ދަތިކަމަށް ހައްލެއް
ނޮޅިވަރަމު ސުކޫލުގެ މަލްޓިޕާޕަސް ހޯލާއެކު ޖާގައިގެ ދަތިކަމަށް ހައްލެއް

ނޮޅިވަރަން ކައުންސިލްގެ ރައީސް އަހުމަދު އާމިރު/ ފޮޓޯ: ޕީއެސްއެމް ނިއުސް

މި މަޝްރޫއު ނިމުމާއެކު، ނޮޅިވަރަމު ސުކޫލަށް ޒަމާނީ ފެންވަރުގެ ތަރައްގީއެއް ލިބި، ދަރިވަރުންގެ މުސްތަގުބަލު އުޖާލާ ކުރުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ. މިފަދަ ތަރައްގީގެ މަޝްރޫއުތަކަކީ ރަށްރަށުގެ ތައުލީމީ ފެންވަރު މަތިކޮށް، ދަރިވަރުންނަށާއި މުވައްޒަފުންނަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރާއި ކުންފުނިތަކުން ދޭ އަހަންމިއްޔަތުކަން ރަމުޒުކޮށްދޭ ކަމެކެވެ.

މަލްޓިޕާޕޯސް ހޯލުގެ ސަބަބުން ދަރިވަރުންނަށް އެކިކަހަލަ އިތުރު ހަރަކާތްތަކާއި ކުޅިވަރުގެ ފުރުސަތުތައް ފަހިވެގެންދާއިރު، އައު އޮފީސް އިމާރާތާއެކު އިދާރީ މަސައްކަތްތަކަށްވެސް މުހިންމު ފަސޭހަތަކެއް ލިބިގެންދާނެއެވެ. މިއީ، އެ ރަށުގެ ރައްޔިތުންނާއި ބެލެނިވެރިން އަދި މުވައްޒަފުން ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި އުއްމީދުތަކެއް ހަގީގަތަކަށްވެ، މުސްތަގުބަލުގައި ސުކޫލުގެ ކިޔެވުން އެއް ދަންފަޅިއަކަށް ބަދަލުކުރުމަށް މަގުފަހިވެ، ސްކޫލަށް ކުރިއެރުންތަކެއް ލިބޭނެ ކަމެއްކަމަށް އެރަށުގެ ރައްޔިތުން ދެކެއެވެ.