ބަނގްލަދޭޝްގައި މި ހަފުތާގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ކުރިން އެ ގައުމުގެ ކުރީގެ ކުޅުންތެރިން ކުޅުނު ޚާއްސަ ފުޓުބޯޅަ މެޗު 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް ކާމިޔާބު ކުރި ކުޅުންތެރިން 2-1 އިން ކާމިޔާބު ކޮށްފިއެވެ.
މުބާރާތުގެ ކުރިން އިއްޔެ ކުޅުނު މެޗުގައި އަނެއް ކޮޅުން ވާދަކުރީ ދިވެހިރާއްޖެ ބަލިކޮށް އެ ގައުމަށް 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްދިން ޓީމެވެ.
ބުރާސްފަތި ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕުގެ ފޯރި ގަދަ ކުރުމަށް ބަނގްލަދޭޝްގެ ލޯކަލް އޮގަނައިޒިން ކޮމިޓީން އިންތިޒާމް ކުރި މެޗުގައި ލަނޑު ޖެހީ ޒާހިދު ހަސަން އެމިލީ އާއި މިތުން ޗައުދަރީއެވެ. ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ ހަމައެކަނި ލަނޑު ޖެހީ އެ ޓީމުގެ މަޝްހޫރު ފޯވަޑް އަލްފާޒް އަހުމަދެވެ. މި މެޗުގައި ކުރީގެ ގިނަ ތަރިން ކުޅުނުއިރު މި ދެ ޓީމުގައި ވެސް ހިމެނުނު ގޯލްކީޕަރު އަމީނުލް ހައްގު އަކީ އެ ގައުމުގެ މިހާރުގެ ކުޅިވަރާ ބެހޭ ސްޓޭޓް މިނިސްޓަރެވެ.

މެޗަށް ފަހު އޭނާ ބުނީ 1999 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ރަންމެޑަލް އާއި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަކީ ބަނގްލަދޭޝަށް ފުޓުބޯޅައިން މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީތައް ކަމަށެވެ. އަދި މި މެޗުގެ ބޭނުމަކީ މިހާރުގެ ތަރިންނަށް ހިތްވަރުދިނުން ކަމަށެވެ.
"މި މެޗުން މޮޅުވުމާއި ދެރަވުމަކީ މާމުހިންމު ކަމެއް ނޫން. މި މެޗުގެ ބޭނުމަކީ އަހަރުމެންގެ މިހާރުގެ ކުޅުންތެރިންނަށް ކުރީގެ ކުޅުންތެރިން އަމިއްލަ ގައުމުގައި ގައުމަށް ކާމިޔާބު ހޯދައިދޭން ކުރި މަސައްކަތް ދައްކުވައިދިނުން. އަހަރުމެން އުއްމީދު ކުރަނީ މި ކުޅުންތެރިން ފަދައިން މިހާރުގެ ކުޅުންތެރިން ގައުމަށް ރީތި ނަން ހޯދައިދޭން ކަމަށް،" އަމީނުލް ހައްގު ބުންޏެވެ.
އޭނާ ވަނީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ޓީމަށް ވަރަށް ބޮޑަށް އިތުބާރު އޮތް ކަމަށް ވެސް ބުނެފައެވެ.
"އަހަރެންނަށް ހީވަނީ އަހަރުމެންގެ ވަރަށް ވަރުގަދަ ސްކޮޑެއް އެބައޮތްހެން. ހަމްޒާ ޗައުދަރީ އާއި ޝަމިޓް ޝޯމް ފަދަ ކުޅުންތެރިން އެ މީހުންގެ މަގާމުގައި ވަރަށް ބޮޑަށް މަސައްކަތް ކުރާނެ. ދެން ކޯޗު ވެސް އެދަނީ ޓީމު ވަރަށް ބޮޑަށް އެކަތި ގަނޑަކަށް ހަދަމުން،" އަމީނުލް ހައްގު ބުންޏެވެ.

އޭނާ ބުނީ ބަނގްލަދޭޝްއިން މުބާރާތުގެ ތަށްޓާ ހަމައަށް ދިއުމަށް ކޮންމެ މެޗެއްވެސް ކާމިޔާބު ކުރަން ޖެހޭނެ ކަމަށާއި މިހެންވެ ވަކި މެޗަކަށް އިސްކަންދިނުމަކީ ގޯހެއް ކަމަށެވެ.
"ހަމައެކަނި އަހަރުމެންގެ ގްރޫޕުގައި ތިބި ގައުމުތަކަށް އެކަނި ސަމާލުކަން ދީގެންނުވާނެ އަހަރުމެން ތަށި ހޯދަން ބޭނުންނަމަ. އަހަރުމެން ހުރިހާ ގައުމެއް ވެސް ބަލިކުރަން ޖެހޭނެ. އަހަރެން މި ފަހަރުގެ ޓީމާމެދު ވަރަށް އުއްމިދު ކުރަން. އެ މީހުން ވަނީ ވަރަށް ޑިސިޕްލިންކޮށް، މޮޅު ފުޓްބޯޅައެއް ކުޅެވޭނެ ބައެއްކަން ދައްކުވައިދީފައި،" އަމީނުލް ހައްގު ބުންޏެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފަށާނީ އަންނަ ބުރާސްފަތި ދުވަހު ބަނގްލަދޭޝްގައެވެ. ނޮވެމްބަރު 17އާ ހަމައަށް ކުރިއަށްގެންދާ މުބާރާތުގައި މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މުބާރާތުގެ ޓިކެޓްގެ އަގު ބޮޑުވުމެވެ. މި ފަހަރުގެ މުބާރާތުގެ މެޗެއްގެ އެންމެ އާދައިގެ ޓިކެޓެއްގެ އަގަކީ 500 ޓަކާ (ފަސްދޮޅަސް ދެ ރުފިޔާ އަށާވީސް ލާރި) އެވެ.
މުބާރާތުގައ ވާދަ ކުރަނީ ސާކުގެ ހަތް ގައުމުގެ ތެރެއިން ހަ ގައުމެވެ. ދިފާއީ ޗެމްޕިއަން އިންޑިޔާ ހިމެނެނީ ދިވެހިރާއްޖެ އާއި ޕާކިސްތާނާއެކު ގްރޫޕް އެކެއްގައެވެ. ބަނގްލަދޭޝް އާއި ބޫޓާނާއި ސްރީލަންކާ ހިމެނެނީ ގްރޫޕް ދޭއްގައެވެ. ސާކުގެ ހަތް ގައުމުގެ ތެރެއިން މި ފަހަރުގެ މުބާރާތުގައި ވާދަ ނުކުރަނީ ހަމައެކަނި ނޭޕާލެވެ. އެ ގައުމު ވަނީ ފީފާއިން ސަސްޕެންޑް ކޮށްފައެވެ.